އައްޑޫ ސިޓީ ކައުންސިލް އުވާލާނޭކަމުގެ އިންޒާރު މިހާރު މިއޮތް ސަރުކާރުން ދިނުމާގުޅިގެން އެކަން ކުށްވެރިކޮށް އެމް.ޑީ.ޕީ އިން ނެރޭ ނޫސްބަޔާން

noosbayan

ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އައްޑޫ ސިޓީގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ އައްޑޫ ސިޓީގެ ކައުންސިލަރުންނާމެދު ފިޔަވަޅުއަޅާނޭކަމަށާއި އަދި އެކައުންސިލް އުވާލާނޭކަމުގެ އިންޒާރު މިހާރު މިއޮތް ސަރުކާރުން ދީފައިވާތީ އެ ޣައިރުޤާނޫނީ އަމަލު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އައްޑޫ ސިޓީ ހިތަދޫގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެ އިންޒާރު ދެއްވާފައިވަނީ މިހާރު މިއޮތް ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ރައީސް މުޙައްމަދު ނާޒިމެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ ސީދާ ވޯޓުން މިފަހަރުވެސް އެމް.ޑީ.ޕީގެ ކައުންސިލަރުން އިންތިޚާބުކުރައްވައި، އައްޑޫ ސިޓީގެ ހުރިހާ ގޮނޑިތަކެއް އެމް.ޑީ.ޕީއަށް ކާމިޔާބުކޮށްދެއްވާފައިވާތީ، އައްޑޫ ސިޓީގެ ރައްޔިތުންނާމެދު ހަސަދަވެރިވެ، މުޙައްމަދު ނާޒިމް ވާހަކަ ދައްކަވާފައިވާކަން ފާހަގަކުރެވެއެވެ.

ލާމަރުކަޒީ އުސޫލާއި، ސިޓީ ކައުންސިލްތައް ހެދުމާއި، އިންތިޚާބުތައް ބޭއްވުމަށް އަބަދުވެސް އެންމެ ދެކޮޅުވެރި ފިކުރުގެ މީހުންގެ މައްޗަށް އެކުލެވޭ މި ސަރުކާރުގެ ފަރާތުން އައްޑޫ ސިޓީ އުވާލުމުގެ ޣައިރު ޤާނޫނީ އިންޒާރު ދިނުމަކީ މިރާއްޖޭގެ ވެރިކަމަކުގެ ނިޒާމާއި، އައްޑޫ ސިޓީގެ ރައްޔިތުންގެ ބާރުވެރިކަމާއި ތަރައްޤީ ހުއްޓުވާނޭކަމަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ސިފަކުރަމެވެ.

އައްޑޫގެ ރައްޔިތުންގެ އެއްބާރުލެއްވުމާއި ތާއީދާއެކު އައްޑޫއަށް ސިޓީއެއްގެ ދަރަޖަ އެމް.ޑީ.ޕީގެ ސަރުކާރުން ދީފައިވަނިކޮށް، އައްޑޫ ސިޓީ އުވާލުމުގެ ވާހަކަ ދެއްކުމަކީ އަލުން އަނބުރާ އައްޑޫ ސިޓީގެ ތަރައްޤީއާއި ކުރިއެރުން ހުއްޓުވާލުމަށާއި، ކުރީގެ ޒަމާންތަކުގައި އޮތްގޮތަށް މިރާއްޖެ އިއާދަކުރުމަށާއި، ޚުދުމުހުތާރު ވެރިކަމެއްކުރުމުގެ ބޭނުމުގައި މިސަރުކާރުން ހިންގާ އަމަލެއްކަމުގައި މި ޕާރޓީން ދެކެމެވެ.
ނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުންނަކީ މިފަދަ ޚުދުމުހުތާރު ގޮތްތަކަކަށް ބޯލަނބާނެ ރައްޔިތެއް ނޫންކަން އަބަދުވެސް ސާބިތުކޮށްދެއްވާފައިވާ ރައްޔިތެކެވެ.

19 މާރޗް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް