ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވަގުތީ ރައީސް ކަމުގެ މަޤާމުގައި ހުންނެވި، އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށާއި މި ޕާރޓީގެ މެމްބަރުންނަށް ހަމަލާދޭނޭކަމުގެ ބިރުދައްކައި އިންޒާރު ދެމުންދާތީ އެ މައްސަލަ ތަޙްޤީޤުކޮށްދެއްވުމަށް އެދި މި ޕާރޓީން މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސަށް ވަނީ ހުށަހަޅައިފައެވެ.
ރައީސް މުޙައްމަދު ނަޝީދަށާއި މި ޕާރޓީގެ މެމްބަރުންނަށް ޙަމަލާދޭނޭކަމުގެ ބިރުދައްކައި އިންޒާރު އެފަދައިން ދީފައިވަނީ 17 ޖޫން 2014 ވަނަ ދުވަހު (Ali Ahsan) @dhiislamAhsan ގެ ނަމުގައިވާ ޓްވީޓަރ އެކައުންޓަކުން ފޮނުވާފައިވާ ޓްވީޓަރ މެސެޖްތަކަކުންނެވެ.
ޓެރަރިޒަމުގެ އެފަދަ އިންޒާރުތައް ދިނުމާއި ބިރުދެއްކުން ހުއްޓާލުމަށް އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ. އަދި އެފަދަ އިންޒާރުތަކަކީ މި ޕާރޓީން ދެކޭގޮތުގައި ވަރަށް ނުރައްކާތެރި އަދި މި ޕާރޓީ ނުހަނު ކަންބޮޑުވާކަމަކަށްވާތީ އެ މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގަވައި، ވަގުތުން ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.
18 ޖޫން 2012
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް