އެމްޑީޕީ ‘ކެމްޕެއިން ޓްރޭނިންގ ވާރކްޝޮޕް’ 26 ސަރަޙައްދެއްގައި ބޭއްވިއްޖެ

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓުންނާއި މެނޭޖަރުންނާ ދާއިރާތަކުގެ މެމްބަރުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގެ ގޮތުގައި ހިންގުނު ‘ކެމްޕެއިން ޓްރޭނިންގ ވާރކްޝޮޕް’ 26 ސަރަޙައްދެއްގައި މިއަދު ބޭއްވިއްޖެއެވެ. ކުރިން ރޭވިފައިވާ ދާއިރާތަކުގެ ތެރެއިން ތަފާތު އިތުރު 4 ސަރަހައްދެއްގައި މި ވާރކްޝޮޕް މި ހަފްތާތެރޭ ހިންގަވައި ނިންމަވާނެ ކަމުގައިވެސް އެމްޑީޕީ ސެކެޓޭރިއަޓުން މިއަދު ވަނީ މަޢުލޫމާތުދެއްވާފައެވެ.
މިއަދުގެ ވާރކްޝޮޕްތައް ބޭއްވުނީ ހއ.ދިއްދޫ، ހއ.އިހަވަންދޫ، ހދ.ކުޅުދުއްފުށި، ށ.ކޮމަންޑޫ، ށ.މިލަންދޫ، ނ.ޅޮހި، ރ.ހުޅުދުއްފާރު، ރ.އިނގުރައިދޫ، ބ.އޭދަފުށި، ބ.ތުޅާދޫ، ޅ.ނައިފަރު، ޅ.ހިންނަވަރު، ޅ.ކުރެންދޫ، އއ.އުކުޅަސް، އދ. މަހިބަދޫ، ވ. ފެލިދޫ، ތ.ވިލުފުށި، ތ.ތިމަރަފުށި، ލ.ގަން، ގއ.ވިލިގިލި، ގދ.ތިނަދޫ، ގދ.ގައްދޫ، ޏ.ފުވައްމުލައް، އައްޑޫ ސިޓީ އަދި މާލެގައެވެ.. ކޮންމެ އަތޮޅެއްގެ ހުރިހާ ރަށެއްގެ ބައިވެރިންނަށްވެސް މިއަދު ތަމްރީން ދެވުނެވެ.
މިއަދު ބޭއްވުނު ވާރކްޝޮޕްގައި އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށާއި ހުރިހާ ރަށެއްގެ އެމްޑީޕީ ކެމްޕޭންގެ ހަރަކާތްތެރިންނަށް ތަމްރީން ދެވުނެވެ. ކެމްޕޭންތައް ކުރިއަށް ގެންދާނެ ގޮތާއި ސިޔާސީ ކަންކަމުގައި ކެމްޕޭން ކުރުމުގައި ކަންކުރަންވީ ގޮތާއި ގުޅޭގޮތުން ތަފްޞީލްކޮށް މަޝްވަރާކުރެވުނެވެ.
14 ޖަނުއަރީ 2014މ ވާ ހޮނިހިރު ދުވަހު ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް އޮވެގެން 827 ކެންޑިޑޭޓޫން ވާދަކުރައްވާނެ ކަމަށާއި، ބައެއް ދާއިރާގައި އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ފާހަގަ ނުކުރެއްވުނު ނަމަވެސް، އެމްޑީޕީގެ ތާއީދު އޮވެގެން ވާދަކުރައްވާނެ ކެންޑިޑޭޓުން ހުރިހާ ދާއިރާއަކުންވެސް ތިއްބަވާނެކަމުގައި އެމްޑީޕީ ގެ އިންތިޚާބު ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ޕޮލިސީ ޓީމުންނާއި ފަންނީ މެމްބަރުން އެއްކުރައްވާފަހުރި މަޢުލޫމާތުތަކުގެ އަލީގައި ކޮންމެ ރަށަކަށް ތަފާތު ތަޞައްވަރާއި އަމާޒުތައް ވަނީ ކަނޑައަޅުއްވާފައެވެ. 28 ޑިސެމްބަރ 2013 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ގެ އެމްޑީޕީ ކެމްޕޭން އިފްތިތާހުކުރެވިގެންދާނީ ކޮންމެރަށަކަށް ޚާއްޞަ ވަކި އަމާޒުތަކެއް ނުވަތަ މެނިފެސްޓޯއެއް އޮވެގެން ކަމުގައި އިންތިޚާބު ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.