ޖީއެމްއާރު އެގްރީމެންޓް އަލުން އަނބުރާ އިޔާދަކުރުމަށް ގޮވާލުން

noosbayan

ވަގުތުން ނެރުމަށް
ނަންބަރު:
ތާރީޚް: 30 އެޕްރީލް 2014 (ބުދަ)

ޖީއެމްއާރު އެގްރީމެންޓް އަލުން އަނބުރާ އިޔާދަކުރުމަށް ގޮވާލުން.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި، އެމް.ޑީ.ޕީގެ ސަރުކާރުން ޖީއެމްއާރ އިންފްރާސްޓްރަކްޗަރއާ ޙަވާލު ކުރީ ޤާނޫނީ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ ހަމަތަކުގެ މަތިންކަމީ އެނގިފާޅުވެފައި އޮތް ޙަޤީޤަތަކަށްވާ ހިނދު؛

އަދި މި މުޢާމަލާތުގައި އެއްވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފައިވޭތޯ ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލިބެލުމުގައި އެ ފަދަ ޢަމަލެއް ހިނގާފައިނުވާކަމުގައި އެ ކޮޖިޝަނުން ނިންމާފައިވެއެވެ. މިގޮތުގެ މަތިން އެއާޕޯޓު ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބޭނުންކުރި މާލީ ފެންވަރުކުރުމުގެ މިންގަނޑުތައް ގޮތުގައި ބޭނުންކޮށްފައިވާ ބޭސްފިގާރތަކަކީ ރަނގަޅު ފިގާރތަކެއްކަން އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކޮންސެޝަން ފީ ހޯދުމަށް ބޭނުންކޮށްފައިވާ ގްރޮސް ރެވެނިއު އަދަދުތަކަކީ ބިޑް ހުށައެޅި ހުރިހާ ފަރާތްތަކުންވެސް ނެޓްޕްރެސެންޓް ވެލިއު ކަލްކިއުލޭޓް ކުރުމަށް ބޭނުންކުރަންޖެހޭ އަދަދުތަކެއްކަމަށާއި މި އަދަދުތަކަކީ އައި.އެފް.ސީން ރާއްޖޭގެ ޓޫރިޒަމް ސެކްޓަރ ކުރިއަރާނެ ގޮތަށާއި އަދި ރާއްޖޭގެ އެއަރ ޓްރެފިކް ކުރިއަރައިގެންދާނެ ގޮތަށް ބަލައިގެން ހޯދައިފައިވާ އަދަދުތަކެއްކަމަށް ރިޕޯޓުގައި ބުނެއެވެ.

ހަމަ މިއާއެކު އެއަރޕޯޓު ޕްރައިވެޓައިޒް ކުރަން ނިންމި އިރު (2008، 2009، އަދި 2010) ގެ ޙާލަތަށް ބަލާއިރު، އެމްއޭސީއެލްއިން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓ ހިންގައިފިނަމަ ދިވެހި ސަރުކާރަށް ސާފު ފައިދާގެ ގޮތުގައި 25 އަހަރުން ލިބޭނީ ގާތްގަނޑަކަށް 254 މިލިއަން ޔޫ.އެސް.ޑޮލަރު ކަމާއި، ނަމަވެސް ޖީއެމްއާރ ކޮންސޯރޓިއަމްއާ ޙަވާލުކޮށްގެން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގައިފިނަމަ 25 އަހަރުން 534 މިލިއަން ޑޮލަރު މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީއަށް ލިބޭނެކަމަށް އެނގެން އޮތްއިރު، ދިވެހި ސަރުކާރަށް ބޮޑަށް ފައިދާވާނީ އެއަރޕޯޓު ޕްރައިވެޓައިޒްކުރުމުން ކަމުގައި އެމްޑީޕީ ސަރުކާރުން ދެކިގެން، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެއަރޕޯޓު ޖީއެމްއާރަށް ޙަވާލުކުރީ، ސިޔާސީ މަޤްޞަދަށްވުރެ ރައްޔިތުންނަށް ޙައްޤުވާ ޢާންމުވެގެންވާ މަންފާ ވަރުގަދަކުރުމުގެ މަޤްޞަދުގައިކަން ޟިމްނީ ގޮތުން އަދި ކަނޑައެޅިގެން ފާޅުގައި އެނގެން އޮތް އިރު؛

މިކަންކަން މިހެން ބަޔާންވެ ފާޅުވެފައިވަނިކޮށް، އޭރުގެ އިދިކޮޅު ފަރާތްތަކުން، މައްސަލައިގެ ޙަޤީޤަތް ރައްޔިތުންނަށް އިންތިހާއަށް އޮޅުވާލައި، ވިދިގެން އައި ބަޣާވާތުގެ ސަރުކާރުން އެއާޕޯޓުގެ އެގްރީމެންޓް އެއްވެސް ބެލުމެއްނެތި އުވާލީ އެއްގޮތަކަށްވެސް ރައްޔިތުންނަށާއި ޤައުމަށް ކުރާނެ ފައިދާއަކަށް ހިތުލައިގެން ނޫންކަމުގައި ރައީސް ޔާމީނުގެ ބަސްފުޅުތަކުންވެސް ސާފުވާކަން މި ޕާޓީއަށް ކަށަވަރުވެފައިވާތީ؛

މި ޕާޓީން މިސާހިތު މި ގޮވާލަނީ ބާޠިލުކޮށްފައިވާ އެގްރީމެންޓް، މިހާރު މިއޮތް ސަރުކާރުން އަލުން އިޢާދަކޮށް އެހެން ފަރާތަކަށް ޙަވާލުކުރުމުގެ ބަދަލުގައި، އިހުގައިވެސް ޢަހުދުވީ ފަރާތަށް އަނބުރާ އެ މަސައްކަތް ރައްދުކުރުމަށެވެ. އެއީ މިކަން މިހެން ނުކޮށްފިނަމަ، ރާއްޖެއަށް ތަދާރުކު ނުކުރެވޭފަދަ ގެއްލުމާއި އިޢާދަނުކުރެވޭފަދަ ނުރައްކާ ކުރިމަތިވާނެތީއެވެ.

ދެންފަހެ ބުނެވިދިޔަ ސަބަބުތަކަށްޓަކައި މި ޕާޓީން މިއަދު މި އިޤްރާރުވަނީ މި ޕާޓީން އުފައްދާ ސަރުކާރަކުން، މިހާރު މި ހިނގާ ސަރުކާރުން، އެއާޕޯޓާގުޅުވައި އުފައްދާ ފާސިދު އެގްރީމެންޓްތައް ބާޠިލުކޮށް އޭގެ ޙައްޤު ފަރާތަށް ރުޖޫޢަކުރާނެކަމަށެވެ. އަދި މިއަދުގެ ސަރުކާރަށާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް މިކަން ޞަރީޙަކޮށް އަންގައި، މި ޕާޓީން މިކަންކަމަށް އިޤްރާރުވަމެވެ.

إِنَّ اللَّـهَ يَأْمُرُ‌كُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا
“ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ” (އައްނިސާ: 58)

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް