ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ހަނގުރާމައިގައި ބައިވެރިވާ ދިވެހިން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ނުރައްކާތެރި އިންޒާރުދީފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan

ދިވެހިރާއްޖެއިން ބޭރުގައި ދިވެހިންގެ ހަނގުރާމަވެރި ބަޔަކު، ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ހަނގުރާމައިގައި ބައިވެރިވެ ޙަރަކާތްތެރިވަމުންދާކަމާއި، އަދި ބޭރުގައި ހިންގާ ޓެރަރިޒަމަށް ފައިސާ ޖަމާކުރާތަނެއްގެ ގޮތުގައި ރާއްޖެ ވަމުންދާކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އެކިފަހަރުމަތިން ސަމާލުކަމަށް ގެނެސްފައިވަނިކޮށް، އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ ދިވެހިން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ނުރައްކާތެރި އިންޒާރެއް ފޮނުވާފައިވާކަން މި ޕާރޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މި ޕާރޓީން ޤަބޫލުކުރާގޮތުގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެ ޢަމަލުތައް ހިންގަނީ އެފަދަ ހިތްތަކަށް ހިތްވަރުދީ، ބާރުއަޅާ އަދި އެހީތެރިވެދޭ ބޭރުގެ ފަރާތްތަކެކޭ އެއްފަދައިން ދިވެހިން ވެސް ޝާމިލުވެގެންނެވެ. އަދި އެފަރާތްތަކުން އެފަދަ ޢަމަލުތައް ހިންގަނީ އެކަމަށް ބޭނުންވާ ފައިސާއާއި ތަމްރީނުލިބި، ރޭވިގެންވާ އިންތިޒާމެއްގެ ދަށުންކަން ވެސް ޤަބޫލުކުރެވެއެވެ.
ހަނގުރާމަވެރި އަދި ހައްދުފަހަނާޅާފައިވާ ޢަމަލުތައް ހިންގާ ދިވެހިން އެފަދަ ޢަމަލުތައް ހިންގުމުގައި އިންތިޒާމުވެގެން ޙަރަކާތްތެރިވުމަށް ހިތްވަރަކަށް ވެފައިވަނީ ސިޔާސީ ބޭނުމަކަށްޓަކައި އެކަމުގައި ބައެއް ސިޔާސީ ވެރިންގެ ބައިވެރިވުމުންނާއި، 23 ޢިއްތިޙާދުގެ ނަމުގައި ޙަރަކާތެރިވި ފަރާތްތަކުންނާއި، މިހާރުގެ ސަރުކާރުގެ ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު، ދީނުގެ ނަމުގައި ފިތުނަ އުފެއްދުމަށް ބެއްސެވި ލުއި ފޮތް ފަދަ ތަކެތިންނާއި އަމަލުތަކުންނެވެ. ހަމައެފަދައިން ސިފައިންނާއި ފުލުހުންގެ އިސްވެރިން ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ކުރިއެރުވުމަށް ބައިވެރިވެފައިވާ މިންވަރުންނާއި، ސިފައިންނާއި ފުލުހުންގެ ތަމްރީނުތަކުގައި ރޭވިގެން އިންތިޒާމެއްގެދަށުން އެފަރާތްތައް ބައިވެރިކޮށް ހަނގުރާމައަށް ތަމްރީނުކުރުވާ ކުރުމުންނާއި، ދީނާއި ޤައުމުގެ ނަމުގައި ކުރި ޙަރާމް ބަޣާވާތުގެ ސަބަބުން ވެސް އެފަރާތްތަކަށް ހިތްވަރަކަށްވެފައިވާކަން ފާހަގަކުރަމެވެ.
ދިވެހިންގެ ހަނގުރާމަވެރި ބަޔަކު ދިވެހިރާއްޖެއިން ބޭރުގައި، ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ހަނގުރާމައިގައި ބައިވެރިވެ ޙަރަކާތްތެރިވަމުންދާކަމާއި، ހައްދުފަހަނާޅާފައިވާ ކަންކަން ހިންގަމުންދާކަމާއި، އަދި ބޭރުގައި ހިންގާ ޓެރަރިޒަމަށް ފައިސާ ޖަމާކުރާތަނެއްގެ ގޮތުގައި ރާއްޖެ ވަމުންދާކަމުގެ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ލިބިފައި ނުވާކަމަށް ބުނެ އެކަމުގައި ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަން މި ޕާރޓީން ފާހަގަކުރަމެވެ.
ހަމައެފަދައިން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، މި މައްސަލައާ ގުޅިގެން މީޑިއާގައި ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ވާހަކަފުޅު ދައްކަވާފައިވާކަން މި ޕާރޓީން ފާހަގަކުރަމެވެ. އެގޮތުން ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ހަނގުރާމާގައި ބައިވެރިވުމަށް ސަރުކާރުން ދިވެހިން ނުފޮނުއްވާކަމަށާއި، އެކަމާމެދު ސަރުކާރުން ކުރާނެކަމެއް ނެތްކަމަށާއި އަދި އެފަދަ ފަރާތްތަކުން އެ ޢަމަލުތައް ހުއްޓާލުމުން މެނުވީ އެކަން ނުހުއްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން މި ޕާރޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

5 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް