19 އޭޕްރިލް 2014 ގައި ވ.އަންބަރާ ކިޔާ ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި އޮޕަރޭޝަންގައި ކަންކަން ހިނގާފައިވާގޮތާމެދު އެމްޑީޕީގެ ޙައްޤު ކޮމިޓީން އިންތިހާއަށް ކަންބޮޑުވާ ނުގުތާތަކެއް ފާހަގަކުރަމެވެ.
ފުލުހުންގެ މަސައްކަތަކީ އިންސާނީ ޙައްޤުތަކާއި ޒަމާނީ ޑިމޮކްރަސީގައި ފައިހަމަވާގޮތަށް ރައްޔިތުންނަށާއި މުޖުތަމައުއަށް ފޯކަސްކޮށްގެން ކުރާ މަސައްކަތަކަށް ހެދުމަށްޓަކައި އެ ނަޒަރުން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެކެވެ.
ފުލުހުންނަށް އިޚްތިޔާރާއި ބާރު ލިބިދެނީ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދާއިރާގެ ތެރޭގައި ކަމަށްވާއިރު، އަދި އެދާއިރާއިން ބޭރަށް ފުލުހެއްގެ އިޚްތިޔާރާއިބާރު ބޭނުން ނުކުރެވޭނޭކަން ރާއްޖޭގެ ހޯމް މިނިސްޓަރަށް މި ދަނޑިވަޅުގައި ހަނދާންކޮށްދެމެވެ.
ޤާނޫނުއަސާސީގައި ބަޔާންކުރާ ހައްޔަރުކުރެވޭ މީހުންގެ ޙައްޤުތަކުގެ ތެރޭގައި އެ މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެކަމާއި ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެކަމަށް ބަޔާންކޮށްފައި ވުމާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެ މީހަކަށް އަންގާންވާނެކަމަށާއި އަދި ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމޭންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެ މީހަކަށް ފަހިކޮށްދޭން ވާނެކަމަށް އޮންނަ އިރު، އަދި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތްއިރު، ވ. އަންބަރާގައި ތިބި މީހުން ހައްޔަރުކުރުމުގައި ފުލުހުންގެ ޢަމަލުތައް ބަހައްޓާފައި ވަނީ މި އުޞޫލުތަކާ މުޅިން ޚިލާފަށެވެ.
ހައްޔަރުކުރުމާއި ބަންދުކުރުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ހުރި ތަފާތު ބަޔާންކޮށް އެއިން ކޮންމެ ކަމަކަށް އޮންނަ އުޞޫލުތައް “ފުލުހުންނަށް ލިބިދީފައިވާ އެންމެހޭ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ގަވާއިދު”ގައި ބަޔާންކޮށްފައިވާއިރު، މި ގަވައިދަށް ޢަމަލުކޮށްފައި ނެތްކަމާމެދު ޙައްޤުކޮމިޓީން ހިތާމަކުރަމެވެ.
އަދި ތަޙްޤީޤް ކުރުމުގައި ގެންގުޅޭ ހާއްސަ ސިއްރު އުކުޅުތައް ފުލުހުންނަށް ބޭނުންކުރެވޭނީ ކޮން ކުށްތަކެއްގެ ތަޙްޤީޤާއި ގުޅިގެންކަން އެނގެން ޖެހެއެވެ. އެ ޚާއްސަ އުކުޅުތަކުގެ ތެރޭގައި ޤާނޫނުން ހުއްދަކުރަނީ ކޮން އުކުޅުތަކެއްކަން ކަންޑައެޅިގެން ބަޔާންކުރުމާއި އެ ޚާއްސަ އުކުޅުތައް ބޭނުންކުރެވޭނޭ ހާލަތް ރައްޔިތުންނަށް އެނގެންޖެހެއެވެ. އަދި މީހަކާ ގުޅޭގޮތުން ސިއްރު ތަހްޤީޤީ ޚާއްސަ އުކުޅުތަކެއް ބޭނުންކުރާކަން އެނގިގެން އެއީ ކުރަންނުޖެހޭ ތަޙުޤީޤެއްކަމަށްވާނަމަ ބޭނުންކުރަންނުޖެހޭ އުކުޅުތަކެއް ކަމުގައި ވާނަމަ އެކަންކަން ހުއްޓުވޭނޭ ގޮތް ޤާނޫނުގައި ލިޔެ ތަޞްދީޤު ކުރުމުގެ ކުރިން މިފަދަ އުކުޅުތައް ބޭނުންކުރުމުގައި އެއްވެސް ޤާނޫނީ ހަލާލުކަމެއް ނެތްކަމަށް އެމްޑީޕީގެ ޙައްޤު ކޮމިޓީން ދެކެމެވެ.