އެމްޑީޕީގެ ކެމްޕެއިން ތަކެއްޗައް ގެއްލުން ދެމުންދާދިޔުން ކުއްވެރިކުރުން

noosbayan

މާޗް 22 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މިޕާޓީގެ ކެނޑިޑޭޓުން ކެމްޕޭންކުރުމަށް ބޭނުންކުރަމުންދާ ތަކެއްޗައް ތަކުރާރުކޮށް ގެއްލުން ދެމުންދާދިޔުން މިޕާޓީން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ޕާޓީގެ ފަރާތުން ހުޅުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާ މި ޕާޓީގެ ޗެއަރޕާސަން އަދި މިހާރުވެސް އެދާއިރާގެ މަޖްލިސް މެމްބަރ ރީކޯ މޫސާ މަނިކުގެ ކެމްޕޭން ބެނާތަކާއި ޕޯސްޓަރތަކަށް ރޭގެ ވަގުތެއްގައި ބަޔަކުވަނީ ވަރަށް ބޮޑަށް ގެއްލުންދީ ހަލާކު ކޮށްލާފައެވެ. މި ފިނޑި އަމަލު ހިންގާފައި މިވަނީ އެކި ގޮތްގޮތުން މި އިންތިހާބު ކިލަނބުކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި އިންތިހާބު ލަސްކުރުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ފަރާތްތަކުން ފާޅުކަން ބޮޑުގޮތަކަށް މަސައްކަތް ފަށާއިފައިވާ ދަނޑިވަޅެއްގައެވެ. އަދި މިފަދަ އަމަލުތައް ހިންގަމުން މި ގެންދަނީ އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ އެފަރާތްތައް ބޮޑު ބައްޔަކުން ބަލިވާނެކަން ޔަގީން ވާތީއެވެ.
އެހެންކަމުން މި ޕާޓީގެ އެކި އެކި ކެނޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ކޯލިޝަނުގެ ބޭފުޅުން ހިންގަވަމުން އެގެންދަވާ ދަށުދަރަޖައިގެ އަމަލުތައް ތަކުރާރު ނުކުރުމަށް ގޮވާލަމެވެ. އަދި ނުފޫޒާއި ބިރުދެއްކުމުން އިންތިހާބު ހަރާބު ނުކުރުމަށް ދައުލަތުގެ އެއްމެހާ ފަރާތްތަކަށް ގޮވާލަމެވެ. އަދި މިފަދަ އަމަލުތައް ކުރުން ހުށްޓުވުމަށް ގާނޫނު އަސާސީން އެކަން މަތިކޮށްފައިވާ އެއްމެހާ ފަރާތްތަކަށް ގޮވާލަމެވެ.
އަދި މި ފަދަ ދުއްތުރާތަކުން، އެމްޑީޕީން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތައް ކުޑަވެސް ލޮޅުމެއް ނާއްނާނެވާހަކަ ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް