އެމް.ޑީ.ޕީ މައި އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މައި އޮފީސް ހުންނަ އިމާރާތަށް ރޭގެ ވަގުތެއްގައި ބަޔަކު މީހުން ޙަމަލާދީ ބޮޑެތި ގެއްލުންތައް ދީފައިވާތީ އެ ފިނޑި ޢަމަލު މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
މި ޕާރޓީގެ މައި އޮފީހަށް މިދެންވި ޙަމަލާ ދީފައިވަނީ މަގުމަތީގައި މީހުން މަދުވި ވަގުތެއް ބަލައިގެން ރޭގެ ވަގުތެއްގައިކަމާއި، އަދި އެއީ ބަޔަކު ރާވައިގެން ގަސްދުގައި ދިން ޙަމަލާއެއްކަމަށް ޤަބޫލުކުރެވެއެވެ. އެ ޙަމަލާގައި އެމް.ޑީ.ޕީ އޮފީހުގެ ބިއްލޫރިގަނޑު އެއްކޮށް ތަޅައި ސުންނާފަތިކޮށްލާފައިވާކަން ފާހަގަކުރަމެވެ.
މީގެކުރިން ވެސް މި ޕާރޓީގެ މައި އޮފީހަށް މިފަދަ ޙަމަލާތައް ތަކުރާރުކޮށްދީފައިވާކަން ފާހަގަކުރަމެވެ. އެގޮތުން ދިން ޙަމަލާއެއްގައި މި އޮފީހުގެ ދޮރާދިމާ އެއްފަޅީގައި ޖަހާފައިހުރި ބިއްލޫރިގަނޑު އެއްކޮށް ތަޅާލާފައިވާތަން މިހާރު ވެސް ފެންނާނެގޮތުގައި އެވަނީ ބެހެއްޓިފައެވެ.
އެފަދަ ޙަމަލާތައް ހުއްޓުމެއް ނެތި މި ޕާރޓީއަށް ދެމުން ގެންދަނީ މި ޕާރޓީން ކުރަމުން ގެންދާ ސިޔާސީ މަސައްކަތްތައް މަޑުޖައްސައި ހުއްޓުވުމުގެ ގޮތުންނާއި ބިރުދެއްކުމުގެ ގޮތުން، ޑިމޮކްރެސީއާ ދުޝްމަން ފަރާތްތަކުންކަމަށް ދެކެމެވެ.
އެހެންކަމުން އެފަދަ ފިނޑި ޢަމަލުތައް ހިންގާ ފަރާތްތަކުން އެޢަމަލުތައް ހުއްޓާލުމަށާއި، އަދި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުން އެކަން ރަނގަޅަށް ތަޙްޤީޤުކޮށް ފިޔަވަޅުއެޅުމަށް މި ޕާރޓީން ގޮވާލަމެވެ.

14 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް