ރައީސް ނަޝީދު، ސްރިލަންކާގެ ރައީސް ހިޒް އެކްސެލެންސީ މަހިންދަ ރާޖަޕަކްސެ އާ ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ މަހިންދަ ރާޖަޕަކްސެ އާ ބައްދަލުކޮށްލައްވައިފިއެވެ. ކޮޅުނބުގައި ހުންނަ ސްރީލަންކާގެ ރައީސްގެ ރަސްމީ ގަނޑުވަރުކޮޅުގައި އިއްޔެ ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ދެޤައުމުގެ ސިޔާސީ ކަންކަމާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ކަންކަމާމެދު ދެބޭފުޅުން މަޝްވަރާ ބަދަލުކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ދަރާއްޤީއާމެދު އެމް.ޑީ.ޕީ ގެ ސިޔާސަތުތަކާއި، އަދި ޚާއްޞަގޮތެއްގައި އެމް.ޑީ.ޕީ ވެރިކަމުގެ ދައުރުގައި ސްރީލަންކާއިން އެހީތެރިވެދެއްވަން ފެއްޓެވި އައްޑޫ ސިޓީގެ ތަރައްޤީއާމެދު ތަފްސީލުދެއްވިއެވެ.