އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިންތިޚާބުތައް އޮބްޒާރވްކުރުމަށް ދެއްވި ދަޢުވަތަކަށް އެމް.ޑީ.ޕީ ގެ ވަފުދެއް މިއަދު އިނގިރޭސި ވިލާތަށް ފުރައި

އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިންތިޚާބުތައް އޮބްޒާރވްކުރުމަށް އިނގިރޭސި ވިލާތުގެ ކޮންޒާރވެޓިވް ޕާރޓީގެ ފަރާތުން ދެއްވި ދަޢުވަތަކަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ އިންތިޚާބާ ބެހޭ ކޮމެޓީގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިއަދު (15 މޭ 2014 ވަނަ ދުވަހު) އިނގިރޭސި ވިލާތަށް ފުރައިވަޑައިގެންފިއެވެ.
މިދަތުރުގައި އިނގިރޭސި ވިލާތަށް މިއަދު ފުރައިވަޑައިގެންފައިވަނީ އެމް.ޑީ.ޕީ. ގެ އިންތިޚާބާ ބެހޭ ކޮމެޓީގެ 3 މެމްބަރުންކަމުގައިވާ އެކޮމެޓީގެ މުޤައްރިރު އިބްރާހިމް ވަޙީދާއި، އެ ކޮމެޓީގެ މެމްބަރ އަދި ވިލިމާލެ ދާއިރާގެ ރައީސް މުޙައްމަދު އިބްރާހިމް މަނިކާއި، އެކޮމެޓީގެ މެމްބަރ އަދި ހުޅުހެންވޭރު ދާއިރާގެ ރައީސް އިބްރާހިމް މުޢީޒެވެ.
އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިންތިޚާބުތައް އޮބްޒާރވްކުރުން އޮންނާނީ މިމަހުގެ 16 އިން 22 އަށް އިނގިރޭސި ވިލާތުގެ ލަންޑަނުގައެވެ.
މީގެ ކުރިން ވެސް ކޮންޒާރވެޓިވް ޕާރޓީގެ ފަރާތުން ދެއްވި ދަޢުވަތުތަކުގައި އެމް.ޑީ.ޕީ. ގެ ވަފުދުތައް ވަނީ އެކިފަހަރުމަތިން އިނގިރޭސި ވިލާތުގެ އިންތިޚާބުތައް އޮބްޒާރވްކުރުމުގައި ބައިވެރިވެ ހަރަކާތްތެރިވެފައެވެ.