އައި.ޖީ.އެމް.އެޗް އިން މާބަނޑު އަންހެނެއްގެ ގަޔަށް އެއިޑްސް ޖެހިފައިވާ މީހެއްގެ ލޭ އެޅި މައްސަލަ ކުށްވެރިކޮށް އެމް.ޑީ.ޕީ އިން ނެރޭ ނޫސްބަޔާން

noosbayan

މިސަރުކާރަށް 100 ދުވަސްވުން ފާހަގަކުރަމުން ދާއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި އެޑްމިޓްކޮށްފައިވާ މާބަނޑު ދިވެހި އަންހެނެއްގެ ގަޔަށް އެއިޑްސް ބަލިޖެހިފައިވާ މީހެއްގެ ލޭ މިމަހުގެ 3 ވަނަ ދުވަހު އެޅި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
މި ބިރުހުރި އަދި ހިތާމަވެރި ޚަބަރާމެދު މި ޕާރޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މިއީ މީގެކުރިން މިރާއްޖޭގައި ދުވަހަކުވެސް އެނގިގެން ހިނގާފައިނުވާ ޒާތުގެ މުޅިން އައު ޙާދިސާއެކެވެ. މި ޤައުމުގެ ސިއްޙީ ދާއިރާގެ ޙާލަތު މިހާރު ވެއްޓިފައިވާ ދަށުދަރަޖަ އިތުރަށް ހާމަވެގެން ދިއަކަމެކެވެ. އަދި މިކަމަކީ މިހާރު މިއޮތް ސަރުކާރުކާރުން ރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ކަންކަމާމެދު އިޙްމާލުވެ، ފަރުވާކުޑަވެ، އަދި ސިއްޙީ ދާއިރާއާމެދު ރައްޔިތުންގެ މެދުގައި މިއިން ޒަމާނަކު އަލުން އިތުބާރު ނުއުފުއްދޭވަރުގެ ޙާލަތަކަށް ވައްޓައިލި ކަމެއްގެ ގޮތުގައި މިޕާރޓީން ސިފަކުރަމެވެ.
އެމް.ޑީ.ޕީގެ ސަރުކާރުން ތަޢާރަފްކުރި އާސަންދައިގެ ޚިދުމަތް “ބައި ސަންދަ” އަކަށް ހެދުމަށްފަހު، ރައްޔިތުން ސިއްސައިގެން ދާފަދަ ބިރުހުރި މުޅިން އައު، މިބާވަތުގެ ކަންކަން ސިއްޙީދާއިރާއިން ފެންނަން ފެށުމަކީ މި ސަރުކާރުގެ ސިއްޙީ ދާއިރާ މުޅިން ފޭލްވެ، އިނދަޖެހިފައިވާކަން ސާބިތުވާ ވަރުގަދަ ހެއްކެކެވެ. އަދި މިމަހުގެ 3 ވަނަ ދުވަހު ހިނގި މި ޙާދިސާ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ހާމަކޮށްފައި ނުވަނީ މި ސަރުކާރުން އެކަން ސިއްރުކުރުމުގެ ނިޔަތުގައިކަމަށް މި ޕާރޓީން ތުޙުމަތުކުރަމެވެ. އަދި މި ސަރުކާރަށް 100 ދުވަސް ފުރުން ފާހަގަކުރެވޭހިނދު އެ 100 ދުވަހަކީ އަނދިރި އަދި ނާމާން ސަތޭކަ ދުވަސް ނޫންކަން ރައްޔިތުންނަށް ދައްކައި އެކަން ފޮރުވުމުގެ ގޮތުންކަމަށް ޤަބޫލުކުރެވެއެވެ. މިފަދަ ކަންކަން ސިއްރުކުރުމަށް މަސައްކަތްކުރުމުން ދިވެހިންގެ ހިތަށް އަލުން އަނބުރާ އަންނަ ޙާދިސާއަކީ މައުމޫން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުން ޖަލުގައި އަނިޔާކޮށް އީވާން ނަސީމު މަރާލުމަށްފަހު އީވާން ނަސީމުގެ ހަށިގަނޑު ސިއްރުން ވަޅުލުމަށް ކުރި މަސައްކަތްފަދަ ބިރުހުރި އަދި ނުލަފާ ކަންކަމެވެ.
މާބަނޑު ދިވެހި އަންހެނެއްގެ ގަޔަށް އެއިޑްސް ބަލިޖެހިފައިވާ މީހެއްގެ ލޭ އެޅުމަށްފަހު، އެކަމަކީ އެންމެ ފަރުދެއްގެ ފަރުވާކުޑަކަމުން ހިނގި ޙާދިސާއެއްގެ ގޮތުގައި ނޫސްކޮންފަރެންސެއްގައި ސިފަކޮށް، ސިއްޙީ ދާއިރާގެ ވެރިން ޒިންމާ ނުއުފުލިކަމީ އަދި އެހާމެ ބިރުހުރި އަދި ކަންބޮޑުވާކަމެކެވެ. އަދި އެދާއިރާގެ ވެރިން މަޤާމުތަކުގައި އިސްތިއުފާ ނުދެއްވާ ދެމިތިއްބަވާކަމީ މި ޕާރޓީން ކަންބޮޑުވާކަމެކެވެ.
މި މައްސަލަ މިހިނދުން މިހިނދަށް ތަޙްޤީޤުކުރުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ. އަދި މާބަނޑު އަންހެން މީހާއާއި ބަނޑުގައިވާ ދަރިފުޅަށް ޝިފާއަށް އެދި ދުޢާކުރަމެވެ.

27 ފެބްރުއަރީ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް