މިއަދަކީ އެމް.ޑީ.ޕީ ގެ އަހަރީ ދުވަސް

thahuniya

މިއަދަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ ދުވަހެވެ.

މިއަދުގެ މުނާސަބަތުގައި އެމް.ޑީ.ޕީ ގެ ޢާންމު މެމްބަރުންނަށާއި މި ޕާރޓީއަށް ތާޢީދުކުރައްވާ އެންމެހައި ރައްޔިތުންނަށް މަރުޙަބާއާއި ތަޙުނިޔާ އަރިސްކުރަމެވެ.

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި ފުރަތަމަ ރެޖިސްޓްރީކުރެވުނު ސިޔާސީ ޕާރޓީގެ ގޮތުގައި އެމް.ޑީ.ޕީ ރެޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގައެވެ.

އެމް.ޑީ.ޕީ އަކީ މިރާއްޖޭގައި ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ސިޔާސީ ޕާރޓީ ހެދުން މުޅިން މަނާކުރެވިފައިވަނިކޮށް ދިވެހިރައްޔިތުންނަށް އެ ޙައްޤުތައް ހޯދައިދިނުމުގައި އެންމެ ބޮޑަށް މަސައްކަތްކޮށް ޤުރުބާންތައްވެ، އެ ޙައްޤުތައް ހޯދައިދިނުމުގެ އަސްލެވެ. އަދި މި ޕާރޓީއަކީ ރާއްޖޭގައި މިވަގުތުވެސް އޮތް މެމްބަރުންގެ އަދަދު އެންމެ ގިނަ، އަދި އެންމެ ތާޢީދު ބޮޑު ސިޔާސީ ޕާރޓީކަން އުފަލާއެކު ފާހަގަކުރަމެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އުސޫލުން ގިނަ ޕާރޓީ ހިމެނޭ ވާދަވެރި ރިޔާސީ އިންތިޚާބަކުން ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިންތިޚާބުވެވަޑައިގެންފައިވަނީ މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުކަން ވެސް ފާހަގަކުރަމެވެ.

އެމް.ޑީ.ޕީ ގެ އަމާޒަކީ ހަމައެކަނި އިންތިޚާބުތައް ކާމިޔާބުކުރުމާއި އަދި ވެރިކަން ހޯދައި ސަރުކާރު ހިންގުން ނޫންކަމާއި، ނަމަވެސް ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށް ތަރައްޤީގެ ފުރުސަތުތައް ކަށަވަރުކުރުމުގައި އެންމެހައި ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމަކީ މި ޕާރޓީގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އަދި މި ރާއްޖޭގެ މުސްތަޤުބަލައްޓަކައި މި ޕާރޓީ މިގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.

26 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް