ރައީސް ނަޝީދު މަޖިލިސް ކެމްޕޭންގައި ދެކުނުގެ އަތޮޅުތަކުގައި ؛ ފުވައްމުލަށް

މި މާޗްމަހުގެ 22 ވާ ހޮނިހިރުދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު 2014 ގެ ކެމްޕޭންގައި ރައީސް މުޙަންމަދު ނަޝީދު މިވަގުތު ގެންދަވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރައްވަމުންނެވެ. ހޮނިހިރު ދުވަހު ފުވައްމުލަކުގެ ރަށުކައުންސިލަރުންނާއި، އަތޮޅުކައުންސިލަރުންނާއިއެކު ޕާޓީގެ ފުވައްމުލަކުގެ ތަސައްވަރާއިބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު 3 ދާއިރާގެ ކެންޑިޑޭޓުންނާއިއެކު އެދާއިރާތަކަށް ޒިޔާރަތްކުރައްވާ، ކެމްޕޭންގެ މަސައްކަތަތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފުވައްމުލަކަކީ މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ސާފު މެޖޯރިޓީއެއް ހޯދި އަތޮޅެކެވެ.
ޕާޓީކެންޑިޑޭޓް އިސްމާއިލް ރަފީއު ވާދަކުރައްވާ އުތުރުދާއިރާގެ ދަނޑިމަގުގެ 3 ކައުންސިލްގޮނޑި ގެއްލިފައިވީނަމަވެސް ހޯދަޑާއި ދިގުވާޑު ގެ 6 ގޮނޑި އާއި އަތޮޅުކައުންސިލްގެ 2 ގޮޑިން އެއްގޮޑި މިޕާޓީން ކާމިޔާބުކޮށް މިދާއިރާގައި އޮތް 11 ގޮނޑިން 7 ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވެއެވެ.
ޕާޓީގެ ކެންޑިޑޭޓް އަޙްމަދު އިބްރާހިމްދީދީ ވާދަކުރައްވާ ފުވައްމުލަކު މެދުދާއިރާގެ މާލެގަމުގެ އެއްގޮޑި ފިޔަވާ މާދަޑާއި، މިސްކިޔްމަގުގެ ހުރިހާގޮނޑިއާއި އަތޮޅުކައުންސިލްގެ 2 ގޮޑިވެސް، ޖުމްލަ 10 ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. ވީމާ، މިދާއިރާގެ 11 ގޮޑިން 10 ގޮޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ފުވައްމުލަކު ދެކުނުން މަޖިލްސްއިންތިހާބުގައި ޕާޓީތަމްސީލްކޮށްދެއްވާ އަބްﷲ ނާފިޒްގެ ދާއިރާގެތެރޭ ދޫޑިގަމްގެ ގޮޑިއެއް ފިޔަވާ ފުނާޑުގެ 3 ގޮޑިއާއި އަތޮޅުކައުންސިލްގެ 2 ގޮނޑިވެސް މިޕާޓީން ކާމިޔާބުކޮށްފައިވެއެވެ. މީގެ މައުނައަކީ އެދާއިރާގެ 8 ކައުންސިލް ގޮޑީގެތެރއިން 7 ގޮޑި ކާމިޔާބުކުރީ މިޕާޓީގެ ކެންޑިޑޭޓުންނެވެ.
ޖުމްލަކޮށް ފުވައްމުލަކުގެ ރަށުކައުންސިލްގެ 24 ގޮޑީގެތެރެއިން 19 ގޮޑިއާއި، އަތޮޅުކައުންސިލްތަކުގެ 6 ގޮޑީގެތެރެއިން 5 ގޮޑި ކާމިޔާބުކޮށް، މިއަދު ފުވައްމުލަކަކީ އެމްޑީޕީގެ %80 އިންސައްތަ ގޮޑިކާމިޔާބުކޮށް، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ 3 ގޮޑިވެސް ކާމިޔާބު ކުރުމުގެ އުއްމީދު ވަރަށް ބޮޑު އަތޮޅެކެވެ.