ކޯޓުގެ ޙުރުމަތް ރައްކާކުރުމާ ބެހޭ ޤަވާޢިދު” ގެ ދަށުން ޖިނާޢީ ދަޢުވާ ނުކުރެވޭނޭކަން އިމްތިޔާޒު ފަހުމީ ސާބިތުކޮށްދެއްވުން ފާހަގަކުރުން

noosbayan

މިރާއްޖޭގެ ޝަރުޢީ ނިޒާމް އިސްލާޙުކުރުމުގެ ގޮތުން ސްޕްރީމް ކޯޓަށް ފާޑުކިޔައި ވާހަކަދައްކާ މީހުންނަށް ބިރުދައްކައި، އަނގާގައި މަލަން އެޅުމުގެ ގޮތުން ސްޕްރީމް ކޯޓުން ޖިނާޢީ ދަޢުވާތައް އުފުލުމުގައި ރިޔާއަތްކުރަމުން ގެންދިއަ “ކޯޓުގެ ޙުރުމަތް ރައްކާކުރުމާ ބެހޭ ޤަވާޢިދު” އަކީ، އޭގެ ދަށުން ޖިނާޢީ ދަޢުވާ ނުކުރެވޭނޭ ޤަވާޢިދެއްކަން ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދެއްވާފައިވާތީ އެކަމަށްޓަކައި މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަދި މި ޕާރޓީގެ ސްޕޯކްސް ޕާރސަން އަލްއުސްތާޛު އިމްތިޔާޒު ފަހުމީއަށް މި ޕާރޓީގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ. އަދި ޖިނާޢީ ދައުވާކުރުމުގެ ޤާނޫނީ ބާރުލިބިގެން ނުވާ ޤަވާޢިދަކަށް ޙަވާލާދީ، ޤާނޫނު އަސާސީއާ ޚިލާފަށް މީގެކުރިން ޢާންމުކޮށް ރައްޔިތުންގެ މައްޗަށް ޖިނާޢީ ދަޢުވާތައް އުފުލަމުން ގެންދިއަ ގެންދިއުން އިމްތިޔާޒު ފަހުމީގެ ސަބަބުން ހުއްޓުމަކަށް ގެނެވިއްޖެކަން ވެސް ފާހަގަކުރަމެވެ.
އިމްތިޔާޒު ފަހުމީގެ މައްޗަށް ސްޕްރީމް ކޯޓުގެ ޙުރުމަތްކެނޑިކަމަށްބުނެ، ސްޕްރީމް ކޯޓުގެ އެދުމުގެމަތިން ދަޢުވާ އުފުލާފައިވަނީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުކާ ގުޅިގެންކަން ފާހަގަކުރަމެވެ.
އެ މައްސަލާގައި އިމްތިޔާޒު ފަހުމީގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެންގެވި އިޖްރާޢީ ނުކުތާގައި ބަޔާންކުރައްވާފައިވަނީ، ސްޕްރީމް ކޯޓާމެދު ފާޑުކިޔުމަކީ ކުށެއްކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނެއް ވުޖޫދުގައި ނެތްކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކުށް ކަނޑަނާޅައި އެއްވެސް މީހަކަށް އަދަބެއް ނުދެވޭނޭކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން ކުށްކަނޑައަޅާ ޤާނޫނެއް ނެތި، ޤަވާއިދަކަށް ޙަވާލާދީ އެދަޢުވާ ނުއުފުލެވޭނޭކަމަށެވެ. ހަމައެފަދައިން، އިމްތިޔާޒު ފަހުމީގެ މައްޗަށް ދަޢުވާއުފުލުމުގައި ޙަވާލާދީފައިވާ ޤަވާޢިދަކީ 2008 ވަނަ އަހަރުގެ ޤަވާޢިދެއްކަމަށާއި އެހެން ނަމަވެސް އެޤަވާޢިދު ވެސް ވަނީ 2011 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން “ޢާންމު ޤަވާޢިދު ތަކާއި ބެހޭ ޤާނޫނު” ގެ ދަށުން އުނިކޮށްފައިކަމަށާއި އެހެންކަމުން އެވަގުތުން ފެށިގެން އެއީ ވުޖޫދުގައި ނެތް ޤާވާޢިދެއްކަމަށެވެ. އަދި އޭގެ ފަހުން ސްޕްރީމް ކޯޓުގެ ޢާންމު ސިޓީއަކުން އެ ޤަވާޢިދަށް “ވަގުތީ ގޮތުން ޢަމަލުކުރުމަށް” އެންގެވުމަކީ ސްޕްރީމް ކޯޓަށް ކުރެވޭނޭކަމެއް ނޫންކަމަށާއި، އަދި ވަގުތީގޮތުން ކުށް ކަނޑައެޅުމޭ ބުނުމަކީ ވެސް އެއްވެސް ޤާނޫނީ ވާހަކައެއް ވެސް ނޫންކަމަށެވެ. އަދި އަމުދުން ކޯޓަކީ ކުށް ކަނޑައެޅުމުގެ ބާރު ޤާނޫނު އަސާސީން ލިބިދީފައިވާ ތަނެއް ނޫންކަމަށާއި، ކުށް ކަނޑައެޅުމުގެ ޤާނޫނީ ބާރު ޤާނޫނު އަސާސީގެ ދަށުން ލިބިގެންވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށްކަމަށެވެ. އަދި ޤާނޫނެއް ވިޔަސް ނުވަތަ ޤަވާޢިދެއް ވިޔަސް ޢާންމުކޮށް ޝާއިޢުކުރެވިގެން ނޫނީ އެމައްޗަށް ޢަމަލުވެސް ނުކުރެވޭނޭކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، އެ ޤަވާޢިދަކީ ޢާންމުކޮށް ޝާއިޢުކުރެވިފައިވާ ޤަވާޢިދެއް ވެސް ނޫންކަމަށެވެ.
އިމްތިޔާޒު ފަހުމީގެ ފަރާތްޕުޅުން ނެންގެވި އިޖުރާޢީ ނުކުތާއާ މެދު ގޮތެއް ނިންމެވުމުގައި އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ޤާޟީ ފާހަގަކުރައްވާފައިވަނީ “ކޯޓުގެ ޙުރުމަތް ރައްކާކުރުމާ ބެހޭ ޤަވާޢިދު” ގެ ދަށުން ޢާންމު ޖިނާޢީ ޢިޖްރާޢާތުތަކުގެ ދަށުން ދަޢުވާ ކުރުމަކީ ރައްޔިތުންގެ އަސާސީ ޙައްޤަށް އުނިކަން ލިބޭނޭނޭ ކަމެއްކަމަށާއި، އެ ޤަވާޢިދުގެ ދަށުން އިމްތިޔާޒު ފަހުމީގެ މައްޗަށް އުފުލާފައިވާ ދަޢުވާ ނުކުރެވޭނޭކަމަށެވެ.
އެހެންކަމުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް މި ބާވަތަށް ރައްޔިތުންގެ މައްޗަށް ދަޢުވާތައް އުފުލައި، ރައްޔިތުންނަށް ބިރުދެއްކުން ހުއްޓާލުމަށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.
27 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް