ދިވެހި ދައުލަތުގެ ދަރަނީގެ ޙާލަތާއި ގުޅޭ ގޮތުން އެމްޑީޕީގެ ބަޔާން

noosbayan

ސަރުކާރުގެ ބަޖެޓް ގިނަ އަހަރުތަކެއްގައި ޑެފިސިޓް ވަމުން އައުމާ ގުޅިގެން ޑެފިސިޓް ފޫބެއްދުމަށްޓަކައި އަދި އެކި އެކި ތަރައްގީ ގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ބޭރުންނާއި އަދި ރާއްޖޭން ދަރަނި ނަގަމުން ގޮސްފައިވެއެވެ. މިގޮތުން ދަރަނީގެ ސްޓޮކަށް ބަލާއިރު 2003 ވަނަ އަހަރުން ނިމުނު އިރު ޖުމްލަ ދަރަނީގެ އަދަދަކީ 5 ބިލިއަން ރުފިޔާއެވެ. އަދި އެމް.އެމް.އޭ ހިސާބުތަކުން ދައްކާގޮތުގައި 2004 އަކާއި 2008 އަކާ ދެމެދު ނެގިފައިވާ ދަރަނި 10.5 ބިލިއަން އިތުރު ވެފައިވެއެވެ. ވީމާ، ޖުމްލަ ދަރަނި 2008 ގެ ނިޔަލަށް 15.5 ބިލިއަނަށް ރުފިޔާއަށް އަރާފައިވެއެވެ.

މިގޮތުން މި ފަސް އަހަރުގެ (2004 – 2008) ތެރޭގައި އިތުރުވެފައިވާ ދަރަންޏަށް ބަލާއިރު ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހެނީ 33,404 ރުފިޔާ އިތުރު ވެފައިވެއެވެ. އަދި މިފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓްގެ ޑެފިސިޓް ކުޑަކުރުމަށް ހަމަ އެއްވެސް އިތުރު އާމްދަނީ ލިބޭނޭ ގޮތްތަކެއް ހޯދިފައެއްނުވެއެވެ. މީގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ އެންމެ ފުޅާދާއިރާއެއްގައި ކޮންޓްރިބިއުޓް ކުރާ ސެކްޓަރ ކަމުގައި ޓުއަރިޒަމް ގެ ސިނާއަތަށް އިތުރު ރަށްތަކެއް ދޫކުރެވި، މި ރަށްތަކުން ކުރިޔަށް ފައިސާ ނަގަމުން ދިޔުމުގެ ސަބަބުން ގިނަ ރަށްތައް ތަރައްގީ ނުކުރެވިހުރުމުގެސަބަބުން އިގްތިސާދަށް އިތުރަށް ވަންނަން ހުރި އާމްދަނީ ހުއްޓިގެން ދިޔައެވެ.

2009 އާއި 2011 ވަނަ އަހަރަށް ބަލާލާއިރު، ދަރަނި އިތުރު ވެފައިވަނީ 6.7 ބިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮލަކަށް 20,362 ރުފިޔާގެ އިތުރުވުމެކެވެ. މި އިތުރުވުމަކީ ކުރީގެ ފަސްއަހަރާއަޅާބަލާއިރު އެންމެ %39 ގެ މަދު މިންވަރެކެވެ.

ބޮޑު އިޤްތިޞާދަށް ބަލާލާއިރު، 2009 ގައި މުޅި ދުނިޔެ މާލީ އަޑިގަނޑަކަށް ވެއްޓި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑުނިސްބަތަކުން ކޮންޓްރިބިއުޓް ކުރާ ޓުއަރިޒަމް ސެކްޓަރ އާމްދަނީ ދައްވެގެންދިޔައެވެ. އަދި 2008 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމެއްގައި ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވި، 3 ބާރު ވަކިވެ، މިނިވަން މުއައްސަސާތައް އެކުލަވާލެވުނެވެ. މިހެންވުމުން ދައުލަތު ޚަރަދުތައް 2008 ގެ ކުރިއާ އަޅާބަލާއިރު އެތައްގުނައެއް ބޮޑުވެގެންދިޔައެވެ. މިހެން ހާލަތު އޮތްކަމުގައި ވީނަމަވެސް އެމް.ޑީ.ޕީގެ ސަރުކާރުން، އާމްދަނީ އިތުރުވާނެ ގޮތްތަކެއް ރާވައި، ތަންފީޒުކޮށް، 5 އަހަރުގެ ތަރައްގީގެ މަޝްރޫޢުތައް ފައްޓައި 2008 އަޅާބަލާއިރު އަމްދަނީ 4 ބިލިއަން ރުފިޔާ އިތުރު ކޮށްފައިވެއެވެ.

ޕީޕީއެމްގެ ރިޔަސީ ކެންޑިޑޭޓް ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ ދަރަނީގެ މިންވަރު 35 ބިލިއަން ރުފިޔާއަށް އަރާކަމުގައެވެ. އެހެންނަމަވެސް 35 ބިލިއަންއަކީ 2013 ވަނައަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ މިންވަރެވެ. އަދި އެއީ ދަރަންޏެއް ނޫން ނޫން ކަމުގައި ފާހަގަ ކުރަމެވެ. 2011 ވަނަ އަހަރު ނިމުނުއިރު ޖުމްލަ ދަރަންޏަކީ 22 ބިލިއަން ރުފިޔާއެވެ. އާބާދީ އަކީ 332،000 ކަމަށްވާއިރު ޖުމްލަ ބޮލަކަށް ޖެހެނީ 67،000 ރުފިޔާއެވެ.

14 ނޮވެމްބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް