މެމްބަރުންގެ ޚިޔާލު: ބިނދޭވަރަށް މުރަނަނުވެ މިކަން ނިންމަމާ ހިނގާށެވެ

20 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

އަނިޔާވެރި ޚުދުމުޚްތާރު ވެރިކަމުގެ ޘަޤާފަތެއްގެ އަހުލުވެރީންގެ ފަރާތުން ރައީސް ނަޝީދަށް ކިތަންމެ އުނދަގޫތަކެއް ފޯރިކަމުގައި ވީނަމަވެސް އެކަމާ އަޅާލެއްވުމެއްނެތި މިޤައުމަށްޓަކައި ކުރައްވަން އެމަނިކުފާނު ވަޢުދުވެ ވަޑައިގެންނެވި ކަންކަމައިގެން ކޮންމެ ޙާލެއްގައިވެސް އެވަޑައިގަންނަވަނީ ކުރިޔަށެވެ.
ޤައުމު ކިތަންމެ ކުޑަވެފައި ވަޞީލަތްތައް އަމުދުން ނެތް ނަމަވެސް، މުޅިދުނިޔޭގެ ވެރީންގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްސިއްޔަތުކަމުގައި ހޮވިވަޑައިގެންފައިވާ، މި ލޮބުވެތި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެގެންދަވަނީ ރާއްޖޭގެ ރައްޔިތުން ކޮސްވާހާ ހަލުވި މިނުގައި މިރާއްޖެއަށް ތަރައްޤީ ގެންނަވަމުންނެވެ. އެމަނިކުފާނު އެގެންދަވަނީ ރާއްޖޭގެ ހިކިފަސް ސަރަހައްދު ބޮޑުކުރަމުންނެވެ. ދަތުރުފަތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްހެން އެވަނީ ގުޅާލެވިފައެވެ. އުމުރުން ދުވަސްވީމީހުން، އެމީހުންގެ ގެއްލިފައިވާ ދަތްޕިލަތަކާއި ނަންބަރު އައިނުތައް ހޯދައި، އާކޮށްފިއެވެ. ނިކަމެތީންނާއި ނުކުޅެދުންތެރިން އިހު ކުރަމުން ދިޔަ ހިތާމަތައް ލުއި ވެއްޖެއެވެ. އެކަނިވެރިމައިންގެ ގިސްލުމުގެ އަޑު ކެނޑިއްޖެއެވެ. މަގުތައް މަތިން ފެންނަމުން ދިޔަ، މަސްތުވެ ހޭދެބައިވެފައިވާ ޒުވާނުން މުޅިންހެން ގެއްލިއްޖެއެވެ. ބޯހިޔާވަހިކަން އަތްފޯރާފަށަށް އަންނާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ދިރިއުޅުމުގެ އަގުތައް ތިރި ވުމުގެ ކޮޅުމަތި ފެނިއްޖެއެވެ.
މި ކަންކަމަކީ ބަޔަކަށް ނުވަތަ މީހަކަށް ދުއްތުރާ ކުރާނޭ އެންމެ މަތީ މިންވަރަށް ކުރީގެ ވެރިކަމާއި ގުޅިފައިވާ އިދިކޮޅު މީހުންގެ ފަރާތުން މިސަރުކާރަށާއި ރައީސް ނަޝީދަށް ދަތިއުނދަގޫތައް ކުރިމަތި ކުރަމުންދަނިކޮށް ރައީސް ނަޝީދު ޙާސިލްކުރައްވާފއިވާ ކާމިޔާބީތަކެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބައިތުލްމާލުން މުއްސަނދިކޮށްދީ ތަލީގައި ޖަމާކޮށްފައިހުރި ފައިސާގަނޑުގެ ބާރުގައި ހެއްލުންތެރި އެތައްބަޔަކަށް ބައިއަޅައިގެން މިސަރުކާރު ފުނޑުފުނޑުކޮށްލުމަށް އެވެރީން އެގެންދަނީ މިގައުމުގެ އަމަން އަމާންކަންވެސް އެފުށްމިފުށަށް ޖަހަމުންނެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ އެހީތެރިކަމެއް ހުއްޓުވާލުމަށް މަކަރުވެރި ރޭވުންތައް ރާވައި ދެދުވަހުން އެއްދުވަހު ސަރުކާރުގޮވައިގެން ކޯޓަށްގޮސް ގަނޑުފަށެއް އެބަގަނެއެވެ. ތިމާމެން އަމިއްލަޔަށް ބޮލާފޮށާ އެޅި ރައްޔިތުންގެ ނުރުހުމާ ފާޑުކިޔުން އިންތިހާއަށް ދާއިރުވެސް ހަސަދަޔާއި ނޭއްގާނީކަމުގައި ހައްދުފަހަނަޅައިފައިވާ އަނިޔާވެރީން އެމީހުންގެ މަސައްކަތުގައި އެތިބީ ފިސާރިޔަކަށް އަތްއޮޅާލައި ފޫގަޅައިގެންނެވެ.
ނަމަވެސް އިޚްލާސްތެރީންގެ ދުޢާއާއި އެކު ރައީސް ނަޝީދުގެ ޒަޢާމަތަށް އެއްދުވަހުން އަނެއްދުވަހަށް މިދަނީ ފާގަތިކަމާ ކުރިއެރުން މިންވަރު ކުރައްވަމުންނެވެ. އެއްދުވަހުން އަނެއްދުވަހަށް ޤައުމަށް ކުރިއެރުން ލިބެމުން ހަލުއިކަމާއެކު ރައްޔިތުންގެ މުހުތާދުތައް ފުދެމުން ދާތަން މިދަނީ އިރާދަކުރެއްވިއްޔާ ފެންނަމުންނެވެ. އިއްޔެ އެއްކަލަ އަނިޔާވެރީން ފައިގައިހިފާ ދަމައި ގެންގޮސް ކަރު އަނދަގޮނޑި ޖައްސާ މަރާލައި ވަސްވެސް ނެތި ކޮއްލާން ފައިވިއްދި މީހާ ފިސާރި ސާބިތުކަމާއެކު ﷲ ގެ އަމުރުފުޅާ އިރާދަފުޅުން މިޤައުމުގެ ވެރިކަމުގައި ހުންނަވައިގެން ރައްޔަތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވަމުން އެހެރަ ގެންދަވަނީއެވެ. އިއްޔެ ދޫނިދޫގައި މައުމޫނުގެ އަމުރަށް ގޮނޑިއެއްގައި ދެއަތް ފުރަގަހަށް ބަނދެ މޫނާއި ބޮލަށް ބަތްތަށި އޮއްސާލައި އިހާނެތިކުރި މީހާއަކީ މިއަދު ﷲގެ މިންވަރުފުޅުން މިޤައުމުގެ ވަލީއުލް އަމުރުގެ މަޤާމުގައި ކީރިތި ކަމާއި މޫރިތި ކަމުގައި ހުންނެވި މީހާކަމުގައި މިންވަރު ކުރެއްވުމުން ހަސަދައިން ފުރިގެންވީ މައުމޫނީ ހިއްތަކަށް އެކަން ހަޖަމުކުރާން ކީއްކުރާން އެމަންޒަރު ބަކލާންވެސް އެވަނީ ނުކުޅެދިފައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރްސާދުގައި، ޚާލިޤުލް ކައުނައިނިވާކަން މިއުރެންނަކަށް އަދިވެސް ޤަބޫލެއް ހަމަނުކުރެވެއެވެ.
ރައީސް ނަޝީދުގެ ކެއްތެރިކަމާއި ދޫދެއްވުން އޭގެ ނާޖާއިޒު ގޮތުގައި ނަގައިގެން އަނިޔާވެރީން އެގެންދަނީ މިޤައުމު ހަފައި،ކައި ހުސްކުރަމުންނެވެ. އެމީހުންގެ ބާލީސްތަކަށް ލައްވައި ހަރުކުރި “ބަންޑާރަކަފަ” ތަކުން ހާކިމުންނަށް ހޭހަން ކޮށްދީގެން ތުނބުލައިދުވާ ކޮންމެ މީހަކަށް ބައިއަޅައިގެން މިޤައުމު ސުންނާފަތި ކުރުމަށް އެކުރާ މަސައްކަތްވެސް ﷲ ބައްލަވައި ވޮޑިގެން ވާކަން އެއުރެން ނުދަނެއެވެ.
އާއެނކެވެ. އަނިޔާވެރީންނާއި މެދުވެސް ހެޔޮގޮތުގައި މުއާމަލާތް ކުރުމަށް މިދީން ބާރުއަޅާވެސް މެއެވެ. އެހެނަސް މިފަދަ ނުބައި ނުލަފާ ޚާއިނުންނަށް އެމީހުންގެ ޚިޔާނާތް ތެރިކަމުގެ އަދަބު ނުދީ ބައިތިއްބުމުގެ ނަތީޖާއަކީ އެންމެފަހުން އެމީހުންގެ ފިތުނައިގައި މުޅިގައުމު ބެހިގެން ދިއުންކަމުގައި ވެދާނެކަން ދެނެ އަމަލުކުރަންވީ ވަގުތު އަތުވެއްޖެއެވެ. ހެޔޮކަމުގެ ގޮތުން ކުރާ ކަންކަންވެސް ޤަބޫލުނުކޮށް ހިތުގެ ހަސަދަވެރިކަމުގައި މިޤައުމު ފަނާކޮށްލަން މިއުޅޭ އަނިޔާވެރީންނަށް ޙައްޤު އަދަބުދޭން މިއަދު ވެއްޖެކަމުގައި ނުވޭހެއްޔެވެ؟” ފެލޭވަރަށް ދިޔާނުވެ” ބިނދޭވަރަށް މުރަނަނުވެ” މިކަމުގައިވެސް ގޮތެއް ނިންމާލަން ވެއްޖެއެވެ. މިޤައުމުގެ ކުރިމަގު ބަނަވެގެން ދިޔަނުދިނުމަކީ ވެރިކަމުގެ ފަރާތަށް ލާޒިމްކުރާ ކަމެކެވެ.