އޮނަރަބަލް މޫސާ މަނިކު މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުން މަރުޙަބާ ދެންނެވުން

noosbayan

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އޮނަރަބަލް މޫސާ މަނިކު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށާއި މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕަށް މަރުޙަބާ ދަންނަވަމެވެ.

އޮނަރަބަލް މޫސާ މަނިކު މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރެއްވުމުގައި މިޕާރޓީގެ މެމްބަރުންނެކޭ އެއްފަދައިން އެމަނިކުފާނަށް ވޯޓުދެއްވި އެހެން މެމްބަރުންނަށް ވެސް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

އޮނަރަބަލް މޫސާ މަނިކަކީ އެމަނިކުފާނާ މިއަދު ޙަވާލުކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ، މިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގެ ގިނަގުނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ކުޅަދާނަ ސިޔާސީ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ލީޑަރޝިޕުގައި އެމަނިކުފާނާއި މި ޕާރޓީގެ މެމްބަރުން އަބަދުވެސް މަސައްކަތްކުރައްވާނީ ޙިކުމަތާއި، ހިތްވަރާއި ކެއްތެރިކަމާއެކު، މި ޕާރޓީއާއި މުޅި ދިވެހިރާއްޖެއަށް މަންފާއާއި ލާބަ ލިބެނިވިގޮތެއްގައިކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް މި ޕާރޓީގެ ފަރާތުން އަރުވަމެވެ.

28 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް