ގަރާރު: ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިހާރު ހިންގަމުންދާ ޢުދުވާނާ ދެކޮޅަށް އަޑުއުފުލުން

ތާރީޚް/ގަޑި:، 22.00 ، 10ޖުލައި 2014

ގަރާރު: ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިހާރު ހިންގަމުންދާ ޢުދުވާނާ ދެކޮޅަށް އަޑުއުފުލުން
ގަރާރު ހުށައެޅިފަރާތް: ގައުމީ މަޖިލީހުގެ މެންބަރު: ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އީވާ އަބުދުﷲ
ތާޢީދު ކުރީ: ގައުމީ މަޖިލީހުގެ މެމްބަރ: މައްޗަންގޮޅި އުތުރު ދާއިރާ ރައީސް އިބްރާޙީމް އަޙްމަދު

އިސްރާއީލުގެ ދިފާޢީ ޙައްޤު ހިންގަނީކަމުގައި ބުނެ އިސްރާއީލުގެ ފަރާތުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ނުހަނު ކަންބޮޑުވެ، ނުރުހުން ފާޅުކުރުމުގެ އަޑުން އެކަން އިންތިހާހަށް ކުށްވެރިކުރަމެވެ.

އަދި މިމައްސަލަ މާބޮޑަށް ނުބައިވެ ފަލަސްޠީނުގެ އެތަކެއް ރައްޔިތުންނެއް މަރުވަމުންގޮސް މައްސަލަ ގޯސްމަތިންލާތީ އދ.ގެ އަމީން ޢާންމު ބަން ކީ މޫން، އިސްރާއީލާއި ފަލަސްޠީނުގެ ވެރިންނަށް ގުޅުއްވައި، މި މައްސަލައަކީ މި ފަހުގެ އަހަރުތަކުގައި މެދު އިރުމައްޗަށް ކުރިމަތިވި އެންމެބޮޑު އެއް ގޮންޖެހުންކަމުގައި ވާތީ، މި ހަމަނެޖުން މައިތިރިކުރުމަށް އެންގެވި އެންގެވުމަށް މި ޕާޓީން ފުރިހަމައަށް ތާއީދުކޮށް،

އަދި އެކުވެރި ޢަރަބި އިމާރާތުން، އިސްރާއީލު ޢަމަލުތަކުން އެތަކެއް މަދަނީ ފުރާނަތަކެއް ފަލަސްޠީނުގައި ނެތިގެން ދާދިއުން އެކުއެކަށް ކުށްވެރިކުރާކަމުގައި ބަޔާންކުރި ކުރުމަށާއި، މި މައްސަލާގައި އިސްރާއީލުން ޢަސްކަރީ ޙަމަލާތައް ރުކުރުވާލީ މާ އަވަހަށްކަމުގައި އުރުދުނުން ބަޔާންކުރި ކުރުމަށާއި، އަދި މިހާ އަވަހަށް ޢަސްކަރީ ވިސްނުމަކަށް އިސްރާއީލުން ދިޔަދިޔުމަކީ ޤަބޫލު ނުކުރެވޭނެ ޢުދްވާނެއްކަމުގައި ތޫނިސްގެ ޚާރިޖިއްޔާއިން ބަޔާންކުރި ކުރުމަށް ވެސް އެމް.ޑީ.ޕީން ތާއީދުކޮށް؛

އަދި މިފަހަރު މިމައްސަލަ ފާލުން ނެއްޓުމުގެ ސަބަބެއްކަމުގައިވި، ފަލަސްޠީނުގެ ބިމުގައި ވަޒަންވެރިވެގެންއުޅޭ އިސްރާއީލުގެ ވަޒަންވެރިން ފަލަސްޠީނުގެ ފުރާވަރުގެ ކުއްޖެއް ދިރިހުއްޓާ ރޯކޮށްލި މައްސަލަ މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ ޤަތުލުތަކާއި ނަފްސު ނިކަމެތިކުރުމުގެ ޢަމަލުތަކަކީ އިސްރާއީލުން ކަނޑައެޅިގެން ވަކި ނިޒާމެއްގެ މަތިން ގެންގުޅޭ އިސްތިޢުމާރީ ސިޔާސަތެއްކަމުގައި މި ޕާޓީން ދެކޭތީ،

އަދި މިހާރު ހިނގަމުން މިދާ ބަރަކާތްތެރި ދުވަސްތަކަކީ ސަމާޙައްތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ ރަމަޟާންމަސް ކަމުގައި ވެފައި، އެ މައްސަރަކީ ޞުލްޙައަށްޓަކައި ޖިހާދުކުރުމުގެ މައްސަރުކަމުގައިވާތީ،
އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް މި ޕާޓީން އަޑުއުފުލައި އިޙްތިޖާޖްކުރުމަށް އިޤްރާރްވަމެވެ.