ޢަލީ ޙަމީދުގެ މައްސަލަތަކަށް އަޖައިބުވަނިވި ގޮތްތައް ވަމުންދާދިއުމާމެދު ކަންބޮޑުވުން ފާޅުކުރުން

noosbayan

ކަސްބީ އަންހެނުންތަކަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ބޮޑެތި ތުހުމަތުތަކާއި، ބްލެކްމޭލް ކުރެވިފައިވުމުގެ ބޮޑެތި ތުހުމަތުތައްކުރެވި، އަދި ބަރަހަނާ ވީޑިއޯތައް އާންމުވެފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދުގެ އެމައްސަލަތަކާއި، އަދި އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަން ތުހުމަތުގެ މައްސަލަ އާމެދު އަޖައިބުވަނިވި ގޮތްތަކަށް ތަޙްޤީޤުކުރާ ފަރާތްތަކުންނާއި އަދި ކޯޓުން އަމަލުކުރަމުންދާ ދިއުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކުރަމެވެ.
މިގޮތުން ޢަލީ ޙަމީދު ކަސްބީ އަންހެނުންތަކަކާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ހުށަހެޅިފައިވާ މައްސަލައާއި، ބްލެކްމޭލް ކުރެވިފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައާއި އަދި އޭނާގެ ވީޑިއޯތައް ކަމަށް ބެލެވޭ ބަރަހަނާ ވީޑިއޯތަކުގެ މައްސަލަ ބެލުން ހުއްޓާލައި، އެ މައްސަލަތައް ފައިލްކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނާކަން ފާހަގަކުރަމެވެ. އަދި އޭނާގެ މައްޗަށް ޖުޑިޝަން ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަށް ހުށަހެޅިފައިވާ މައްސަލަތައް ވެސް ހުއްޓިފައިވާކަން ފާހަގަކުރަމެވެ.
މީގެ އިތުރުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކޮރަޕްޝަން މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް “ކޮފީ” އެޅުމުގެ ސަބަބުން އެ މައްސަލަ ވެސް ހުއްޓިފައިވާކަން ފާހަގަކުރަމެވެ.
އެހެންކަމުން މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަކީ އިންސާފު ޤާއިމުވުން ހުއްޓިފައިވާ ނިޒާމެއްކަން ފާހަގަކުރަމެވެ. ޢަލީ ޙަމީދުގެ މައްސަލަތައް ނުބެލި ދާދިއުމާއި، އަދި އޭނާގެ މައްޗަށް މައްސަލައެއް ކޯޓާ ހަމައަށް ހިނގައްޖެނަމަ ދެން އެދިމާވާ މިފަދަ އަޖައިބުވަނިވި ގޮތްތަކަކީ މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް އޮތްގޮތް ރަނގަޅަށް ހާމަކޮށްދޭ މިސާލެކެވެ. މިފަދަ ފަނޑިޔާރަކު ސްޕްރީމް ކޯޓުގެ ބެންޗްގައި ޝަރީޢަތް ކުރެއްވުމުގައި ދެމިހުންނަވާ ދެމިހުންނެވުމަކީ ޝަރުޢީ އަދި ދުނިޔޭގެ އެއްވެސް ޤާނޫނީ ހަމައެއް ދަންނަ އުސޫލެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ނާއިންސާފުތައް ލިބެމުންދާނީ އާންމު އެންމެހައި ރައްޔިތުންނަށްކަން ކަށަވަރެވެ.
ބްލެކްމޭލް ކުރެވިފައިވާ ފަނޑިޔާރަކު ސްޕްރީމް ކޯޓުގެ ބެންޗްގައި ބޭންދުން މި ސަރުކާރަށް މުހިއްމުވާކަން ފާހަގަކުރަމެވެ. އެހެނީ ބަޣާވާތްކުރުމާއި ޞައްޙަ އިންތިޚާބުތައް ބާތިލުކުރުމާއި، އަދި މި ސަރުކާރުން ހިންގާ ޤާނޫނު އަސާސީއާ ޚިލާފު އެންމެހައި ކަންތައްތައް ސައްޙަކުރުމުގެ ވަސީލަތެއް މިސަރުކާރުގެ ބައިވެރިންނަށް މުހިއްމުވެއެވެ. ހަމައެފަދައިން ބްލެކްމޭލް ކުރެވިފައިވީ ނަމަވެސް އެ ފަނޑިޔާރަކު ސްޕްރީމް ކޯޓުގެ ބެންޗްގައި އިނުން އެ ފަނޑިޔާރަށް ވެސް މުހިއްމުވެއެވެ. އަދި އެގޮތުގައި އެފަނޑިޔާރަށް ސްޕްރީމް ކޯޓުގެ ބެންޗްގައި އިނދެވެން އޮންނާނީ މިސަރުކާރުން ހިންގާ ޤާނޫނު އަސާސީއާ ޚިލާފު ކަންތައްތައް ޞައްޙަކޮށްދިން މިންވަރަކުންނެވެ. ނަމަވެސް މިކަމުގެ ނަތީޖާއަކީ ޤާނޫނު އަސާސީ ފުނޑިގެން ދިއުމާއި، ރާއްޖޭގޭ ޢަދުލު އިންސާފުގެ ދާއިރާ ފުނޑިގެން ދިއުންކަން ފާހަގަކުރަމެވެ.

19 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއޭޓް