އެމްޑީޕީއަށް ދިވެހި ރައްޔިތުން ދެއްވި ބޮޑު ތާއިދަށް ޝުކުރު ދެންނެވުމުގެ ގޮތުން ނެރޭ ނޫސް ބަޔާން

noosbayan

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށާއި މި ޕާޓީއަށް ދިވެހި ރައްޔިތުން ދެއްވި ބޮޑު ތާއީދަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

ހަނި ތަފާތަކުން ތަފާތު ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަންގެ މައްޗަށް އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބު ނުހޯދުނު ނަމަވެސް، 105181މީހުންގެ ވޯޓާއި އެކު ވޯޓުލީ މީހުންގެ 48.16 ޕަސެންޓް އެމްޑީޕީއިން ހޯދާފައިވާތީ، ދިވެހި ރައްޔިތުން ކުރާ އިތުބާރު ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ. އަދި ފާއިތުވެދިޔަ އިންތިޚާބުތަކުގައި އެމްޑީޕީއަށް ލިބުނު ވޯޓުގެ އަދަދު އިތުރުވަމުން ދިޔުމަކީ މިޕާޓީއިން ހެޔޮ ވެރިކަމެއް ގާއިމްކޮށް ޑިމޮކްރެސީގެ އަސާސްތައް ނަގަހައްޓާއި، ރައްޔިތުންގެ ފަރުދީ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން އަންގައިދޭ ކަމެކެވެ.

ހަމައެހެންމެ، އިއްޔެ (16 ނޮވެމްބަރ 2013) ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 91.41 ޕަސެންޓް މީހުން ނިކުމެ ވޯޓު ދިނުމުގެ ހައްގު ބޭނުންކޮށްފައިވާތީ ޑިމޮކްރެސީގެ އުސޫލުތައް ނެގެހެއްޓުމަށް ރައްޔިތުން ކުރަމުންދާ އުންމީދުތައް ހާމަކޮށްދެއެެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ގާނޫނީ ވެރިކަމެއް ނެތިގޮސް، ރައްޔިތުން އުފުލި ތަކުލީފަށް ނިމުމެއް ގެނައުމަށް އެމްޑީޕީއިން ތަކުރާރުކޮށް އިންތިޚާބެއް ބޭއްވުމަށް އެމްޑީޕީއިން ގޮވަމުން އައި ގޮވުމަކީ ރައްޔިތުންވެސް ބޭނުންވާ ގޮތްކަން އެނގިގެން ހިނގައްޖެއެވެ.

ނިމިގެންދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ވަރަށް ބޮޑު ތާއީދެއް ހޯދުމަށް އެމްޑީޕީގެ ސިޔާސަތުތަކާއި، މެނިފެސްޓޯ ރައްޔިތުންނާއި ހަމައަށް ގެންގޮސް ދީ ކެމްޕެއިން ކުރުމަށް ކެނޑިނޭޅި ވަރަށް ގިނަ ފަރާތްތަކުން ވަނީ މަސައްކަތްކޮށްފައެވެ. ވުމާއެކު، އެހުރިހާ ފަރާތްތަކުން އެކޮށްދެއްވި ބުރަ މަސައްކަތަށް އެމްޑީޕީއިން ފަށްފަށުން ޝުކުރު ދަންނަވަމެވެ.

އަދި ދިމާވި ގޮންޖެހުންތަކާއި އެކުވެސް ސިޔާސީ ޕާޓީތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތައް ބަލައިގަންނަފަދަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބުރަކޮށް މަސައްކަތްކުރައްވައި، އެފަދަ އިންތިޚާބެއް ބާއްވައިދެއްވައިފައިފާތީ އިލެކްޝަންސް ކޮމިޝަންއަށް އެމްޑީޕީއިން ޝުކުރު އަދާކުރަމެވެ.

ވާދަވެރި ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މިޕާޓީއިން ދެމިތިބޭނެކަމުގެ ޔަގީންކަން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެމްޑީޕީއިން އަރުވަމެވެ.

17 ނޮވެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއޭޓް