ޣައްޒާއަށް ދެމުންދާ އުދުވާނީ ޙަމަލާތަކާ އިދިކޮޅަށް އަޑުއުފުލައި އިޙްތިޖާޖުކުރުމުގެ ގޮތުން ދިވެހި ޒުވާނުން އިސްނަގައިގެން ބާއްވާ މުޒާހަރާގައި އެމް.ޑީ.ޕީ ގެ އެންމެހައި މެމްބަރުން އެންމެ މަތީ ދަރަޖައަކަށް ބައިވެރިވުމަށް ގޮވާލުން

noosbayan

އިޒުރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ޙަމަލާތަކާއި އަދި ފަލަސްތީނުގެ ގެ ރައްޔިތުން މަރަމުންދާދިއުމާ އިދިކޮޅަށް އަޑުއުފުލައި އިޙްތިޖާޖުކުރުމުގެ ގޮތުން ދިވެހި ޒުވާނުން އިސްނަގައިގެން އިންތިޒާމްކޮށްގެން މާދަމާ (15 ޖުލައި 2014 ) ވަނަ ދުވަހުގެ ރޭ 9:30 ގައި ސޯޝަލް ސެންޓަރު ކައިރިން ފެށުމަށް ހަމަޖެހިފައިވާ މުޒާހަރާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ އެންމެހައި ޒުވާނުންނާއި، މެމްބަރުންނާއި އަދި މި ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކުން އެންމެ މަތީ ދަރަޖައަކަށް ބައިވެރިވުމަށް މި ޕާރޓީން ގޮވާލަމެވެ.

އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް އެމް.ޑީ.ޕީ އިން އަޑުއުފުލައި އިޙްތިޖާޖްކުރުމަށް މިޕާރޓީގެ ޤައުމީ މަޖިލީހުން މީގެކުރިން ފާސްކޮށްފައިވީހިނދު، މިކަމުގައި އެންމެ ފުރަތަމަވެސް މުޒާހަރާކޮށް އަޑުއުފުލި ޕާރޓީއަކީ މި ޕާރޓީކަން ފާހަގަކުރަމެވެ. އަދި އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް ކުރެވޭ ކޮންމެ މުޒާހަރާއެއްގައި ނުވަތަ އިޙްތިޖާޖެއްގައި މިޕާރޓީން ފުރިހަމައަށް ތާއީދުކޮށް ބައިވެރިވަމުންދާނެއެވެ. އެގޮތުން ޒުވާނުން އިސްނަގައިގެން އަންގާރަ ދުވަހުގެ ރޭ ބާއްވާ މުޒާހަރާ އިންތިޒާމުކުރުމުގައި މި ޕާރޓީގެ ޒުވާނުންގެ ގޮފި އިސްކޮށް ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރަމެވެ.

އެމް.ޑީ.ޕީ އަކީ ޤައުމުތައް އަޅުވެތިކުރުމާއި، ރައްޔިތުން މެރުމާއި، ލާއިންސާނީ އަނިޔާކުރުމާ ދެކޮޅަށް އަބަދުވެސް ވަކާލާތުކޮށް އަޑުއުފުލާ ސިޔާސީ ޕާރޓީއެކެވެ. އަދި ވަކިން ޚާއްޞަކޮށް ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަކީ އަޅުގަނޑުމެން ފަދަ މުސްލިމުންކަމަށްވުމާއި، ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި މުސްލިމުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި އަނިޔާއަކީ އަޅުގަނޑުމެން ދިވެހިންނަށް ވެސް ލިބޭ ނިކަމެތިކަމަކާއި އަނިޔާއެއްކަން މި ޕާރޓީން ޤަބޫލުކުރާހިނދު، އިޒުރޭލުން ޣައްޒާއަށް ދެމުންދާ އުދުވާންތަކާ ދެކޮޅަށް އަޑުއުފުލައި އިޙްތިޖާޖުކުރުމުގައި ސާބިތުކަމާއެކު މި ޕާރޓީ ދެމިއޮންނާނެއެވެ.

14 ޖުލައި 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް