ރައީސުލްޖުމްހޫރިއްޔާ، އިންޑޮނީޝިޔާ ސަފީރާ ބައްދަލުކުރައްވައިފި

20 ސެޕްޓެމްބަރ 2010

1

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑޮނީޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ޖަފަރު ޙުސެއިނާ އިއްޔެ މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ރާއްޖެއާއި އިންޑޮނީޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުންނާއި، ޘަޤާފީ އަދި އިޤްތިޞާދީ ދާއިރާއިންވެސް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު މިހާރު ވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައިކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ އިންޑޮނީޝިޔާގެ ވިޔަފާރިވެރިންނަށް ސަރުކާރުން މަރުޙަބާ ވިދާޅުވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރައްވައި ތަފާތު ބާވަތުގެ މަސްވެރިކަން ތަޢާރަފް ކުރެއްވުމަށް ސަރުކާރުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާއިރު، މި ރޮނގުން އިންޑޮނީޝިޔާއަށް ލިބިފައިވާ ތަޖުރިބާ ރާއްޖެއަށް ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑޮނީޝިޔާގެ އިޤްތިޞާދާބެހޭ މަޢުލޫމާތު އިންޑޮނީޝިޔާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.