ޓެރަރިޒަމަށް ރާއްޖޭގައި ފައިސާ އެއްކުރުމުގެ ޢަމަލުތައް ހިންގާއިރު ސަރުކާރުން އެކަމުގައި ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅު ނާޅާ މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހި ރާއްޖޭގައި އެކިއެކި ސިފަ ސިފާގައި ޓެރަރިޒަމާ ގުޅުންހުރި ކަންކަމާއި ހައްދުފަހަނާޅާފައިވާ ކަންކަން ހިންގައި، އަދި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިޒަމަށް ފައިސާ ޖަމާކުރާތަނެއްގެ ގޮތުގައި ރާއްޖެ ވަމުންދާއިރު މިކަންކަމުގެ ކަންބޮޑުވުން ފާޅުކޮށް މިކަންކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަމުން ނުދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ(އެމް.ޑީ.ޕީ) އިން އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ.
ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ހޭދަކުރުމަށްޓަކައި ދިވެހި ރާއްޖޭގައި ފައިސާ އެއްކުރާކަމަށް ދާދިފަހުން އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުގެ “ކަންޓްރީ ރިޕޯރޓްސް އޮން ޓެރަރިޒަމް 2013” ގައި ވެސް ހާމަކޮށްފައި ވެއެވެ. އަދި އެމް.ޑީ.ޕީ. ސަރުކާރުގައި އޮތް އިރު ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ، ރާއްޖެއިން ބޭރުގެ ފަރާތްތަކާ ދިވެހިން ގުޅިގެން ޓެރަރިޒަމާއި ހައްދުފަހަނާޅާފައިވާ އެކި އެކި ހަރަކާތްތައް ހިންގަމުންދާކަން ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި އެއިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ މިވާހަކަފުޅު ކުށްވެރިކޮށް، އަދި އެއީ ރާއްޖޭގެ އަގު ވެއްޓޭނޭ ވާހަކަފުޅެއްކަމަށް ބުނެ، ބޭރުގެ ފަރާތްތަކާ ދިވެހިން ގުޅިގެން ހިންގާ ޓެރަރިޒަމާއި ހައްދުފަހަނާޅާފައިވާ ކަންކަން ހުއްޓުވުމަށް ހުރަސްއަޅާފައިވާކަން ފާހަގަކުރަމެވެ.
ދިވެހިރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ވިއުގަތައް ހަރަކާތްތެރިވަމުންދާކަމާއި، އަދި އެކަމުގައި ހައްޔަރުކުރެވޭ ބޮޑުން ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަސޭހަކަމާއެކު ވީއްލިގެން ދިއުމާއި އަދި އެފަދަ ބޮޑެއްގެ މައްޗަށް ޙުކުމެއް އަތުވެއްޖެ ނަމަ ވެސް އެމީހަކު ރާއްޖެއިން ބޭރަށް ސަރުކާރުން ފޮނުވާލަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެފަދައިން ރާއްޖޭގެ ދިފާއީ ވުޒާރާގެ ވަޒީރުކަމުގައި ހުންނަވާ މުޙައްމަދު ނާޒިމާއި ޓްއަރިޒަމް ވުޒާރާގެ ވަޒީރުކަމުގައި ހުންނަވާ އަޙްމަދު އަދީބު، މުޅި ދުނިޔެއަށް މަޝްހޫރު ވަގު ވިޔަފާރިއާއި ޖަރީމާތައް ހިންގާ އާރތާރ ބްރަދާސް ރާއްޖެ ގެނެސް ބޭއްވި ގުޅުމަށް އިންކާރުކޮށްފައި ވަނިކޮށް އެކަން ފަޅާއަރާފައިވާކަން ވެސް ފާހަގަކުރަމެވެ. އަދި މިރާއްޖޭގައި ހިނގާ “ގޮތްނޭގޭ” މަރުތަކުގެ ޙަޤީޤަތް، ރާއްޖޭގެ ތަޙްޤީޤްކުރާ ފަރާތްތަކުން ހޯދަމުން ނުދާކަމާއި، މިގޮތުން ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ޙަޤީޤީ ޤާތިލުން ހޯދުމަށް ވެސް މިހާތަނަށް މަސައްކަތްކޮށްފައިނުވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން ދިވެހިރާއްޖެއަށް ބިދޭސީން ވަގަށް އެތެރެވަމުންދާ މިންވަރު އިތުރުވަމުންދާ ދިއުމާއި، ދީނީގޮތުން ހައްދުފަހަނާޅާފައިވާ މީހުން އިތުރުވަމުންދާ ދިއުން ފާހަގަކުރަމެވެ.
މިދެންނެވި ކަންކަން މިގޮތަށް ހިނގަމުންދާދިއުމާއި، އަދި ރައްޔިތުން އިންތިޚާބުކުރާ ޑިމޮކްރެޓިކް ހެޔޮ ވެރިކަމެއް އަތުވެއްޖެނަމަ އެވެރިކަން ބަޣާވާތަކުން ވައްޓާލުން ފަދަ އެންމެހައި ނުބައިކަމެއް އެ ހިންގާ ހިންގުމާއި، ޓެރަރިޒަމްގެ އަމަލުތަކަށް ހޭދަކުރުމަށްޓަކައި ދިވެހި ރާއްޖޭގައި ފައިސާ އެއްކުރާކުރުމާ ގުޅުންހުރިކަމަށް ޤަބޫލުކުރެވެއެވެ.

12 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއޭޓް