އޭޝިއާގެ ސިޔާސީޕާޓީތަކުގެ ކޮންފަރެންސް ގެ ސެކެޓްރީޖެނެރަލް، ދެކުނު ކޮރެއާގެ އުއި-ޔޮންގް ޗުންގް އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކުއާއި 9 މާޗް 2014 ގައި ބައްދަލުކުރައްވައިފިއެވެ. ރާއްޖޭގައި 2008 އާއި 2013 ގައިވެސް ސިޔާސީ ބަދަލު ގެނެސްފައިވަނީ ސުލްހަވެރިކަމާއެކުކަން ފާހަގަކޮށް، ބަދަލުގެ މިފަދަ ތާރީޙީ ހިދުކޮޅުތަކުގައި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްދީޕީން ދައްކަމުންގެންދާނަމުނާއާއި ރައީސް ނަޝީދުދައްކަވާފައިވާ އިޙްލާސްތެރި ލީޑަރޝިޕަށް ތައުރީފު ކުރެއްވިއެވެ. އަދި އެމުއައްސަސާއަކީ އެއްޕާޓީއަށްވުރެ ގިނަ ސިޔާސީ ޕާޓީ، ސުލްހަވެރިކަމާއެކު ވާދަކުރާ މަލްޓިޕާޓީ ސިޔާސީ ނިޒާމް ދަމަހައްޓާ، އެހީތެރިވެދިނުމަށް އުފެދިފައިވާ މުއައްސަސާއެއްކަމުގައި ވިދާޅުވިއެވެ.
މިއީ މިމުއައްސަސާގެ ސެކެޓްރީ ޖެނެރަލްގެ ފުރަތަމަ ދަތުރުފުޅުކަމުގައި ވީނަމަވެސް، މިމުއައްސަސާގެ ހަރަކާތްތަކުގައި 2006 އިންފެށިގެން ޕާޓީން ބައިވެރިވަމުންގެންގޮސްފައިވާކަމާއި، ކުރިއަށްއޮތްތާ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމުގައި ޗެއަރޕާސަން މޫސާމަނިކު ފާހަގަކުރެއްވިއެވެ. އަދި 22 މާޗް ގައި ބާއްވާ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު އޮބްޒާވްކުރުމަކީ ބޭނުންތެރިކަމަކަށް ވާނޭކަމަށާއި، މިކަމަށް އެދިވަޑައިގަންނަވާކަމުގައި މޫސާމަނިކު ވިދާޅުވިއެވެ. މިއިންތިހާބަށް ކުޑަތަންވެފައިވީނަމަވެސް، އޭޝިއާގެ މެމްބަރު ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އިންތިޙާބުތައް ހިގާނުހިގާގޮތް ދެނެގަތުމަށް ޝައުގުވެރިވާނެކަމަށް ލަފާކުރެވޭކަމަށާއި، މިކަމާބެހޭގޮތުން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރައްވާނޭކަމުގައި ޗުންގް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ޕާޓީގެ އިދާރީ ނައިބު އަލީޝިޔާމްއާއި ބައިނަލްއަގުވާމީ ތަރުޖަމާނު ޙާމިދު ޢަބްދުލްޣަފޫރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.