މާލޭގެ 13 ދާއިރާއަށް 33 މެންބަރުން ކުރިމަތިލައިފި

24 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސް އެމްޑީޕީ ޕްރައިމަރީގައި މާލޭގެ 13 ދާއިރާއަށް 33 މެންބަރުން ކުރިމަތިލައިފިއެވެ. އިންތިޚާބާ ބެހޭ ކޮމިޓީއިން މިއަދު އިޢުލާންކުރި މާލޭ ދާއިރާ ތަކުގެ ކެންޑިޑޭޓުންގެ ތެރެއިން 3 ބޭފުޅަކުވަނީ ޕްރައިމަރީ އަކާއި ނުލާ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. އެއީ މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލެއްވި އަލްއުސްތާޛު އިމްތިޔާޒް ފަހުމީ އާއި، ގަލޮޅު އުތުރު ދާއިރާއަށް ކުރިމަތިލެއްވި އިވާ ޢަބްދު ﷲ އަދި މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި ޢަލީ އާޒިމްއެވެ. ރައްޔިތުން މަޖްލިސްގައި މިހާރު މާލޭގެ ދާއިރާތަކުން އެމްޑީޕީ ތަމްސީލު ކުރައްވާ ބޭފުޅުންގެ ތެރެއިން ޕްރިމަރީގައި ވާދަ ނުކުރައްވަނީ މާފަންނު ހުޅަނގު ދާއިރާ ގެ މެމްބަރ ޢަބްދުﷲ އަބްދުއްރަޙީމްއާއި މައްޗައްގޮޅި ދެކުނު ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު (ކުބޭ) އެވެ. މުޙައްމަދު ރަޝީދު (ކުބޭ) އުނުގޫފާރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާއިރު ޢަބްދުﷲ އަބްދުއްރަހީމް މި ފަހަރު އެމްޑީޕީ ގެ ޕްރައިމަރީގައި އެއްވެސް ދާއިރާއަށް ކުރިމައްޗެއް ނުލައްވައެވެ. ރައްޔިތުންގެ މަޖްލިސް އެމްޑީޕީ ޕްރިއިމަރީ ގެ ވޯޓް ލުން އޮންނާނީ ޖެނުއަރީ 24 ވާ ހުކުރު ދުވަހުއެވެ.