ޑޮކްޓަރ އަޙްމަދު ރާޒީ އަވަހާރަވުމުގެ ހިތާމާގައި އެމް.ޑީ.ޕީ އިން ބައިވެރިވުމުގެ ގޮތުން ނެރޭ ނޫސް ބަޔާން

noosbayan

ޑޮކްޓަރ އަޙްމަދު ރާޒީ ހިތުގެ އާލާސްކަންފުޅެއްގައި ރޭގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެން އެކަމުގެ ފުންހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެ މަރުޙޫމްގެ އާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ.
ޑޮކްޓަރ އަޙްމަދު ރާޒީ އަކީ މެޑިކަލް ޑޮކްޓަރުކަން ކިޔަވައި ވިދާޅުވުމަށްފަހު ދިވެހިރާއްޖެއަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ވަރަށް އަގުހުރި ދިވެހި ދަރިއެކެވެ. އަމަނިކުފާނުގެ ސިއްޙީ މަތިވެރި ޚިދުމަތްތައް ލިބިފައިނުވާ ދިވެހި އާއިލާއެއް މަދުން ނޫނީ ނުވާނޭކަމަށް ޤަބޫލުކުރެވެއެވެ. އެމަނިކުފާނަކީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވުމުގެ އިތުރުން ޑޮކްޓަރ އަޙްމަދު ރާޒީ ވަނީ ޑަޔަބެޓީސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ޗެއާރމަންކަން ކުރައްވައި، ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ގިނަގުނަ އަމަލީ މަސައްކަތްޕުޅުތަކެއް ވެސް ކުރައްވާފައެވެ. އަދި ހަމަ އެފަދައިން އެމަނިކުފާނަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި އިންސާފުވެރި އަދި އޯގާތެރި ޚިދުމަތްތެރިއެކެވެ.
ޑޮކްޓަރ އަޙްމަދު ރާޒީގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް ދުޢާކުރާ ހިނދު، އެމަނިކުފާނުގެ އާއިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން.

10 އޭޕްރިލް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް