އިންޑޮނީޝިޔާގެ 65 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

20 ސެޕްޓެމްބަރ 2010

21

އިންޑޮނީޝިޔާގެ 65 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން، އިންޑޮނީޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖަފަރް ޙުސެއިން، ރޭ ބޭއްވެވި ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ރޭ ހޮލިޑޭ އިން ހޮޓަލުގައި ބޭއްވެވި މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 1947 ވަނަ އަހަރު އިންޑޮނީޝިޔާއަށް މިނިވަންކަން ލިބުނުފަހުން، އެ ޤައުމަށް ލިބިފައިވާ މުއްސަނދި ވަސީލަތްތައް ބޭނުންކޮށްގެން، އެޤައުމުގެ ހީވާގި ރައްޔިތުންގެ އެހީގައި، މިއަދު އިންޑޮނީޝިޔާއަކީ ވަރަށް ބާރަށް ތަރައްޤީވަމުން އަންނަ ވަރަށް ކާމިޔާބު، ޤައުމަކަށްވެފައިވާ ކަމުގައި ވިދާޅުވިއެވެ.

އިންޑޮނީޝިޔާއަކީ، ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމުކަން ފާހަގަކުރައްވަމުން، އިސްލާމީ ދުނިޔޭގައި އިންޑޮނީޝިޔާއިން އިސް ދައުރެއް އަދާކުރަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެޤައުމާއި، އޭޝިޔާގެ ދިގު އިސްލާމީ ތާރީޚާއެކު، އިސްލާމީ ދުނިޔޭގައި އިސްދައުރެއް އަދާކުރުމުގެ ތަޖުރިބާއާއި، ދެނެގަތުމާއި، ޤާބިލްކަން އިންޑޮނީޝިޔާއަށް ލިބިފައިވާކަން ގަބޫލުފުޅު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑޮނީޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމަށް ބައްލަވާލައްވަމުން، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތާނގައި އެކި ދާއިރާތަކުން އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި އިންޑޮނީޝިޔާއާ ދެޤައުމުގެ ދެމެދުގައި ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ޑިމޮކްރަސީ ބިނާ ކުރުމުގެ ދާއިރާގައި އިންޑޮނީޝިޔާއަށް ލިބިފައިވާ ތަޖުރިބާއިން، ރާއްޖެއަށް ޙާޞިލު ކުރެވިދާނެ ވަރަށް ގިނަ ފިލާވަޅުތަކެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ.

އިންޑޮނީޝިޔާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޯގަސްޓް މަހުގެ 17ވަނަ ދުވަހެވެ.