ރައީސް މުޙައްމަދު ނަޝީދު، ބޭރު ބައެއް ޤައުމުތަކުގެ މަތީ ފެންވަރުގެ ޑިޕްލޮމެޓުންނާ މިއަދު ސްރީލަންކާގައި ބައްދަލުކުރެއްވިކަން ހާމަކުރުމުގެ ނޫސް ބަޔާން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ބޭރު ބައެއް ޤައުމުތަކުގެ މަތީ ފެންވަރުގެ ޑިޕްލޮމެޓުންނާއި އަދި ބައެއް ޖަމާޢަތްތަކުގެ ވެރިންނާ ސްރީލަންކާގައި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާއި އަދި އެނޫން ބައެއް މައްސަލަތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވައިފިއެވެ.
ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރެއްވި ފަރާތްތަކުގެތެރޭގައި އެމެރިކާގެ ސަފީރު ހަރ އެކްސެލެންސީ މިސް މިޝޭލް ޖޭ ސިސޮން އާއި، އިނގިރޭސި ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ މިސްޓަރ ޖޯން ރޭންކިންގ އާއި، އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ހަރ އެކްސެލެންސީ މިސް ރޯބިން މިޔޫޑީ އާއި، ފަރަންސޭސި ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޒޯން ޕޯލް މޮންޝައު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ފައިނޭންސް ކޯރޕަރޭޝަން (އައިއެފްސީ) ގެ ކަންޓްރީ މެނޭޖަރ މިސްޓަރ އެޑަމް ސެކް އާވެސް ރައީސް މުޙައްމަދު ނަޝީދު މިއަދު ސްރީލަންކާގައި ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުންތަކުގައި ދެފަރާތުގެ މެދުގައި އެންމެ ފުޅާދާއިރާއެއްގައި އަލިއަޅުވާލައްވައި މަޢުލޫމާތު ޙިއްޞާކުރެއްވި މައްސަލަތަކުގެ ތެރޭގައި، ދިވެހިން ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކަށް ގޮސް ދީނުގެ ނަމުގައި ނުރައްކާތެރި އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުންދާ މައްސަލައާއި، އަދި މިކަމާގުޅިގެން ދިވެހި ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާ މައްސަލަ ހިމެނެއެވެ. އަދި އިއްތިހާދު ހަދައިގެން ޤާއިމުވި ސަރުކާރު މިވީ ކުޑަދުވަސްކޮޅުގެތެރޭގައި މިހާރު ރޫޅިގެންގޮސްފައިވާކަމާއި އަދި އެ ސަރުކާރުގެ މަޤުބޫލުކަން ގެއްލި ގޮސްފައިވާކަމާއި، އަދި މިހާރު މަދު މީސްކޮޅެއްގެ ރުހުމާއެކު ގިނަ ރައްޔިތުންގެ މައްޗަށް ސަރުކާރުން ވެރިކަންކުރަމުންދާކަމާއި އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ނުރަނގަޅު ގޮތްތަކާއި ގެއްލުން ވަމުންދާކަމުގެ މަޢުލޫމާތު މި ބައްދަލުވުންތަކުގައި ޙިއްޞާކުރެވުނެވެ. އަދި މިކަން މިގޮތަށް މިރާއްޖޭގައި ދިމާވަމުންދާދިއުމުން، ރާއްޖޭގައި މި ނިޒާމު ހިންގުމުގައި ގޮންޖެހުންތަކެއް ހުރިކަމާއި ޤާނޫނު އަސާސީ އިސްލާޙުކުރަންޖެހޭކަން ފާހަގަވަމުންދާކަމުގެ މަޢުލޫމާތު ވެސް ޙިއްޞާކުރެވުނެވެ. މީގެ އިތުރުން މިރާއްޖޭގައި ފަޤީރުކަން ނައްތާލައި ޢާންމުދަނީ އިތުރުކުރުމަށް އޮތް އެންމެ ހަލުވި މަގަކީ ގެސްޓް ހައުސްގެ ސިޔާސަތު ފުޅާދާއިރާއެއްގައި ހިންގުންކަމުގެ މައްޗަށް މި ބައްދަލުކުރެއްވުންތަކުގައި ވާހަކަދެކެވި މަޢުލޫމާތު ޙިއްޞާކުރެވުނެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މިޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުންކަމުގައިވާ އޮނަރަބަލް ޢަބްދުﷲ ޝާހިދާއި، އޮނަރަބަލް މުޙައްމަދު އަސްލަމާއި، އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި ޢަހްމަދު ނަސީމާއި، އިލިޔާސް ލަބީބާއި ޢުމަރު ޢަބްދުލް ރައްޒާޤު ބައިވެރިވެވަޑައިގަތެވެ.
2 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް