އެމް.ޑީ.ޕީގެ މާލޭސިޓީގެ ރައީސް އަދި އަލިފުށި ދާއިރާގެ މަޖިލިސް ކެންޑިޑޭޓް މުޙައްމަދު ރަޝީދު ޙުސެން (ބިގޭ) ގެ މައްޗަށް އުފުލި ދޮގު ދައުވާ ސާބިތުނުވާކަމަށް ޙުކުމްކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މާލެސިޓީ އާއި އަލިފުށި ދާއިރާގެ ރައީސް އަދި މި ޕާރޓީގެ ފަރާތުން އަލިފުށި ދާއިރާއަށް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރަޝީދު ޙުސެން (ބިގޭ) ގެ މައްޗަށް ދައުލަތުން އުފުލި ދޮގު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ދައުލަތުން ބިގޭއާއި އަދި އިތުރު ދެމީހެއްގެ މައްޗަށް 23 އޮކްޓޯބަރ 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ އެމް.ޑީ.ޕީގެ ފަރާތުން ކުރި މުޒާހަރާއަކާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަމަށް ބުނެއެވެ. ނަމަވެސް 1 އަހަރާއި 4 މަސް ދުވަސް ފަހުން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ އެ ދައުވާ ބިގޭގެ މައްޗަށް ސާބިތު ނުވާކަމަށެވެ. އަދި ދައުލަތުން ކުރި ދައުވާއާއި އެމައްސަލާގައި ހެކިބަސްދިން ހަމައެކަނި ފަރާތްކަމުގައިވާ ފުލުހުންގެ ހެކިބަހާ ދިމާނުވާކަން ހުކުމުން ފާހަގަކުރެވިފައިވެއެވެ.