މި ޕާރޓީގެ ޕާރލަމެނޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދﷲ ޖާބިރު، އިންސާފުން މަހުރޫމްކުރި ކުރުން ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕްގެ ޑެޕިއުޑީ ލީޑަރ އަދި ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރާމެދު މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ނާއިންސާފުވެ، ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ޙާއްޤުތައް ނިގުޅައިގަނެ އަމަލުކުރަމުންދާދިއުން މި ޕާރޓީން ހަރު އަޑުން ކުށްވެރިކުރަމެވެ.
ކުޑަކަމުދާތަކެތި ނުދިންކަމަށް ބުނެ ޢަބްދުﷲ ޖާބިރުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލާގައި 20 ފެބްރުއަރީ 2014 ވަނަ ދުވަހު ޝަރީޢަތުގެ އަޑުއެހުމެއް ބާއްވަވާނީ ޢަބްދުﷲ ޖާބިރުގެ ފަރާތްޕުޅުން ނެންގެވި އިޖްރާއީ ނުކުތާތަކަށް ގޮތެއް ނިންމެވުމަށްކަމަށް ފަނޑިޔާރު ކުރިން ކަނޑައެޅިގެން އިޢުލާނުކުރެއްވުމަށްފަހު، އެއާ ޚިލާފަށް އެދުވަހު ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރެއްވި މަސައްކަތަކީ ހެކިބަސް ނެންގެވުމުގެ މަސައްކަތެއްކަން ފާހަގަކުރަމެވެ. ވަކިކަމަކަށް ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށް އިޢުލާނުކުރުމަށް ފަހު އެކަން ނުކޮށް އަދި އެއާ ޚިލާފަށް ހެކިބަސް ނެގުމުގެ ކަމެއްކުރުމަކީ އިންސާފުވެރި ޝަރީޢަތުގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފުކަމެކެވެ. އިންސާފުވެރި ޝަރީޢަތެއްގެ މައިގަނޑު އެއް އަސާސަކީ ހެކިން ހާޟިރުކުރެވޭއިރު އެކަން ކުރިން އެނގުމާއި އަދި އެގޮތުން ޙާޟިރުކުރެވޭ ހެކިންނަކީ ކޮބައިކަން ކަނޑައެޅިގެން ކުރިން އެނގުމެވެ. އިންސާފުވެރި ޝަރީޢަތެއްގެ އަސާސާ ޚިލާފު އެއްކަމަކީ، ޝަރީޢަތުގެ މަޖިލީހެއްގައި ހިނގާނެ ކަންކަން ކުރިން ނޭގިހުރެ، ކުއްލި ހައިރާންކަން ގެނުވަނިވި ގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ކަންކަން ހިންގުމެވެ. މިކަމުގައި ވެސް ފަނޑިޔާރު އަމަލުކުރައްވާފައިވަނީ ޤާނޫނު އަސާސީއާއި، ޤާނޫނާއި އަދި ޝަރީޢަތްކުރުމުގައި ރާއްޖޭގައި އަމަލުކުރުމަށް އޮންނަ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށްކަން ފާހަގަކުރަމެވެ.
އިންސާފުވެރި ޝަރީޢަތެއްގެ އުސޫލުތަކާ ޚިލާފަށް ފަނޑިޔާރު އަމަލުކުރެއްވި އަނެއްގޮތަކީ ކުޅުދުއްފުށި ކޯޓުން ޓެލެފޯނުގެ ޒަރިއްޔާއިން ކްރިނަލް ކޯޓުގައި ހިނގި ޝަރީޢަތަކަށް ފުލުހުން ދިން ހެކިބަސް ނެންގެވުމާއެކު ހަމަ އެދުވަހު ޚުލާޞާ ބަޔާން އިއްވެވުމަށްފަހު އަދި ހަމަ އެދުވަހު އަވަސްވެވަޑައިގެން މައްސަލައިގެ ޙުކުމް އިއްވެވި އިއްވެވުމެވެ. މި މައްސަލާގައި މިގޮތަށް އަމަލުކުރެއްވެވި އިރު، ޢަބްދުﷲ ޖާބިރާ އެކުގައި އެއް ކޯޓެއްގައި އެއް ދައުވާއެއް އުފުލެވުނު ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރެއްގެ ޝަރީޢަތުގައި ފަނޑިޔާރު އަމަލުކުރައްވާފައިވަނީ އެހެންގޮތަކަށެވެ. އެގޮތަކީ ކުޅުދުއްފުށީ ކޯޓު މެދުވެރިކުރެއްވުމަކާ ނުލައި، އަދި ފޯނުގެ ޒަރިއްޔާއިން ނޫންގޮތަށް ސީދާ ކްރިމިނަލް ކޯޓަށް ފުލުހުން ޙާޟިރުކުރައްވައިގެން ހެކިބަސް ނެންގެވުމެވެ. އެއްބާވަތުގެ ދެމައްސަލައެއްގައި ތަފާތުގޮތަކަށް ހެކިބަސް ނެގުމަކީ އިންސާފުގެ ހަމައެއް ނޫނެނެވެ. އަދި ޢަބްދުﷲ ޖާބިރަށް ލާއިންސާނީ އަނިޔާކުރިކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ތަޙްޤީޤުން ކަނޑައެޅިގެން ސާބިތުވެފައިވާ ފުލުހުން، ފޯނުގެ ޒަރިއްޔާއިން ދިން ހެކިބަހުގެ މައްޗަށް ބިނާކޮށް އަވަސްވެވަޑައިގެން ފަނޑިޔާރު ޙުކުމް އިއްވެވުމަކީ ވެސް އިންސާފުވެރި ޝަރީޢަތެއްގެ އުސޫލުތަކާ ޚިލާފުކަމެކެވެ.
މިދެންނެވި ގޮތަށް އިންސާފުވެރި ޝަރީޢަތެއްގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ޙުކުމް އިއްވެވުމަށްފަހު ކޯޓުން ދިން ޙުކުމުގެ ލިޔުމުގައި ވެސް ޤާނޫނުގައި ލާޒިމްކޮށްފައިވާގޮތަށް ކަންކަން ފުރިހަމަ ކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ. މިގޮތުން ޤާނޫނުގައި ލާޒިމްކޮށްފައިވާ ގޮތަށް، ޙުކުމް އިއްވެވި ފަނޑިޔާރުގެ ނަމާއި އަދި ސޮއި ވެސް ހިމަނުއްވާފައި ނުވާކަން ފާހަގަކުރަމެވެ.
ހަމަ އެފަދައިން ޙުކުމް އިއްވާ ދުވަހު ޚަސްމުންނަށް ދޭންޖެހޭ އެއްޗެއްގެ ގޮތުގައި ޤާނޫނުގައި ލާޒިމުކޮށްފައިވާ ޚުލާޞާ ރިޕޯޓު ފަނޑިޔާރު ދެއްވާފައި ނުވާކަން ފާހަގަކުރަމެވެ. އަދި ޢަބްދުﷲ ޖާބިރަށް އެ ޚުލާޞާ ރިޕޯޓު ލިބިވަޑައިގަތުމުގެ ޙައްޤު ކޯޓުން ހިފަހައްޓާފައިވުމުގެ ސަބަބުން 23 ފެބްރުއަރީ 2014 ވަނަ ދުވަހު އެ ޚުލާޞާ ރިޕޯޓު ހޯދުމަށް އެދި ޢަބްދުﷲ ޖާބިރުގެ ފަރާތްޕުޅުން ސިޓީ ހުށަހެޅުމުން ވެސް އެ ސިޓީއަށް ޖަވާބެއް ނުދެއްވުމުން، ޖެހިގެން އައި ދުވަހު އެ ސިޓީގެ ޖަވާބު ހޯދުމަށް ޢަބްދުﷲ ޖާބިރުގެ ފަރާތްޕުޅުން ކޯޓަށް ޙާޟިރުވުމުން އެ ރިޕޯޓު ނުދެއްވާނެކަމަށް ފަނޑިޔާރު ކަނޑައެޅިގެން އަންގަވާފައިވެއެވެ. އަދި މިއީ ކަނޑައެޅިގެން ޤާނުނު އަސާސީއާއި ޤާނޫނާއި އަދި ޝަރީޢަތްކުރުމުގެ އުސޫލުތަކާ ޚިލާފު އެންގެވުމެއްކަން ފާހަގަކުރަމެވެ.
މިކަން މިހެން ހިގުމުން، ޢަބްދުﷲ ޖާބިރުގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓަށް އިސްތިޢުނާފަށް ހުށަހެޅުމާގުޅިގެން ހައިކޯޓަށް ލިޔެކިޔުންތައް ބަލައިގަތުމަށްފަހު ހައިކޯޓުން ފުރަތަމަ އަންގަވާފައިވަނީ ޚުލާޞާ ރިޕޯޓާއެކު ހުށަހެޅުމުން މެނުވީ އެ މައްސަލަ ބަލައި ނުގަންނަވާނޭކަމަށެވެ. އެއަށްފަހު ދެން އެންގެވީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ވެސް ހުށަހެޅުމުން މެނުވީ މައްސަލަ ބަލައިނުގަންނަވާނޭ ކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ އެންގެވުމެއްގައި ވަނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ނެތްކަމުގައި ވީނަމަވެސް މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާ މައްސަލައެއް ނަމަ ކޯޓުން ބަލައިގަންނަންޖެހޭނޭކަމަށެވެ. އެހެންކަމުން ޢަބްދުﷲ ޖާބިރާމެދު ހައިކޯޓުން ވެސް އަމަލުކުރައްވާފައިވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުގެ ޙައްޤު ވެސް ގެއްލޭގޮތަށްކަން ފާހަގަކުރަމެވެ.
ވީމާ، މި ޕާރޓީގެ ޕާރލަމެނޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރުގެ މައްޗަށް ޤާނޫނު އަސާސީއާއި ޤާނޫނާއި އަދި ޝަރީޢަތްކުރުމުގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރީޢަތްކޮށް ޙުކުމް އިއްވައި އިންސާފުން މަޙުރޫމްކޮށްފައިވާތީ، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފު ޢަބްދުﷲ ޖާބިރަށް ލިބިދިނުމަށާއި މިހާރު ޢަބްދﷲ ޖާބިރު ހައްޔަރުކޮށްފައި ހުރިހުރުމުން މިނިވަންކުރުމަށް މިރާއްޖޭގެ ކޯޓުތަކަށާއި ސަރުކާރަށް މި ޕާރޓީން ގޮވާލަމެވެ.

26 ފެބްރުއަރީ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް