ދީނުގެ ނަމުގައި ޒުވާނުން ރަހީނުކޮށް މަރުގެ އިންޒާރުދީ، އަމިއްލަ ޙުކުމްތައް އިއްވަމުންދާދިއުމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ނެރޭ ނޫސް ބަޔާން

noosbayan

މި ދިވެހި މުޖުތަމަޢުއަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަޤީދާގައި ސާބިތުވެ އޮތް، އަދި ދިވެހިންގެ އާދަކާދަ ތަކަށް ލޯބިކޮށް، ދިވެހީންގެ އުުޅުން އުޅެމުން އަންނަ ސާދާ މުސްލިމް މުޖުތަމަޢުއެކެވެ. އެހެން ނަމަވެސް، މިފަހަކަށް އައިސް އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބައެއް މީހުން، ދިވެހި ބައެއް ޒުވާނުން ދީނާ ޚިލާފު ޢަމަލުތައް ހިންގާކަމަށް ބުނެ، ޒުވާނުން ރަހީނުކޮށް އަދި ކަނުބަނދެގެން ގޮތްނޭގޭ އެކަހެރި ތަންތަނަށް ގަދަކަމުން ގެންގޮސް، ތޫނު ހަތިޔާރުން ބިރުދައްކައި، މަރުގެ އިންޒާރުދީ، ޝަރިޢަތެއްގެ ނަމުގައި އަމިއްލަ ޙުކުމްތަކެއް އިއްވައި، އެ ޙުކުމްތައް ތަންފީޒުކުރަމުން ގެންދާކަމުގެ މަޢުލޫމާތު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ލިބިފައިވާތީ މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

އަދި މި ޕާރޓީއަށް އެނގިފައިވާގޮތުގައި، މިދެންނެވި ގޮތަށް ރާހިނުން ޢަމަލުކުރުމަށްފަހު، އެމަޢުލޫމާތު އެހެން ފަރާތަކާ ޙިއްސާކޮށްފިނަމަ ރަހީނުކުރެވުނު ޒުވާނުން ގަތުލުކުރާނޭކަމަށް ބުނެ ހަރުކަށި ބަސްތަކުން އިންޒާރުދީފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި އަދި އިސްލާމީ ޝަރީޢަތުގައި ކަންކަން ކަނޑައެޅިފައިވާ ގޮތްތަކުން ބޭރުން، އެކިއެކި ފަރުދުން، ވަކި މަންފާއެއް ޙާޞިލުކުރުމަށް ހިންގާ އެފަދަ ނުރައްކާތެރި ޓެރަރިޒަމްގެ ޢަމަލުތައް މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
މި ޕާރޓީން ދެކެނީ ރަހީނުކުރުމާއި މަރުގެ އިންޒާރުދިނުމުގެ މި ނުރައްކާތެރި ޓެރަރިޒަމުގެ ޢަމަލުތަކުގެ މަޢުލޫމާތު މިހާރު ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާނޭކަމާއި، އެހެންކަމުން މިކަމުގައި ވަގުތުން ފިޔަވަޅު އެޅުމަށް މި ޕާރޓިން ސަރުކާރަށް ގޮވައިލަމެވެ.

9 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް