ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ އިއްޒަތްތެރި މެމްބަރު އޮނަރަބްލް ޤާސިމް އިބްރާހީމްގެ ފޯނުކޯލެއްކަމަށް ބެލެވޭ އޯޑިއޯއެއްގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ވެރިކަން ކުރާ ކޯލިޝަން ސަރުކާރާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅާމެދު އެމްޑީޕީން އިންތިހާއަށް ކަންބޮޑުވެއެވެ.
އިންޓަނެޓުގައި 19 މާޗް 2014 ވަނަ ދުވަހު ފެތުރިފައިވާ މި ފޯނުކޯލުގައި އޮނަރަބްލް ޤާސިމް އިބްރާހީމް ވަނީ ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އަދި މިހާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާމެދު ނުރުހުންވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް ޔާމީނަށާއި ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ އަނިޔާވެރިކަމާއި މަކަރުވެރިކަމުގެ ވާހަކަ ވިދާޅުވެއެވެ. މީގެ އިތުރުން ކޯލީޝަން ސަރުކާރުގެ ހޯމް މިނިސްޓަރާ މެދުވެސް ނުރުހުން ފާޅުކުރައްވާފައިވެއެވެ.
މި ފޯނުކޯލުން ހާމަވެގެންދަނީ އޮނަރަބްލް ޤާސިމް އިބްރާހީމް ސަރުކާރުގެ ކޯލީޝަނުގައި ބައިވެރިވެވަޑައިގަތީ ބިރުވެރިކަމާއި ސިޔާސީ ނުފޫޒުގެ ސަބަބުން ކަމުގައެވެ. އަދި ކޯލިޝަން ސަރުކާރުގެ އެކުވެރިކަން ނެތްކަމާއި ކޯލީޝަން ސަރުކާރަކީ ރައްޔިތުންގެ މަންފާއަށް އެދި އުފެދިފައިވާ ސަރުކާރެއް ނޫން ކަމެވެ. އަދި ކޯލީޝަން ސަރުކާރުގެ ތެރޭގައި ހަމަނުޖެހުންތައް ގިނަ ކަމެވެ. އަދި މީގެ އިތުރުން ލީޑަރުންގެ މެދުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވަން ޖެހޭ އިތުބާރު ނެތްކަމެވެ.
ރައްޔިތުންގެ ރުހުމާއި އިތުބާރު ގެއްލިފައިވާ ސުޕްރީމް ކޯޓުގެ ނުފޫޒުގައި ދިވެހިރާއްޖޭ މިނިވަން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައި “ގުޅިގެން” ކަމަށް ބުނެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީ ހޯދައިދިނުމުގެ ނަމުގައެވެ. އެހެންނަމަވެސް ކޯލީޝަން ސަރުކާރުގައި ހިމެނޭ އެކިއެކި ސިޔާސީ ލީޑަރުންގެ މެދުގައި އިތުބާރު ނެތި، އެއްބަޔަކު އަނެއްބަޔަކަށް ސިޔާސީ ގޮތުން ބާރުފޯރުވުމަށް މަސައްކަތްކުރުމުގެ ނަތީޖާއަކީ ފާއިތުވީ 4 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތްތައް ނުލިބި ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް ދަށްވެގެން ދިއުމެވެ. ރައްޔިތުންނަށް ވީވައުދުތައް ނުފުއްދި ސަރުކާރުގައި ހިމެނޭ ކޯލީޝަން ދެމެހެއްޓުމަށް ރައްޔިތުންގެ މުދަލާއި ފައިސާ ޚަރުކުރުމުގެ ނަތީޖާ އަކީ ރައްޔިތުންނަށް ލިބެން ޖެހޭ ޙައްޤުތަކުން މަހުރޫމްވުމެވެ. ތަރައްޤީގެ މަގުގައި އެތައް އަހަރުތަކެއް ފަހަތަށް ޖެހުމެވެ.
އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން އައީ ރިޔާސީ ނިޒާމެއްގައި ކޯލީޝަން ސަރުކާރަކުން ރައްޔިތުންނަށް ފައިދާނުވާނެކަމުގައެވެ. މިފަދަ މުހިއްމު ދަނޑިވަޅެއްގައި ސަރުކާރުގެ ކޯލިޝަން ރޫޅިފައިވާ މިންވަރު މިކޯލުންވެސް ހާމަވެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހެޔޮވެރިކަމެއް ބިނާކުރުމަށް ބާރުތައް ވަކިކުރުމަށް ތިލަފަތަށް، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އިޚްލާސްތެރިކަމާއެކު އެދެމެވެ.