މާލޭ ވިޔާފާރި ބަނދަރުގައި ރޭ ހިނގި ނުރައްކާތެރި ހާދިސާ ކުށްވެރިކުރުން

noosbayan

ވިޔަފާރި ބަނދަރުގައި ރޭ ހިނގި ނުރައްކާތެރި ހާދިސާއަކީ މިފަހުގެ ތާރީޚުގައި އެ ބަނދަރުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. އެ ހާދިސާގައި ނިޔާވި މ.ޕެރިސްވިލާ އިބްރާހީމް ޝަރީފާއި، ނ.ކުޑަފަރީ ޗާނދަނީގޭ މުޙައްމަދު ނާޝިދުގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ މަސައްކަތްތެރިއަކަށްވެސް ކަށަވަރު ކޮށްދީފައިވާ އެންމެ އަސާސީ އެއް ޙައްޤަކީ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމުގެ ޙައްޤެވެ. ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައިވަނީ، ހަމަހަމައަކާއެކު މުޢާމަލާތު ކުރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތް ކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށެވެ. މަސައްކަތްތެރީންނަށް ލިބިދީފައިވާ އެޙައްޤު އެމަސައްކަތްތެރީންނަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެކެވެ. އަދި ވަކީން ޚާއްޞަކޮށް އެމަސައްކަތްތެރީން މަސައްކަތްކުރާ މުއައްސަސާއެއްގެ ޒިންމާއެކެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ސަރުކާރުގެ ޒިންމާއެކެވެ.
ވިޔަފާރި ބަނދަރުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މީޑިޔާގައި ދައްކަވާފައިވާ ވާހަކަތަކީ މިޕާޓީން ނުހަނު ކަންބޮޑުވާ ވާހަކަތަކެކެވެ. އެއީ، ބަނދަރުގެ ސޭފްޓީ ކަންކަން ހުރީ ސަލާމަތީ ގޮތުން ނުރައްކާތެރި ޙާލަތެއްގައި ކަމަށާއި، މަސައްކަތްކުރާއިރު އެތަނުގައި ތިބެންޖެހޭ ސޭފްޓީ އޮފިސަރުން ރޭގައި އެތަނުގައި ނެތް ކަމަށާއި، އަދި ފަސްޓް އެއިޑް ދެވޭނޭ ގޮތްވެސް ބަދަރުގައި ނެތްކަމަށް ބަނދަރުގައި މަސައްކަތްކުރާ މަސައްކަތްތެރީން ބުނަމުން ދިޔައިރު، ބަނދަރުގެ ސެކިޔުރިޓިއާ ސޭފްޓީ މިންގަނޑުތައް ބަލަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަމަށާއި އެކަން ބެލުމަށްފަހު އަހަރަކު އެއްފަހަރު އެހުއްދަ އެމް.ޕީ.އެލް އަށް އައު ކޮށްދޭކަމަށް އެމް.ޕީ.އެލް އިން ވިދާޅުވެފައިވާތީއެވެ. އަދި، ކަންކަން އިޞްލާޙުކުރުމުގެ ބަދަލުގައި ޒިންމާއިން ބަރީޢަވުމަށް ވާހަކަދައްކަވާތީއެވެ.
ވިޔާފާރި ބަނދަރުގައި އެފަދަ ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް، ބަނދަރުތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާ ބެހޭ ޤަވާޢިދުތަކަށް ހަރުދަނާ އިޞްލާޙުތައް މިހާރުން މިހާރަށް ގެނައުމަށް މިޕާޓީން ގޮވާލަމެވެ. އަދި، މަސައްކަތްތެރީންނަށް ރައްކާތެރި މާޙައުލެއް ލިއްބައިދިނުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށްވެސް މިޕާޓީން ގޮވާލަމެވެ. އަދި، މީގެ އިތުރުން، 2009 ވަނަ އަހަރު ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ޖަމްޢިއްޔާ ނުވަތަ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އިން މަސައްކަތުގެ މާޙައުލަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ “ރައްކާތެރި އަދި ސަލާމަތްތެރި މަސައްކަތުގެ މާޙައުލާ ބެހޭ މުޢާހަދާ 1981” (އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންވެންޝަން 1981) ގައި ދިވެހިރާއްޖެ ބައިވެރިވުމަށް ސަރުކާރަށް ގޮވާލަމެވެ.