ކެންދޫގައި ވޯޓުލުމާ ގުޅިގެން ކަންހިނގާފައިވާގޮތް

1. ތަޢާރަފު
ކެންދޫ ދާއިރާގައި ހިމެނެނީ ކެންދޫ، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު، ދަރަވަންދޫ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ޕްރައިމަރީ އަށް ކެންދޫ ދާއިރާއިން ކުރިމަތިލައްވާފައިވަނީ މަޢުރޫފް ޒާކިރު، ދާއިރާ، ބ.ކެންދޫ އާއި އަޙުމަދު ތަސްމީނު ޢަލީ، ހ.ރުވާމާގެ، ކ. މާލެ އެވެ.
ކެންދޫގައި ވޯޓުލުމުގެ އިންތިޒާމުތައް ކުރިޔަށް ގެންދިއުމަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަވާލުކޮށްފައި ހުރީ އިބްރާހިމް ޢަބްދުއްރަޙްމާން އާއެވެ. އެކަމުގައި އެހީތެރިވުމަށް ހަމަޖައްސާފައިވާ ދެ އޮފިޝަލުންނަކީ މުޙިއްދީން އަބްދުލް ގަފޫރު، އާއި މުޙައްމަދު އާދަމް އެވެ. ފޯކަލް ޕޮއިންޓުންނާއި އޮފިޝަލުން ހަމަޖެއްސީ ދާއިރާގެ ރައީސްގެ ލަފާގެމަތިން އިންތިޚާބާ ބެހޭ ކޮމިޓީއިންނެވެ.
ކެންދޫ ދާއިރާގެ ރައީސަކީ ކެންޑިޑޭޓް މަޢުރޫފު ޒާކިރު އެވެ.
ކެންދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ އެހެން ދާއިރާތަކެކޭ އެއްގޮތަށް 24 ޖެނުއަރީ 2014 ވަނަ ދުވަހު ހަވީރު 4.00 ގައި ފެއްޓުނެވެ. ނަމަވެސް، އެދުވަހުގެ ވޯޓުލުން މެދުކަނޑައިލުމަށް ފާޓީ އޮފީހުން އެންގި އެންގުމަކާގުޅިގެން މެދުކަނޑައިލިއެވެ. ވޯޓުލުން އަލުން ފަށައިގެން ކުރިޔަށް ގެންދިއުމަށް ޕާޓީން ނިންމުމުން ކެންދޫއާއެކު އެ ދާއިރާގެ 04 ރަށުގައި ވޯޓުލުން ކުރިޔަށް ގެންދަން ފެއްޓުނެވެ.

2. މައްސަލަ ދިމާވުން
ކެންދޫގެ ވޯޓުލުން ކުރިޔަށް ދިޔައިރު ކެންދޫގައި ތަސްމީނު ޢަލީގެ ކެންޑިޑޭޓުންނަށް ވޯޓުލުމުގެ އަމާން މާޙައުލެއް ނެތިގެން ތަސްމީނު ޢަލީގެ ގިނަ ބަޔަކަށް ވޯޓުނުލެވޭކަމުގެ ޝަކުވާ ޕާޓީއޮފީހަށް ލިބުނެވެ. މި މައްސަލަ ޕާޓީގެ އިންތިޚާބީ ޝަކުވާ ބަލާކޮމިޓީން ބެލުމަށް ފަހު ނިންމީ، ” ވޯޓް ލުމުގެ އިންތިޒާމްތައް އިތުބާރުހިފޭނެގޮތަކަށް ބެލެހެއްޓިފައިނުވާތީ” އެ ފޮށީގެ ވޯޓު ބާޠިލުކޮށް، ރަނގަޅު އިންތިޒާމެއްގެ ދަށުން ވޯޓުލުން އަލުން ބޭއްވުމަށެވެ. މި ފަދަ މައްސަލަ ދިމާވި އެހެން ރަށްރަށުގައި ވެސް މިގޮތަށް އަލުން ވޯޓުލުން ބޭއްވުމަށެވެ.
ކެންދޫގައި އަލުން ވޯޓުލުން ބޭއްވުމަށް ޕާޓީން އެންގުމުން، ކެންޑިޑޭޓް މައުރޫފް ޒާކިރު އާއި ސަޕޯޓަރުންގެ ނުފޫޒުން ވޯޓުލުން ކުރިޔަށް ގެންދެވޭނެ މާހައުލެއް ތަނަވަސްކޮށެއް ނުދެއްވިއެވެ. އެ ފަރާތުގެ ވާހަކައަކީ ކެންދޫގައި ވޯޓުލުން ކުރިޔަށް ގެންދެވޭނީ ކެންދޫ ދާއިރާގެ އަނެއް ފަސްރަށާވެސް އެކުގައި ކަމަށެވެ. ނަމަވެސް އަނެއް ހަތަރު ރަށުގައި އަމާންކަމާއި މިނިވަންކަމާއެކު ހާމަކަން ބޮޑުކޮށް ވޯޓުލުން ކުރިޔަށް ގެންގޮސް ވޯޓު ގުނައި އޭގެ ނަތީޖާ އިޢުލާންކޮށް، އޮފިޝަލުން ސޮއިކޮށް ނަތީޖާ ޝީޓު ޕާޓީ އޮފީހަށް ވެސް ފޮނުވާފައިވުމާއެކު އެ ރަށްރަށުގެ ވޯޓު ބާޠިލުކޮށް އަލުން ވޯޓުލާންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ޕާޓީ އޮފީހުން ކެންދޫއަށް އެންގިއެވެ. އަދި، 31 ޖެނުއަރީގެ ނިޔަލަށް ކެންޑިޑޭޓުން ހޮވައި ނިންމަން ބޭނުންވާކަމަށާއި ކެންދޫގެ ވޯޓުލުން ގެންދެވޭނެ ގޮތެއް ހަދައިދިނުމަށް ޕާޓީން ތަކުރާރުކޮށް އެދުނެވެ. ނަމަވެސް އެ ފަދަ އެއްބާރުލުމެއް ކެންދޫއަކުން ނުލިބުނެވެ.
ޕާޓީން ނިންމީ ކެންދޫއަށް ޓީމެއް ފޮނުވައިގެން 31 ޖެނުއަރީ 2014 ދުވަހު އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް، ކެންދޫގައި ތިބި މައުރޫޕުގެ ސަޕޯޓަރުން ޓީމުގެ މީހުންނަށް ބިރުދައްކައި އިންތިޚާބު ކުރިޔަށް ގެންދިއުމަށް ހުރަސްއެޅިއެވެ.

3. އިންތިޚާބާބެހޭ ކޮމިޓީން ފާހަގަކުރާ ކަންކަން
މި މައްސަލައާމެދު ޢަމަލުކުރާނެ ގޮތެއް ނިންމުމަށް 1 ފެބްރުއަރީ 2014 ދުވަހު ހެދުނު އިންތިޚާބާ ބެހޭ ކޮމިޓީ ބައްދަލުކުރިއެވެ. އެ ކޮމިޓީން ތިރީގައި މިވާ ކަންކަން ފާހަގަކުރިއެވެ:
ހ. އެއް ކެންޑިޑޭޓެއްގެ ފަރާތުން ހުށައެޅުނު ޝަކުވާ އާގުޅިގެން ބެލިބެލުމުން ކެންދޫގެ އިންތިޚާބު އަލުން ބާއްވާން ޖެހޭ ކަމަށް ޝަކުވާ ބަލާކޮމިޓީންވަނީ ކަނޑައަޅާފައެވެ
ށ. ކެންޑިޑޭޓް މަޢުރޫފާއި ސަޕޯޓަރުން އެދޭފަދައިން، ދާއިރާގެ އެހެން ރަށްރަށުގައި އަލުން ވޯޓުލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވާތީ އެ ރަށްރަށުގައި އަލުން ވޯޓު ނުލެވޭނެ ކަން ޕާޓީން އެ ފަރާތްތަކަށް އަންގާފައިވެއެވެ.
ނ. ޕާޓިން ވަނީ “ވޯޓް ލުމުގެ އިންތިޒާމްތައް އިތުބާރުހިފޭނެގޮތަކަށް ބެލެހެއްޓިފައިނުވާތީ” ކެންދޫގެ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު ބާއްވަން ނިންމިކަން އިޢުލާންކޮށްފައެވެ
ރ. ޕާޓީން ވަނީ އަލުން އިންތިޚާބު ބޭއްވުމަށް ކެންދޫއަށް އަންގަވާފައެވެ
ބ. ކެންދޫގައި ވޯޓުލުމުގެ ކަންތައް ނިންމައި 31 ޖެނުއަރީގެ ކުރިން ކެންޑިޑޭޓް ކަނޑައަޅަން ބޭނުންވާކަން ޕާޓީން ވަނީ ކެންދޫއަށް އަންގާފައެވެ
ޅ. ޕާޓީންވަނީ 31 ޖެނުއަރީ 2014 ވަނަ ދުވަހު ކެންދޫގައި ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް މިނިވަން ޓީމެއް ކެންދުއަށް ފޮނުއްވާފައެވެ
ކ. ކެންދޫގައި ވޯޓުލުމުގެ ކަންކަން ހިންގުމަށް މާލެއިން ދިޔަ ޓީމަށް ކެންދޫން އެއްބާރުލުން ނުދީ ވޯޓުލުމަށް ހުރަސް އެޅުމުގެ ސަބަބުން ވޯޓުލުން ކުރިޔަށް ނުގެންދެވި އެ ޓީމު ޖެހުނީ އެނބުރި އަންނާށެވެ.
އ. ކެންދޫއަށް ދިޔަ ޓީމުގެ ރިޕޯރޓް އިންތިޚާބާ ބެހޭ ކޮމިޓީން އަޑުއެހިއެވެ. އެ މީހުން ބުނާ ގޮތުން، އަދި ކުރިން ކެންޑިޑޭޓް މައުރޫފާއި ސަޕޯޓަރުން ބުނަމުންދިޔަ ގޮތުން ވެސް ކެންދޫގެ މަޢުރޫފަށް ސަޕޯރޓްކުރާ މީހުން ތިބީ ދާއިރާގެ އެހެން ރަށްރަށާއެކުގައި ނޫނީ ކެންދޫގައި ވޯޓުލުން ކުރިޔަށް ނުގެންދިއުމަށެވެ.

4. އިންތިޚާބާ ބެހޭ ކޮމިޓީގެ ނިންމުން
ކެންދޫގައި ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ތަކުރާރުކޮށް އެންގުމުންވެސް ކުރިޔަށް ގެންގޮސްފައި ނުވާތީއާއި، ވޯޓުގެ ކަންކަން މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށްގެންދިއުމަށް މާލެއިން ޓީމެއް ފޮނުވުމުންވެސް ކެންދޫގައި އިންތިޚާބު ކުރިޔަށް ގެންދިއުމަށް ހުރަސްއަޅާފައި ވާތީއާއި، ޕާޓީގެ ޓިކެޓް ލިބޭ ކެންޑިޑޭޓުން 31 ޖެނުއަރީ 2014 ގެ ކުރިން ކަނޑައަޅަން ނިންމާފައިވާތީ، ކެންދޫއާ ނުލައި އެދާއިރާގެ ވޯޓުގެ ނަތީޖާނެރެ ކެންޑިޑޭޓު އިޢުލާންކުރުން
1 ފެބްރުވަރީ 2014