ޕީޕީއެމްގެ ކެންޑިޑޭޓު ޔާމިން އަބްދުލް ގައްޔޫމް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން މަރުހަބާ ދެންނެވުމަށް ނެރޭ ނޫސް ބަޔާން

noosbayan

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެނޑިޑޭޓު ޔާމިން އަބްދުލް ގައްޔޫމް ވާދަވެރި ރިޔާސީ އިންތިޚާބަކަށްފަހު ހަނި އަޣްލަބިއްޔަތަކުން އެއިންތިޚާބު ކާމިޔާބުކުރައްވައި، ކުރިއަށް އޮތް 5 އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވި ވަޑައިގެންފައިވާތީ އެމަނިކުފާނަށާއި، އެމަނިކުފާނުގެ ޕާޓީ އާއި ސަޕޯރޓަރުންނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މަރުހަބާ ދަންނަވަމެވެ.

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ޤާނޫނީ ވެރިކަމެއް ގާއިމްކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރާ ޕާޓީއަކަށް ވީއިރު އިއްޔެ (16 ނޮވެމްބަރ 2013) ބޭއްވުނު ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ ނިންމުން ހާމަވެގެންދިޔަ އިންސާފުވެރި އިންތިޚާބެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ވެރިކަމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ގައުމަށް އަގު ނުކުރެވޭ ގެއްލުންތަކެއް ލިބިގެންދިޔައެވެ.

އެމްޑީޕީއިން (އުންމީދުކުރަނީ) ދުވަސްތަކަކަށްފަހު އަނެއްކާވެސް ރައްޔިތުންގެ ފުށުން ގާއިމްވެގެން މިއަންނަ އައު ވެރިކަމަކީ ޑިމޮކްރެސީގެ އުސޫލުތައް ނަގަހައްޓާ، ލާމެހިފައިވާ ދުނިޔެއެއްގައި އެކަހެރިނުވެ ގައުމަށް ތަރައްޤީ ލިބޭނެ ވެރިކަމަކަށްވެގެން ދިޔުމެވެ. އަދި ދައުލަތަށް އިޚުލާސްތެރި ވާދަވެރި ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީކުރުވާއި، ވެރިކަމުގެ ބާރުތައް ބޭނުން ކުރަމުން އަންނަ ގޮތް ބަލާ ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކުރުމުގެ މަސައްކަތް އެމްޑީޕީއިން ކުރަމުން ގެންދާނެއެވެ. ތަފާތު ކުޑަކޮށް އިންތިޚާބު ކާމިޔާބު ކުރެއްވުމުން ގައުމުގައި ވާދަވެރިންގެ އަޑު އޮތް މިންވަރު ވަރަށް ފުރިހަމައަށް ހާމަވެގެންދިޔަކަމަށް މިޕާޓީއިން ދެކެމެވެ.

ރިޔާސީ އިންތިޚާބުގައި ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ދަންނަވައި ހިނދު، އެމްޑީޕީއިން އެދެނީ ޔާމިން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމަށް ހުރަސް ނާޅުއްވައި، އެރައްޔިތުން ބާރުވެރިކުރުވުމުގެ މަސައްކަތް ކޮށްދެއްވުމެވެ. އަދި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭ މާތްވެގެންވާ އިސްލާމްދީން ބިނާވެފައިވާ މަތިވެރި މަޤްސަދުތަކާއި ޑިމޮކްރެޓިކް އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިސްލާޙީ ޤަުއުމަށް ބަދަލުތަކެއް އައިސް ތަރައްޤީ ރައްޔިތުންނަށް ލިބިގެން ދިޔުމަކީ އެމްޑީޕީއިން އަބަދުވެސް އެދޭ ގޮތެވެ.

17 ނޮވެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއޭޓް