ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަށް ނަންފުޅެއް 17 ވަނަ މަޖިލީހަށް ހުށަނާޅުއްވާނޭކަމުގައި ރައީސް ޔާމިން ވިދާޅުވުމާގުޅިގެން އެކަން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

noosbayan

ޕްރޮސިޔުޓަރ ޖެނެރަލް އަދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ ނައިބުގެ މަޤާމު ހުސްވުމާގުޅިގެން ދައުލަތުގެ ނަމުގައި ޖިނާޢީ ދައުވާކުރުމާއި އަދި އެކަމާ ގުޅޭ އެންމެހައި ކަންކަންކުރުމުގައި ޤާނޫނީ ހުސްކަމެއް އައިސް ޖިނާޢީ އަދުލުގެ ނިޒާމް ހުއްޓުމަކަށް އައިސްފައިވުމުން މިކަމަށް އަވަސް ޙައްލެއް ހޯދަންޖެހިފައިވަނިކޮށް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނުކުރުމަށް 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަމެއް ހުށަނާޅުއްވާނެކަމަށާއި ނަމެއް ހުށަހަޅުއްވާނީ 18 ވަނަ މަޖިލީހަށްކަމަށް ވިދާޅުވެ ޒިންމާދާރުކަން ކުޑަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވަމުން ގެންދަވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ހަރު އަޑުން ކުށްވެރިކުރަމެވެ.

ޕްރޮސިކިޔުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ ނައިބެއް ނެތް ހިނދެއްގައި ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ނަމުގައި ދައުވާކުރާނެ ޤާނޫނު އަސާސީގައި ބުނާ އެއްވެސް ފަރާތެއް މިހާރު ނެތްކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިކަމުގެ ސަބަބުން ޖިނާޢީ ޢަދުލުގެ ނިޒާމް ހުއްޓުމަކަށް އައިސް، ޤާނޫނީ ހުސްކަމެއް ކުރިމަތިވެ، ދައުލަތެއްގައި އޮންނަން ޖެހޭ މައިގަނޑު އެއް ސިފަ ގެއްލިގޮސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރި ބޮޑެތި ހުރަސްތައް ބަޔާންކުރައްވައި، އަދި އެކަމަށް ޙައްލެއް ހޯއްދައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށާއި، ސްޕްރީމް ކޯޓަށާއި ރައްޔިތުންގެ މަޖިލީހަށް ތަކުރާރުކޮށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ ނައިބު އަލްއުސްތާޛު ޙުސެން ޝަމީމު ދަންނަވަމުން ގެންދެވި ނަމަވެސް ދައުލަތުގެ އެއްވެސް ބާރަކުން އެކަމަށް ހައްލެއް ހޯދައިދެއްވާފައިނުވާކަމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ ނައިބު އަލްއުސްތާޛު ޙުސެން ޝަމީމު އިސްތިއުފާދެއްވަމުން ވިދާޅުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ވަކިން ޚާއްޞަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވިޔަސް އަދި ޤާނޫނު އަސާސީގެ ބަލަދުވެރި ސުޕްރީމް ކޯޓު ވިޔަސް މިކަމަށް އެއްވެސް ސަމާލުކަމެއް ދެއްވާފައިނުވާކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރު، ރައީސުލް ޖުމްހޫރިއްޔާއަށް މުހިއްމުވެވަޑައިގެންފައިވަނީ ޑިމޮކްރެޓިކް ޤައުމުތަކުގައި އޮންނަ ގުޑް ގަވަރނަންސްގެ އުސޫލުތަކާ ޚިލާފަށް އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންނާއި ނުވަތަ އެފަދަ ގާތް ބޭފުޅުން ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރެއްވުންކަން އެނގި ހާމަވެފައިވެއެވެ. މިގޮތުން އެންމެ ފުރަތަމަ އެމަޤާމަށް އައްޔަނު ކުރެއްވުމަށް ރައިސޫލް ޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅަކީ، އާއިލީ ގޮތުން އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްކަމުގައިވާ އަލްއުސްތާޛު މައުމޫން ޙަމީދުގެ ނަންފުޅެވެ. އާއިލީ ގޮތުން އެހާ ގާތް ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވި އިރު އެ ބޭފުޅާއަށްވުރެ ޤާނޫނީ ރޮނގުން މާ މަތީ ފާސްތައް ނަންގަވައިގެން ތިއްބެވި ޤާނޫނީ ތަޖުރިބާކާރުން އެ މަޤާމަށް އެއިރުވެސް ކުރިމަތިލައްވާފައިވާކަން ފާހަގަކުރަމެވެ. އަދި ސަރުކާރުގެ ކޯލިޝަނަށް މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތު އޮތްއިރު، ކޯލިޝަންގެ މެމްބަރުންގެ މެދުގައި ވެސް ހީލަތް ހައްދަވައި އަލްއުސްތާޛު މައުމޫން ޙަމީދުގެ ނަންފުޅު މަޖިލީހުން ފާސްކޮށްފައިނުވުމުގެ ސަބަބުން ޕްރޮސިކިޔުޓަރ ޖެނެރަލަކު މިއަދާ ހަމައަށް ވެސް އައްޔަނުކުރެވިފައި ނުވެއެވެ.

ޖިނާޢީ ޢަދުލުގެ ނިޒާމް ހުއްޓިފައިވުމުގެ ސަބަބުން މިކަމަށް އަވަސް ޙައްލެއް ހޯދަންޖެހޭއިރު، އަދި ޕީޖީގެ މަޤާމަށް ޤާބިލު އެތައް ބޭފުޅުންތަކެއް ދެވަނަ ފަހަރަށް ވެސް ކުރިމަތި ލައްވާފައިވާއިރު، ދައުލަތުގެ އެންމެ އިސް ވެރިޔާގެ ޙައިސިއްޔަތުން މިކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވައި، އާއިލީ ބޭފުޅަކު ނުވަތަ އެފަދަ ގާތް ބޭފުޅަކު އައްޔަނުކުރެވޭނޭގޮތެއް ވާންދެން، ރައީސުލް ޖުމްހޫރިއްޔާ އޭގެތެރެއިން ނަންފުޅެއް މަޖިލީހަށް ނުފޮނުއްވައި ލަސްކުރައްވަމުން ގެންދަވާގެންދެވުމަކީ މިސަރުކާރުން ގަސްދުގައި ކުރައްވާ އަމަލެއްކަމުގައި ދެކެމެވެ. އެހެންކަމުން ޕްރޮސިކިޔުޓަރ ޖެނެރަލަކު އައްޔަނުކުރެވިފައި ނެތުމާއި، ޖިނާޢީ ޢަދުލުގެ ނިޒާމް ހުއްޓިފައި އޮތުމުގެ އެންމެ ބޮޑު ޒިންމާއެއް ސަރުކާރުން އުފުލަންޖެހޭނޭކަމުގައި ދެކެމެވެ.

07 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއޭޓް