ކުރެވިފައިވާ ތުހުމަތުން މައޫޞޫމްކޮށް ހުރި މީހަކު ސުޕްރީމްކޯރޓް ގެ ޢަމަލަކާހެދި ޖަލަށް ލެވޭނެ ކަމާއިމެދު ގޮތެއް ކަނޑައަޅުއްވާފަ ނެތުމުން އެއަނިޔާ ހިނގާފައިވާ ކަމުގެ މައްސަލަ އުއްތަމަ ފަނޑިޔާރަށް ނިސްބަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު ޖޭއެސްސީއަށް ހުށައަޅުއްވައިފި.

ކުރެވިފައިވާ ތުހުމަތުން މައޫޞޫމްކޮށް ހުރި މީހަކު ސުޕްރީމްކޯރޓް ގެ ޢަމަލަކާހެދި ޖަލަށް ލެވޭނެ ކަމާއިމެދު ގޮތެއް ކަނޑައަޅުއްވާފަ ނެތުމުން އެއަނިޔާ ހިނގާފައިވާ ކަމުގެ މައްސަލަ އުއްތަމަ ފަނޑިޔާރަށް ނިސްބަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުން ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު ޖޭއެސްސީއަށް މިއަދު ހުށައަޅުއްވައިފި.

ޝަކުވާ ރައްދުވާ ފަނޑިޔާރަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ފާއިޒް ހުސައިން ކަމުގައި ބަޔާންކުރައްވައި، ޖޭއެސްސީގެ ފަނޑިޔާރުންނާ ބެހޭ ޝަކުވާ ފޯމް މެދުވެރިކުރައްވައި މިއަދު ހުށައެޅުއްވި މައްސަލާއަކީ މަޖިލީހުގެ ބާރުތަކާ އިމްތިޔާޒް ގާނޫނު ގެ ބައެއް މާއްދާއާއި އަކުރު އުވާލައްވައި، ހުކުމް ކުރެއްވިއިރު، ސުޕްރީމްކޯރޓްގެ އެޢަމަލުން މަޢުޞޫމް މީހަކު ޖަލަށް ގެންދެވޭނެ ކަމާމެދު ގޮތެއްކަނޑައަޅުއްވާފަ ނެތުމުން އެ އަނިޔާ ހިނގާފައިވުމުގެ ޝަކުވާ ކަމުގައި ޙާމިދު މައުލޫމާތުދެއްވާފައިވޭ.

އުއްތަމަ ފަނޑިޔާރަށް ނިޞްބަތް ކުރައްވައި ޙާމިދު ހުށައެޅުއްވި މައްސަލާގެ ތަފްޞީލު ދެއްވަމުން އޭނާ ވިދާޅުވީ “ދިވެހި ރާއްޖޭގެ ސުޕްރީމް ކޯރޓުގެ ދުސްތޫރީ ގަޟިއްޔާ ނަމްބަރު 12/SC-C / 2013، 28 ނޮވެމްބަރ 2013 ވަނަ ދުވަހުނިންމެވިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބައެއް އިމްތިޔާޒުގެ މައްސަލައެއް ކަމާއި، ހަމަ އެވަގުތު މަޖިލީހު މެމްބަރަކު ހުރީ (އިމްތިޔާޒުގެ) މައްސަލައެއްގަ ގޭގައި ބަންދުގައި ކަމާއި، އެމީހަކީ އަޅުގަނޑު ކަން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯރޓްގެ އުއްތަމަ ފަނޑިޔާރަށް ވާނީ ކުރިއަށް އެނގިވަޑައިގެންފަ. އަދި އިމްތިޔާޒްއާއި ޚިލާފަށް އަޅުގަނޑާއި މެދު ކްރިމިނަލް ކޯރޓުން އެބަ ޢަމަލުކުރައްވާކަމަށް ޢާންމުކޮށް ތުހުމަތުކޮށްފައިވަނިކޮށް، ދަންނަވާފައެވާ ގަޟިއްޔާ ނިންމެވުމުގެ ސަބަބުން މަޢުޞޫމު ކަމުގައި ދެމިހުރި އަޅުގަނޑަށް އަނިޔާއެއް މެދުވެރިވެދާނޭކަމާމެދު އުއްތަމަ ފަނޑިޔާރު ބައްލަވާފައެއް ނުވޭ. އެފަދައިން ބައްލަވާފަ އެނުވަނީ އެނގިވަޑައިގެން ކަމުގައިވާނަމަ އެއީ ގަޞްދުގައި ކުރެއްވި އަނިޔާއެއްކަމުގައި ވާނެ، އަދި އެނގިވަޑައިގެން ނެތި ކަމުގައިވާނަމަ އެއީ އަދި މާ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައި ވެގެންދޭ، ސަބަބަކީ، އޭރުން ނިހާއި އިހުމާލާއި، އެނގިވަޑައިނުގަތުމާއި، ޔައުނީ މަގާމަށް ކުފޫ ހަމަނުވާކަމަށް ދޭހަވެގެންދާތީ”.

އިމްތިޔާޒް އާއި ޚިލާފަށް، އަދި ގާނޫނާއި ޚިލާފަށް، ކްރިމިނަލް ކޯރޓާއި ފުލުހުން ކުރައްވާ ޢަމަލުތަކުން ދިފާޢުވެވަޑައިގެން ހިމާޔަތް ހޯއްދެވުމަށް ކަމުގައި ވިދާޅުވެ 23 އޮކްޓޫބަރުން ފެށިގެން 19 ނޮވެމްބަރ އާއި ހަމައަށް ހާމިދު ވަނީ މަޖިލިސްގޭގައި ދިރިއުޅުއްވާފަ. އަދި އެ މުއްދަތުގެ ތެރޭ ކޯޓު އަމުރާއި ޚިލާފްވީ ކަމަށް ވިދާޅުވެ ހާމިދު ހަމަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޣައިރު ހާޟިރުގައި ހުކުމެއް ނެރުއްވާފަ.

ބަގާވާތުގެ ހާލަތު ނެތި، ގާނޫނީ އަދި އިންތިޚާބީ ސަރުކާރެއް ގާއިމުވުމާއެކު 19 ނޮވެމްބަރ 2013 ގައި ހާމިދު ވަނީ މަޖިލިސްގެއިން ނުކުންނަވާފަ، އަދި ހަމައެދުވަހު ޑީޕީއާރުއެސް އިން އޭނާ ވަނީ ގޭގައި ބަންދުކުރައްވާފަ. 28 ނޮވެމްބަރ 2013 ދުވަހު މަޖިލީހު މެމްބަރުންގެ ބައެއް އިމްތިޔާޒް އުވާލައްވައި ސުޕްރީމް ކޯރޓުން ހުކުމްކުރެއްވުމާއި ގުޅިގެން ހާމިދު ވަނީ ޖަލަށް ގެންދެވިފަ . 01 ޑިސެމްބަރ 2013 ވަނަދުވަހު ހާމިދު ޖަލުން ދޫކޮށްލައްވާފައިވަނީ، ކްރިމިނަލް ކޯރޓުން (6 މަސް ދުވަހުގެ) ޖަލުހުކުމެއް ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމާއި، އެ ހުކުމްކުރެއްވުމަށް ހާވާލާ ދެއްވި ތިން ކޯރޓު އަމުރާއި މެދުވެސް ޢަމަލުކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމާ، އަދި އެހެންކަމުން ހާމިދު މަޖިލީސް ގޭގައި ހުންނެވި ހުންނެވުމާއި، ކޯޓު އަމުރަށް ޚިލާފްވާކަމަށް ކުރެވޭ ތުހުމަތުތަކުން ޙާމިދު ޢަބްދުލްޣަފޫރު މައުޞޫމް ކަމުގައި ދިވެހި ރާއްޖޭގެ ހައިކޯރޓުން ކަނޑައެޅުއްވުމާއި ގުޅިގެން.

“ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް އެއީ ސިޔާސީ މީހެއްކަމާ، ތުހުމަތު ކުރެވިފައިވާ ކަމަކުން އެފަދަ މީހަކު މައުޞޫމު ކޮށް ހުއްޓާ ޖަލަށް ލެއްވުން އެއީ އޭނާގެ ސިޔާސީއަބުރުވެރިކަމަށް ފޫނުބެއްދޭފަދަ ގެއްލުން މެދު ވެރިވާނެކަމެއްކަމާ އަދި އޭގެ އިތުރުން އެއީ އަނިޔާއެއް ކަން އެނގިވަޑައިގެން ހުންނަވައި، މެމްބަރު ޖަލަށް ގެންދެވޭފަދަ އަމުރެއް ކުރެއްވިއިރު، އެ މެމްބަރަށް މެދުވެރިވެދާނެ ގެއްލުމުން އޭނާ އިސްތިސްނާ ކުރެވޭނެ ޢަމަލެއް ސުޕްރީމްކޯޓުން ކުރައްވާފައެއް ނެތް” ކަމުގައި ހާމިދު ވަނީ ފާހަގަކުރައްވާފަ. //