އީޔޫ ގެ އިލެކްޝަން އޮބްޒަރވޭޝަން މިޝަނާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަރވޭޝަން މިޝަންއާ މިއަދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާގޮތުން އެމް.ޑީ.ޕީގެ ފޮރިން ޕޮލިސީ ކޮމެޓީ އާއެކު ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަރވޭޝަން މިޝަން ބައްދަލުކުރައްވާފައިވަނީ މިއަދުގެ ހެނދުނު 11:00 ޖެހިއިރު އެމް.ޑީ.ޕީ ގެ މައި އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ނިމިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާރވްކުރެއްވުމަށްފަހު ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަރވޭޝަން މިޝަނުން ނެރުއްވި ފައިނަލް ރިޕޯރޓްގެ ކޮޕީއެއް، އެމިޝަންގެ ފަރާތުން އެމް.ޑީ.ޕީއާ ވަނީ ޙަވާލުކުރައްވާފައެވެ.
ހަމައެފަދައިން މި ބައްދަލުކުރެއްވުމުގައި އެ ރިޕޯރޓުގައި ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކުގެ މައްޗަށް ދެފަރާތުން ވާހަކަތައް ޙިއްސާކުރައްވާފައިވެއެވެ.
ނިމިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިމާވި ބޮޑެތި މައްސަލަތައް، ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަރވޭޝަން މިޝަންގެ ފައިނަލް ރިޕޯރޓްގައި ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ނަގާލާފައިވާކަމާއި، އިންތިޚާބު ބާއްވާ ތާރީޚު 2 ހަފުތާގެ މުއްދަތުހާ ކައިރިވެފައި ވަނިކޮށް، ޤާނޫނު އަސާސީއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވަކިކޮށް އެމެމްބަރުންގެ މައްޗަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފައިވާކަމާއި، ވޯޓު ގަތުމުގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދައުލަތުގެ މުދަލާ ތަކެތި ނަހަމަގޮތުގައި ކެމްޕޭނުގައި ބޭނުންކޮށްފައިވާކަމާއި، ޤާނޫނު ހުއްދަކުރާ މިންވަރަށް ވުރެ އިތުރަށް ކެންޑިޑޭޓުން ކެމްޕޭނުގައި ފައިސާ ޚަރަދުކޮށްފައިވާކަމާއި އަދި ކެމްޕޭނަށް ފައިސާ ހޯދާ ގޮތްތައް ބެލޭނެ އުސޫލެއް ހަމަޖެހިފައި ނުވާކަމަށް ވެސް މި ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.