އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލޭގައި އޮންނާނީ ކަލާފާނު ސްކޫލުގައި ކަމަށް އެޕާޓީން ބުނެފި

19 ސެޕްޓެމްބަރ 2010

ލިޔުނީ: ރާމިޒް

shah-thulhaadhoo-450-x-338

ދިވެހިރައްޔިތުންގެ ޑިމޮކްޜެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި މާލޭގައި ވޯޓުލުން އޮންނާނީ ކަލާފާނު ސްކޫލުގައި ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވީ ކުރިން އެމްޑީޕީ ހަރުގޭގައި މި ވޯޓުލުން ބާއްވާ ގޮތަށް ހަމަޖެއްސި ނަމަވެސް މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވާތީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ކަލާފާނު ސްކޫލަށް ބަދަލުކުރެއްވީ ކަމަށެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލޭގެ ދާއިރާތަކާއި، މާލޭގައި ދިރިއުޅުއްވާ އަތޮޅުތަކުގެ ރައްޔިތުންނަށް ކަލާފާނު ސްކޫލުގައި ހުޅުވިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއިންތިޚާބުގެ ވޯޓުލުން 24 ސެޕްޓެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން ފެށިގެން ރޭގަނޑު 8.00 އާ ހަމަޔަށް ކުރިޔަށްދާނޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މި އިންތިޚާބަކީ މުޅިން އިލެކްޓްރޯނިކްކޮށް އެސްއެމްއެސްގެ ޒަރީޢާއިން ވޯޓުލެވޭ ގޮތަށް ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ އިންތިޚާބެވެ. އެގޮތުން ކޮންމެ ރަށެއްގައި ޕޯލިންގ ސްޓޭޝަނެއް ހުންނާނެ ކަމަށާއި، މި ޕޯލިންގ ސްޓޭޝަނުގައި އެ ރަށެއް ހިމެނޭ ދާއިރާގެ ކެންޑިޑޭޓުންނަށް ވޯޓުލުމަށް ފޯނެއް ބޭއްވިފައިވާނޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެރަށެއްގައި ހުންނަ ޕޯލިންގ ސްޓޭޝަނަކުން ވޯޓު ލެވޭނީ އެރަށެއްގައި ރެޖިސްޓްރީ ކުރެވިފައިވާ މީހުންނަށް ކަމަށާއި،
މާލޭގައި މާލޭ ދާއިރާތަކުގެ އިތުރުން ހުރިހާ އަތޮޅުތަކެއްގެ ދާއިރާތަކެއްގެ ކެނޑިޑޭޓުންނަށް ވޯޓުލެވޭނޭ ފޯނުތައް ކަލާފާނު ސްކުލުގައި ހުންނަ ޕޯލިންގ ސްޓޭޝަންތަކުގައި ހުންނާނެ ކަމަށެވެ. އަދި ޕޯލިންގ ސްޓޭޝަންތަކަށް ވޯޓުލުމަށް ދާން ބޭނުންނުވާ ނުވަތަ ދާން އުޒުރުވެރިވާ މެމްބަރުންގެ ތެރެއިން އެމްޑީޕީ ސެކްރެޓޭރިއަޓްގައި ފޯނު ނަންބަރު ރަޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިއްބަވައިގެންވެސް މި އިންތިޚާބުގައި ވޯޓުލެވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި އެސްއެމްއެސްއިން ވޯޓުލުން ކުރިއަށް ގެންދެވޭނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޕޯލް އެވްރީވެއަރ ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ.
ޕޯލް އެވްރީވެއަރއަކީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޕޯލިންގެ ޚިދުމަތްދޭ ކުންފުންޏެކެވެ.