އެމްޑީޕީގެ ކެމްޕެއިން ހުރަސްއެޅުމަށް ކުރަމުންގެންދާ މަސައްކަތް ކުއްވެރިކުރުން

noosbayan


އެމްޑީޕީގެ ކެމްޕެއިން ހުރަސްއެޅުމަށް ކުރަމުންގެންދާ މަސައްކަތް ކުއްވެރިކުރުން

މާޗް 22 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރުމަށް މިޕާޓީން ކުރަމުންދާ ކެމްޕެއިނަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން މި ޕާޓީގެ ކެނޑިޑޭޓުން ކެމްޕޭންކުރުމަށް ބޭނުންކުރަމުންދާ ތަކެއްޗައް ތަކުރާރުކޮށް ގެއްލުން ދެމުންދާދިޔުން މިޕާޓީން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ޕާޓީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓްގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ ކެމްޕެއިން އޮފީހަށް ރޭގެ ވަގުތެއްގައިވަނީ ބަޔަކު ގެއްލުން ދީފައެވެ. އަދި މި ޕާޓީގެ ފަރާތުން ހުޅުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާ މި ޕާޓީގެ ޗެއަރޕާސަން އަދި މިހާރުވެސް އެދާއިރާގެ މަޖްލިސް މެމްބަރ ރީކޯ މޫސާ މަނިކުގެ ކެމްޕޭން ޖަގަހައަށް ބަޔަކުވަނީ ރޭގެވަގުތެއްގައި ހަމަލާދީފައެވެ. ރޭގެ ކުރީރޭ ވަނީ މޫސާ މަނިކުގެ ބެނާތަކާއި ޕޯސްޓަރތަކަށް ގެއްލުންދީ ހަލާކު ކޮށްލާފައެވެ. އަދި މި ޕާޓީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަދި އެދާއިރާގެ މިހާރުގެވެސް މެމްބަރ މާރިޔާ އަހުމަދު ދީދީގެ ޕޯސްޓަރތަކަށް ބަޔަކުވަނީ ރޭގެ ވަގުތެއްގައި ގެއްލުން ދީފައެވެ. އަދި މީގެ އިތުރުންވެސް މި ޕާޓީގެ ގިނަ ކެނޑިޑޭޓުންނަށްދަނީ އެކިގޮތްގޮތުން ދުއްތުރާކޮށް ކެމްޕެއިނަށް ހުރަސް އަޅަމުންނެވެ.

މި ޕާޓީގެ ކެމްޕެއިން ހުށްޓުވާ ކެނޑިޑޭޓުންނަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ރާވާ ހިންގަމުން ގެންދާ ޑިމޮކްރަސީއާއި ދުރު މިފަދަ އަމަލުތައް ވަގުތުން ހުށްޓާލާ ތަހުޒީބީ ރިވެތި އުސޫލުން ކަންކަން ކުރުމަށް އެއްމެހާ ފަރާތްތަކަށް ގޮވާލަމެވެ.
އަދި ނުފޫޒާއި ބިރުދެއްކުމުން އިންތިހާބު ހަރާބުކުރުމަށް ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުށްޓާލުމަށް އިދިކޮޅުފަރާތްތަކަށް ގޮވާލަމެވެ. އަދި މިފަދަ އަމަލުތައް ކުރުން ހުށްޓުވުމަށް ގާނޫނު އަސާސީން އެކަން މަތިކޮށްފައިވާ އެއްމެހާ ފަރާތްތަކަށް ގޮވާލަމެވެ.
އެމްޑީޕީން އިންސާފުވެރި އިންތިހާބެއް ހޯދުމަށް ކުރަމުންދާ މަސައްކަތައް މިފަދަ ހުރަސްތަކުން ކުޑަވެސް ލޮޅުމެއް ނާއްނާނެވާހަކަ ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް