ފުރަތަމަފަހަރަށް އެމް.ޑީ.ޕީ ގެ ޤައުމީ މަޖިލީހުގައި ޕާރޓީއަށް ނިސްބަތްވާ ކައުންސިލަރުން ހިމެނުމަށް ފާސްކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން ޕާރޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހިމެނުމަށް ފާސްކުރައްވައިފިއެވެ.
މިގޮތަށް ފާސްކުރައްވާފައިވަނީ މިއަދު (8 އޭޕްރިލް 2014 ވަނަ ދުވަހު) އޮތް މި ޕާރޓީގެ ޤައުމީ ހިންގާ ކޮމެތީގެ 164 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު ޤައުމީ ހިންގާ ކޮމެޓީން މިގޮތަށް ފާސްކުރެއްވުމާގުޅިގެން ފުރަތަމަ ފަހަރަށް އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން ޕާރޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. ޤައުމީ ހިންގާ ކޮމެޓީން މިއަދު ފާސްކުރައްވާފައިވަނީ ކޮންމެ ސިޓީއަކުން އެއް ކައުންސިލަރާއި އަދި ކޮންމެ އަތޮޅަކުން އެއް ކައުންސިލަރު ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަނެވޭނޭ ކަމަށެވެ. މިގޮތުން ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހިމެނުމަށް ކައުސިލަރުން ކަނޑައެޅޭނީ އެއްވެސް އެހެން ޙައިޞިއްޔަތަކުން ޤައުމީ މަޖިލީހުގައި ހިމެނިވަޑައިނުގަންނަވާ ކައުންސިލަރުންގެ ތެރެއިން ކޮންމެ ސިޓީ ކައުންސިލަކުންނާއި ކޮންމެ އަތޮޅެއްގެ ކައުންސިލަރުންގެ ތެރެއިން އެ އަތޮޅަކުން ނެގޭ ސިއްރު ވޯޓަކުން ކަނޑައަޅާ އެއް މެމްބަރެވެ.