އެމް.ޑީ.ޕީ ގެ ޤައުމީ ހިންގާ ކޮމެޓީގެ 167 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ ހިންގާ ކޮމެޓީގެ 167 ވަނަ ބައްދަލުވުން މިއަދު (13 މޭ 2014 ވަނަ ދުވަހު) ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ގިނަ ކަންތައްތަކެއްގެ މަޝްވަރާ ކުރެވުނެވެ. އަދި ތިން މައްސަލައެއްގައި ނިންމުން ނިންމަވާފައިވެއެވެ. މިގޮތުން އެއް މައްސަލައެއްގެ ގޮތުގައި މި ޕާރޓީގެ އަންހެނުންގެ ރޫޙުގެ ބޭންކް އެކައުންޓުގެ މުއާމަލާތްތަކުގައި ސޮއިކުރައްވާނެ ދެ ބޭފުޅުންނަކީ ސެކްރެޓެރީ ޖެނެރަލްގެ ނައިބާއި އަންހެނުންގެ ރޫޙުގެ ރައީސްކަމުގައި ކަނޑައަޅުއްވައި ނިންމެވިއެވެ.
ދެވަނަ މައްސަލައެއްގެ ގޮތުގައި އެމް.ޑީ.ޕީ ގެ ޤައުމީ ހިންގާ ކޮމެޓީގެ ދެން އޮންނަ ބައްދަލުވުން އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމަވާފައިވެއެވެ. އަދި މި ބައްދަލުވުން 22 މޭ 2014 ވަނަ ދުވަހު ބޭއްވުމަށް ވެސް ވަނީ ކަނޑައެޅިފައެވެ.
އަނެއް މައްސަލައެއްގެ ގޮތުގައި ޅ.މާފިލާފުށްޓަކީ ކުރެންދޫގެ އަވަށެއްގެގޮތުގައި ހެދުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ ވަޒީރުންނާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސުވާލުކުރުމަށް ނިންމެވިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމް.ޑީ.ޕީ ގެ ވަގުތީ ރައީސް އަދި ކުރީގެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދެވެ.