ވޯޓާރސް ލިސްޓުގައި ސޮއިކުރުން ހުއްޓާލީ ވޯޓަށް ހުރަސް އަޅަން

2014 ޖަނަވަރީ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓަރ ލިސްޓުގައި ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ސޮއި ކުރުން ހުއްޓާލުން މި ޕާޓީން ހަރުއަޑުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ.
ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބު ވާދަވެރިކަމާއެކު ކެންޑިޑޭޓުން ކެމްޕޭން ކުރަމުންދާ ހިނދު، ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުއްލިގޮތަކަށް ލިސްޓުތަކުގައި ސޮއިކުރުން ހުއްޓާލުމަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އެޅުމަށް ޕީޕީއެމް އިން އަބަދުވެސް ކުރާ ކަމެއްކަމުގައި މި ޕާޓީން ޤަބޫލުކުރަމެވެ.
ސުޕްރީމް ކޯޓުން އިންތިޚާބުތައް ބޭއްވުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޝަރުތުކޮށްފައިވާ ގައިޑްލައިނާ ގުޅިގެން އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ބޭނުންވާ ކޮންމެ ހިނދެއްގައިވެސް އިންތިޚާބު ބޭއްވުމަށް ހުރަސް އެޅިދާނެވެ. އަދި މުޅި މުވައްސަސާގެ ބާރު ކަނޑުވައި އިންތިޚާބީ ނިޒާމު ކިލަނބުކޮށްލުމަށް ފުރުޞަތު ހުޅުވިގެންދެއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ކޮމަންވެލްތުން ނެރެފައިވާ ރިޕޯޓުގައިވެސް ބަޔާންކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ މައްޗަށް ޝަރުތުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އިހްތިޞާސްއިން ބޭރުގައިކަމަށެވެ. އަދި ޤާނޫނީ ބާރު ލިބިފައިވާ އެފަދަ ގައިޑްލައިނެއް އެކުލަވާލުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޤާނޫނު ހަދާ މަޖިލިހަށް ކަމުގައިވެސް އެރިޕޯޓުގައިވެއެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނުފޫޒު ފޯރުވުން ކުރިއަށްދާހިނދު، މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ ކަމުގައި މި ޕާޓީން ނުދެކެމެވެ.
ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް މިނިވަންކަމާއެކު މަސައްކަތް ކުރަމަށް ޖާގަ ދިނުމަށް އެމްޑީޕީން ގޮވާލަމެވެ. އަދި ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުން އެއްކިބާވެ، ޑިމޮކްރަޓިކް އުސޫލްތަކާ ޤާނޫނު އަސާސީގެ ރޫޙާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރައްޔިތުންނަށް މިނިވަން އިންސާފްވެރި އިންތިޚާބެއްގައި ވޯޓު ދިނުމުގެ ޙައްޤު ހޯދައިދިނުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ.