ސެލެޒްނޯވް ގެ މައްސަލާގައި ރަޝިޔާއިން ކެއްތެރިކަން އިސްކުރުމަށް އެދޭހިނދު، އަދި ރާއްޖޭގައި ހައްޔަރުކުރެވޭ މީހުންގެ މައްޗަށް ޞައްޙަ ކޯޓުތަކުގެ ނިޒާމާއި ފުރިހަމަ އިޖްރާޢަތުތައް ހިންގުމަށް ސަރުކާރަށް ގޮވާލުން

noosbayan

ހެކުކުރުމުގެ ކުށުގެ ތުހުމަތުގައި ތިންވަނަ ޤައުމެއްގެ ކަމާބެހޭ ފަރާތްތަކުން 05 ޖުލައި 2014 ވަނަ ދުވަހު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރ ޕޯރޓުގައި ހިފާ ހައްޔަރުކުރެވުނު ރަޝިޔާގެ ރައްޔިތެއްކަމުގައިވާ ރޯމަން ވަލެރެވިކް ސެލެޒްނޯވް ގެ މައްސަލާގައި ރަޝިޔާއިން ކެއްތެރިކަން އިސްކުރުމަށް އެދޭހިނދު، އަދި މި ޕާރޓީން އަބަދުވެސް ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް އިސްލާޙުކުރުމަށާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި، ނުވަތަ ރާއްޖެއިން ބޭރުގެ ޤައުމުތަކާ ޙަވާލުކުރަންޖެހޭ މީހުންނާމެދު ޢަމަލުކުރުމުގައި ޞައްޙަ ކޯޓުތަކުގެ ނިޒާމާއި ފުރިހަމަ އިޖްރާޢަތުތައް ހިންގުމަށް ދިވެހި ސަރުކާރަށް ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.

ތިންވަނަ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކުރެވުނު ރަޝިޔާގެ އެމީހާ މިރާއްޖޭގައި ހައްޔަރު ކުރުމަށްފަހު އޭނާ ވަގުތުން ރާއްޖޭގެ އިޚްތިޞާސް އިން ބޭރަށް ގެންގޮސްފައިވާކަމާއި އަދި އެކަން އެގޮތަށް ވުމަށް ރާއްޖޭގެ ފުލުހުން ދޫކޮށްލާފައިވާކަމާއި، ރާއްޖޭގައި ހައްޔަރުކުރެވޭ މީހަކު ނަމަ ޞައްޙަ ކޯޓުތަކުގެ ނިޒާމާއި ފުރިހަމަ އިޖްރާޢަތުތައް އެމީހެއްގެ މައްޗަށް ހިންގުމަށް ޤާނޫނު އަސާސީން ލާޒިމުކުރާއިރު، ރަޝިޔާގެ އެމީހާ އާމެދު ފުލުހުން އެގޮތަށް ޢަމަލުކޮށްފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އެކަމުން ވެސް ދަލީލުކޮށްދެނީ އެފަދަ ޞައްޙަ ކޯޓުތަކުގެ ނިޒާމެއް ނުވަތަ ފުރިހަމަ އިޖުރާޢަތުތަކެއް ޤާއިމުކުރެވިފައި ނުވެސް ނެތްކަމެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީ ބަޔާންކުރާގޮތުން ރާއްޖޭގެ ސަރަޙައްދުގައި ކުރެވޭ އެފަދަ ޙައްޔަރުތައް ކުރަންވާނީ ޖިނާޢީ ތަޙްޤީޤްކުރާ ރާއްޖޭގެ ފުލުހުންނެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގެ ބާރުކަނޑުވާލައި، އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ފަރުދީ މިނިވަންކަމަށް އެއްގޮތަކަށް ވެސް ބަލައި ނުލައި، އަދި ދިވެހި ދައުލަތުގެ ބާރުވެރިކަމެއް ނެތްކަން ހާމަވާފަދަ ޢަމަލެއް ދިވެހި ސަރުކާރުން ކޮށްފައިވާކަމީ މި ޕާރޓީން ނުހަނު ކަންބޮޑުވާކަމެކެވެ. އަދި މިފަދަ ޢަމަލުތަކާ ގުޅިގެން ކުރިމަތިވެދާނެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރިއަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކާމެދު މިހާރުގެ ސަރުކާރުން އެއްގޮތަކަށް ވެސް ވިސްނާނުލާކަމީ މި ޕާރޓީން ކަންބޮޑުވާކަމެކެވެ.

ތިންވަނަ ޤައުމެއްގެ ކަމާބެހޭ ފަރާތްތަކުން ރަޝިޔާގެ ރައްޔިތަކު ރާއްޖޭގައި ހައްޔަރުކޮށްގެން ގެންދިއަ މައްސަލާގައި ކަމާބެހޭ ބޭރުގެ ޤައުމުތަކުން ކެއްތެރިކަން އިސްކުރުމަށް މި ޕާރޓީން އެދެމެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް ނުވަތަ ޖުޑިޝަރީ އިސްލާޙުކުރުމުގެ މަސައްކަތާއި، ކުށުގެ ތުހުމަތުގައިވާ ކޮންމެ މީހެއްގެ މައްޗަށް ފުރިހަމަ އިޖްރާޢަތުތައް ހިންގުން ކަށަވަރުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް ދިވެހި ސަރުކާރަށް ބާރުއެޅުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށާއި ބޭރުގެ އެކުވެރި ޤައުމުތަކަށް މި ޕާރޓީން ގޮވާލަމެވެ.

10 ޖުލައި 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް