ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ސިފައިނާއި ފުލުހުންގެ ތެރޭގައި ހައްދުފަހަނަޅައިފައިވާ ފިކުރު އަށަގެންފައިވާ މިންވަރާމެދު އެމް.ޑީ.ޕީ. އިން ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސްބަޔާން

noosbayan

ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ސިފައިނާއި ފުލުހުންގެ ތެރޭގައި ހައްދުފަހަނަޅައިފައިވާ ފިކުރު އަށަގެންފައިވާ މިންވަރާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކުރަމެވެ.
މިގޮތުން ފާހަގަކުރެވޭ އެއްކަމަކީ ބޭރުގެ ބައެއް ޤައުމުތަކަށް ގޮސް ޖިހާދުގެ ނަމުގައި ޙަރަކާތްތެރިވަމުންދާ ގިނަ ދިވެހިންނަކީ ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކޮށްފައިވާ މީހުންކަމަށްވުމެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، ދިވެހިރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ގޮތްނޭގޭ ގިނަ އަދަދުތަކަށް ފައިސާ އެކި ޤައުމުތަކަށް ރައްދުކުރަމުންދާކަން ބޭރުގެ ޖާސޫސީ އިދާރާތަކުން ފާހަގަކުރެއެވެ. ހަމަ އެފަދައިން ރާއްޖޭގައި ވިއްކައި މުއާމަލާތްކުރުމަށް ނޫން ގޮތަށް ގިނަ އަދަދަކަށް ބާރުގަދަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެއަށްފަހު ރާއްޖެ މެދުވެރިވެ އެހެން ޤައުމުތަކަށް ފޮނުވަމުންދާކަން ވެސް އެފަރާތްތަކުން ފާހަގަކުރެއެވެ. އަދި މިގޮތަށް ބާރުގަދަ މަސްތުވާތަކެތި ފުޅާމިނެއްގައި ރާއްޖެ އެތެރެކޮށް އެހެން ޤައުމުތަކަށް ފޮނުވަމުންދާދިއުމުން ފާހަގަވަނީ، ރާއްޖެ މިދަނީ މަސްތުވާތަކެތީގެ ޓްރާންސިޓް ބަނދަރަކަށް ވަމުންކަމެވެ.
މިދެންނެވި ކަންކަން ހިނގަމުންދަނީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޑްރަގް ކާރޓެލްތަކާއި ނުވަތަ ގޭންގުތަކާ ދިވެހި ސަރުކާރުގެ ދިފާޢީ ވަޒީރާއި ޓޫރިޒަމް ވަޒީރު ފަދަ ބޭފުޅުންނާ ގާތް ގުޅުން އޮތްކަމުގެ ސާބިތު ހެކިތައް ފޮޓޯއާއި މިނޫންވެސް ގޮތްގޮތުން ހާމަވަމުންދާއިރުކަން ފާހަގަކުރެވެއެވެ. އަދި ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާ ބައްދުލުކޮށް މަޝްވަރާތައްކުރަމުންދާކަން ބޭރުގެ އިންޓެލިޖެންސްތަކުން ފާހަގަކުރެއެވެ.
އަދި މި ޕާރޓީއާއި ގިނަ ރައްޔިތުން ޤަބޫލުކުރާގޮތުގައި މިރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަޣާވާތަކުން ވައްޓައިލުމުގެ އަސްލަކަށްވެފައި ވަނީ، ސަލާމަތީ ޚިދުމަތްތަކުގައި ތިބި ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުންނެވެ. އަދި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނި) ރިޕޯރޓް ގައި ވެސް ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ހިންގި ޖަރީމާތައް ފާހަގަކޮށް އެފަރާތްތަކާމެދު ވަގުތުން ޖިނާޢީ ތަޙްޤީޤްތައް ހިންގައި ފިޔަވަޅުއެޅުމަށް ގޮވާލާފައިވާއިރު ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
މިކަމުގެ ސަބަބުން ބޭރުގެ ޤައުމުތަކުން ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ހައްދުފަހަނަޅައިފައިވާ ފިކުރުގެ ބަޔަކު އިންތިޒާމުވެ ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރަމުންދެއެވެ.
ވީމާ، ކޯނި ރިޕޯރޓަށް ޢަމަލުކޮށް، އެރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަޙްޤީޤްކޮށް ބަލައި، ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން އެޚިދުމަތްތަކުން ވަކިކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުން ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުންގެ މައްސަލަތައް ވަގުތުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދިވެހިރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް ހިތްހަލާލުކަން ހޯދައިދީ، މިރާއްޖެ އަމާންތަނަކަށް ހަދައިދިނުމަށް މިޕާރޓީން ގޮވާލަމެވެ.

15 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއޭޓް