ޖީއެމްއާރު އެއްބަސްވުމާ ގުޅުވައިގެން އެމް.ޑީ.ޕީ އަށާއި މި ޤައުމަށް ދިން ބޮޑު ގެއްލުމުގެ މައްޗަށް ރާއްޖޭގެ ކޯޓުތަކުގައާއި އެހެން ޤައުމުތަކުގެ ކޯޓުތަކުގައި ދަޢުވާ އުފުލުމުގެ މަސައްކަތް މިޕާރޓީން ފެށުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ސަރުކާރުގައި އެއާރ ޕޯރޓް ތަރައްޤީކޮށް ހިންގުމަށް ޖީ.އެމް.އާރު އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ސަބްސިޑިއަރީއެއް ކަމުގައިވާ ޖީ.އެމް.އާރު އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓަޑާއެކު ވެފައިވާ ކޮންސެޝަން އެއްބަސްވުން، އެ އެއްބަސްވުމުގައި ވާގޮތާއި އަދި ޤާނޫނާ ޚިލާފަށް، ބަޣާވާތުގެ ސަރުކާރުން އުވާލައި ޖީއެމްއާރު ރާއްޖެއިން ބޭރުކުރިކުރުމުގެ ސަބަބުން މިރާއްޖެއަށް ނުވަތަ ދައުލަތަށް ކުރިމަތިވި ގެއްލުމަކީ މިހާތަނަށް މިރާއްޖެއަށް ކުރިމަތިކުރުވި އެންމެ ބޮޑު ގެއްލުންކަމުގައި ވެގެންގޮސްފައވީހިނދު، އަދި އެމް.ޑީ.ޕީއަށް ވެސް ކުރިމަތިކުރުވި އެންމެ ބޮޑު ގެއްލުމަކަށް ވީހިނދު، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އަދި އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ރާއްޖޭގެ ކޯޓުތަކުގައާއި އެހެން ޤައުމުތަކުގެ ކޯޓުތަކުގައި ދަޢުވާ އުފުލުމުގެ މަސައްކަތް މިޕާރޓީން ފަށައިފީމެވެ.

މިގޮތުން، މިކަމުގެ މައްޗަށް މިރާއްޖޭގެ ކޯޓުތަކަށާއި އެހެން ޤައުމުތަކުގެ ކޯޓުތަކަށް ދުސްތޫރީ، ޖިނާޢީ، މަދަނީ އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތައް ހުށަހެޅުމުގެ ގޮތްތައް މި ޕާރޓީން މިހާރު ބަލަމުން އެބަ ގެންދަމެވެ.

ޖީއެމްއާރު އެއްބަސްވުމާ ގުޅުވައިގެން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އަދި ބަޣާވާތުގެ ބައިވެރިންވަނީ ދޮގު ވާހަކަތައް ފަތުރައި، އެމް.ޑީ.ޕީ އާމެދު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފައްދައި އަދި މި ޕާރޓީގެ އަބުރު ގެއްލުވާލުމުގެ މަސައްކަތްކޮށްފައެވެ. އަދި މިރާއްޖެ ބޮޑު ފިތުނަވެރިކަމަކަށް ވައްޓާލައި، ބަޣާވާތަކަށް މަގުފަހިކޮށް، މިރާއްޖޭގެ ރައްޔިތުން އިންތިޚާބުކުރި މި ޕާރޓީގެ އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލައިފައެވެ. އަދި އަނިޔާވެރިކަމާއި ނާއިންސާފު އިންތިހާއަށް އިސްކޮށް މި ރާއްޖޭގެ ތަރައްޤީ އެއްކޮށް މަޑުޖައްސުވާފައެވެ. ހަމައެފަދައިން، ޖީއެމްއާރު އެއްބަސްވުން އުވާލުމުގެ ސަބަބުން މާލީގޮތުން މިރާއްޖެއަށް ނުއުފުލެވޭވަރުގެ ބޮޑު ބުރައެއް އުފުލަންޖެހުމާއި، އިންވެސްޓަރުންގެ އިތުބާރު ގެއްލުމާއި، ދޭދޭ ޤައުމުގެ ގުޅުމަށް ބުރުއެރުމާއި، ރާއްޖޭގެ އަގު ބައިނަލް އަޤުވާމީ ފަރާތްތަކުގެ ކުރިމާތީގައި ވެއްޓި ދިއުން ހިމެނެއެވެ.
މިކަންކަމަކީ މިރާއްޖޭގެ ޤާނޫނުތަކުން މަނާ ކަންކަންކަމާއި އަދި ޖިނާޢީ ބޮޑެތި ކުށްތައް ކަނޑައެޅިފައިވާ ކަންކަމަށްވާތީ، މި ޕާރޓީން މި މައްސަލަތަކުގައި ދޫދިނުމެއްނެތި، ރާއްޖެއާއި ދުނިޔޭގެ ޤައުމުތަކުގެ ކޯޓުތައް މެދުވެރިވެގެން ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދޭނޭކަމުގެ ޔަޤީންކަން މި ޕާރޓީން އަރުވަމެވެ.

އެމް.ޑީ.ޕީގެ ސަރުކާރުން ޖީއެމްއާރު އާއެކު ވެފައިވާ އެއްބަސްވުމަކީ މި ޤައުމަށް ނުހަނު ފައިދާހުރި އަދި ޞައްޙަ އެއްބަސްވުމެއްކަމަށްވާއިރު، އެ އެއްބަސްވުން ބަޣާވާތުގެ ސަރުކާރުން އުވާލާފައިވަނީ އެ އެއްބަސްވުމުގައިވާ ގޮތާއި އަދި ޤާނޫނާ ޚިލާފަށްކަން އާރބިޓްރޭޝަނުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުން އެންމެހައި ރައްޔިތުންނަށް މިހާރު ރަނގަޅަށް ސާފުވެވަޑައިގަންނަވާނެއެވެ. އެ ނުކުތާތަކުގައިވާގޮތުން:
ސޮއިކުރެވުނު ކޮންސެޝަން އެގްރީމެންޓަކީ ސައްޙަ އަދި ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމަކީ ޤާނޫނީގޮތުން ކުރަންޖެހޭ ކަމެއް ނުކުރެވުމުގެ ސަބަބުން ނުވަތަ ޖީ.އެމް.އައި.އޭ.އެލް އިން އަމިއްލައަށް ކުރި ކަމެއްގެ ސަބަބުން ބާޠިލުވެފައިވާ އެއްބަސްވުމެއް ނޫނެވެ.

ދިވެހިސަރުކާރުންނާއި އެމް.އޭ.ސީ.އެލްއިން ކޮންސެޝަން އެގްރީމެންޓް ބާޠިލުކުރީ 29 ނޮވެމްބަރ 2012 ގައި ޖީ.އެމް.އައި.އޭ.އެލް އަށް ފޮނުވި އެންގުމަކުންނެވެ. އަދި އެ އެންގުމަށް ޖީ.އެމް.އައި.އޭ.އެލް ތަބާވެފައިވެއެވެ.

ކޮންސެޝަން އެގްރީމެންޓްގެ ދަށުން ހުއްދަ ލިބިގެން ނަގަންފެށުނު އެއާޕޯޓް ޑިވަލޮޕްމަންޓް ޗާރޖާއި އިންޝުއަރެންސް ޗާޖް ނެގުމަށް ރާއްޖޭގެ ޤާނޫނު ހުއްދަކުރެއެވެ.

މި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާރޖާއި އިންޝުއަރަންސް ޗާރޖް ނުނެގިގެން، ޖީ.އެމް.އައި.އޭ.އެލް އިން ސަރުކާރަށް ދައްކަންޖެހޭ ކޮންސެޝަން ފީގެ ތެރެއިން، މި ފައިސާ ކަނޑާލުމަށް ދެ ފަރާތުން އެއްބަސްވި އެއްބަސްވުމަކީ ޤާނޫނީގޮތުން ހުއްދަ ކަމެކެވެ. އަދި މި ވެވުނު އެއްބަސްވުމުގައި އެމްއޭސީއެލްއާއި ދިވެހިސަރުކާރު ބަނދެވިފައިވެއެވެ.

5 ޖެނުއަރީ ގެ އެގްރީމެންޓުން ވިއަސް، ނުވަތަ އެހެން އެގްރީމެންޓަކުންވިއަސް، މި އެގްރީމެންޓުގެ ގަރަންޓަރަކަށް ދިވެހި ސަރުކާރު އޮތް އޮތުން ވީއްލިފައެއް ނެތެވެ.

ކޮންސެޝަން އެގްރީމެންޓް ޤާނޫނާ ޚިލާފަށް ބާޠިލުކުރުމާ ގުޅިގެން ޖީއެމްއައިއޭއެލް އަށް ލިބުނު ގެއްލުމުގެ ޒިންމާ، އެކުގައާއި އަދި ވަކިވަކިން އުފުލަންޖެހޭނީ ކޮންސެޝަން އެގްރީމެންޓްގެ ދަށުން، ދިވެހި ސަރުކާރާއި އެމްއޭސީއެލްއެވެ.

އަދި މި މައްސަލަ ޓްރައިބިއުނަލްގައި ހިންގުމަށް ޚަރަދުވި އެއްޗެއްގެ ގޮތުގައި 4 މިލިއަން އެމެރިކާ ޑޮލަރު 42 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރާއި އެމްއޭސީއެލްއިން ޖީއެމްއައިއޭއެލް އަށް ދައްކަންޖެހޭނެއެވެ.

ހަމައެފަދައިން، ޖީއެމްއާރު އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއްކަމަށް ޑޮކްޓަރ މުޙައްމަދު ވަޙީދުގެ ޙަސަން މަނިކުގެ ސަރުކާރުންނާއި އަދި މިހާރު މިއޮތް ސަރުކާރުން ވެސް ބުނަމުން ގެންދިއުމަށްފަހު އެވާހަކަތައް މިހާރު އެހެން ގޮތަކަށް އަނބުރާލައި، ޖީއެމްއާރަށް ދޭންޖެހޭ ބަދަލުގެ މިންވަރަކީ ކުޑަ މިންވަރަކަށް ވާނޭކަމުގެ ވާހަކަ މިހާރު ދައްކައި، ސަރުކާރުން އަދި ވެސް ރައްޔިތުންނަށް ހީލަތްތެރި ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުންގެންދާތީ، އެކަން އެގޮތަށް ކުރުން ވަގުތުން ހުއްޓާލުމަށް ވެސް ސަރުކާރަށް މި ޕާރޓީން ގޮވާލަމެވެ.

19 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް