ޝެއިޚް އަޙްމަދު އާދަމް އަވަހާރަވުމުގެ ހިތާމާގައި އެމް.ޑީ.ޕީ އިން ބައިވެރިވުމުގެ ގޮތުން ނެރޭ ނޫސް ބަޔާން

noosbayan

މއ. އަންދަލުސް އައްޝައިޚް އަޙްމަދު އާދަމް ރޭގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެން އެކަމުގެ ފުންހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެ މަރުޙޫމްގެ އާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ.
އައްޝައިޚް އަލްމަރުޙޫމް އަޙްމަދު އާދަމަކީ ދީނީ އަދި ޤާނޫނީ ގޮތުން މިސުރުގެ އަލްއަޒުހަރު ޔުނިވާރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ދިވެހިރާއްޖެއަށް ކޮށްދެއްވާފައިވާ ވަރަށް އަގުހުރި ދިވެހި ދަރިއެކެވެ. އަމަނިކުފާނުގެ މަތިވެރި ޚިދުމަތް ލިބިފައިވާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލިސް ހިމެނެއެވެ.
ރާއްޖޭގެ އެކި ކަންކަން އިސްލާޙުކުރެއްވުމާއި، ދީނީ ރޮނގުން ޚިދުމަތްކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގެ ސަބަބުން މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އައްޝައިޚް އަލްމަރުޙޫމް އަޙްމަދު އާދަމްގެ މައްޗަށް ވަރަށް ނާއިންސާފު ޝަރީޢަތްތައްކޮށް، ޖަލުގައި ވަރަށް ބޮޑެތި ޖިސްމާނީ އަދި ނަފުސާނީ އަނިޔާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ވަރަށް ކަންބޮޑުވުމާއި ހިތާމައާއެކު މިޕާރޓީން ފާހަގަކުރަމެވެ.
އައްޝައިޚް އަލްމަރުޙޫމް އަޙްމަދު އާދަމްގެ ފުރާނަ ފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް ދުޢާކުރާ ހިނދު، އެމަނިކުފާނުގެ އާއިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން.

5 މާރޗް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް