އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވާއިދު އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމެޓީން އާއްމުކޮށްފިއެވެ. އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމެޓިގެމުޤައްރިރު އިބްރާހީމް ވަހީދު ވިދާޅުވިގޮތުގައި މިހާރު އިއުލާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައިވެސް އަމަލުކުރާނީ މިޤަވާއިދަށެވެ. މީގެ ކުރިން ކޮންމެ އިންތިޚާބަކަށް ވަކި ޤަވާއިދެއް ނެރެމުން އައި އުސޫލު ބަދަލުކޮށް މީގެ ފަހުން ޕާޓީން ބާއްވާ ހުރިހާ އިންތިޚާބެއްގައިވެސް އަމަލުކުރާނީ މިޤަވާއިދަށް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އަދި މިޤަވާއިދުގައި އިންތިޚާބަށް ހުޅުވާލުމުން ފެށިގެން ވޯޓްގުނައި ދާއިމީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެެއެވެ.