ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންތަކެއް ރައީސް ނަޝީދަށް ތާއީދުކޮށް އެމްޑީޕީ އާއި ގުޅިވަޑައިގެންފި

photo

16 ނޮވެމްބަރ 2013ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރަން ނިންމައި ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންތަކެއް އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ. މިއަދު (14 ނޮވެމްބަރ 2013)ގައި ރައީސް ނަޝީދާއި އެކު ބޭއްވުނު ޕްރެސް ކޮންފަރެންސްގައި އެމްޑީޕީއާއި ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންކަމުގައިވާ ޑރ. އިބްރާހިމް ދީދީ (ޑީޑީ)، ކުރީގެ ޓްރާންސްޕޯރޓް މިނިސްޓަރ ޑރ.އަޙްމަދު ޝަމްހީދު، މާލޭ ސިޓީ ކައުންސިލްގެ މެންބަރު ހަމީދު (ފްލައި) އަދި އެޕާޓީގެ ސްޕޯކްސްޕަރސަން މޫސާ ރަމީޒެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީވެސް އެމްޑީޕީއާއި ގުޅިވަޑައިގަތެވެ.

މިޕްރެސް ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)އަށް ތާއީދުކުރެއްވީ މަޖުބޫރުވެގެންކަމަށާއި، އަދި ޖުމްހޫރީ ޕާޓީގެ އެނިންމުމަށް ތާއީދު ނުކުރެވުނީ އެބޭފުޅާއަކީ އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅަކަށް ވާތީކަމަށެވެ. ރާއްޖޭގައި އޮތީ ދެފިކުރުކަމަށާއި އެއީ ގައުމު ރިފޯމްކުރުމުގެ ފިކުރާއި 30 އަހަރުގެ ޚުދުމުހުތާރު ވެރިކަމުގެ ފިކުރުކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވިއެވެ. އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވީ އެ 30 އަހަރުގެ އާއިލީ ވެރިކަމަކަށް ޖާގަނުދޭންކަމަށާއި، އަނެއްކާވެސް އެމަގުން ހިނގަން ޖެހިދާނެކަމުގެ ބިރު ހީވުމުންކަމަށް ވިދާޅުވިއެވެ.

ޑރ. މަޖީދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެބޭފުޅައަކީ އަދާލަތު ޕާޓީ އުފެއްދެވުމަށް އެންމެ އިސްކޮށް އުޅުއްވި އެކަކު ކަމަށާއި އެހެންނަމަވެސް އަދާލާތު ޕާޓީއިން ވަކިވެ އެމްޑީޕީއާއި ގުޅިވަޑައިގަތީ އެޕާޓީ މިހާރު ހިންގަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހިގެންކަމަށެވެ. ޕްރެސް ކޮންފެރެންސްގައި އެމްޑީޕީއަށް އަލަށް ގުޅިވަޑައިގެންނެވި މާލޭ ސިޓީ ކައުންސިލް މެންބަރު ހަމީދު އާއިލީ ވެރިކަމަކަށް ތާއީދު ނުކުރެއްވޭނޭކަން ފާހަގަކުރައްވަމުން ވިދާޅުވީ އެބޭފުޅާ އަބަދުވެސް ތާއީދުކުރައްވާނީ އިސްލާހަށްކަމަށެވެ.

ކުރީގެ ޓްރާންސްޕޯރޓް މިނިސްޓަރ ޑރ. ޝަމްހީދު ވިދާޅުވީ މަޖުބޫރީ ހާލަތުގައި ހިތާއިދެކޮޅަށް ޤާސިމް އިބްރާހިމް ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ނަމަވެސް އެބޭފުޅާގެ ހިތްއޮތީ އެމްޑީޕީއާއި އެކުކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އަލިއަޅުވައިލައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ 2008 ވަނަ އަހަރުވެސް އިންތިޚާބުގައި އޮތީ ދެނަންކަމަށާއި އެއީ ރައީސް ނަޝީދާއި، އަބްދުލް ޤައްޔޫމްގެ ނަންކަމަށެވެ. އަދި މިފަހަރު އިންތިޚާބުގައިވެސް އޮތީ ހަމަ އެދެނަންކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މިއަދު ބޭއްވުނު ޕްރެސް ކޮންފެރެންސްގައި އެންމެ ފަހުން ވާހަކަފުޅު ދެއްކެވީ ޖުމްހޫރީ ޕާޓީގެ ސްޕޯސްޕާރސަން މޫސާ ރަމީޒެވެ. އެބޭފުޅާ އެމްޑީޕީއާއި ގުޅިވަޑައިގެން ރައީސް ނަޝީދަށް ތާއީދު ކުރެއްވި ސަބަބެއްކަމަށް ފާހަގަކުރެއްވީ އެބޭފުޅާ އާއި ގާސިމް އިބްރާހިމް އަދި އެތަކެއް ދިވެހިންނަށް ޖަލުގައި އަނިޔާ ލިބުނު އާއިލީ ވެރިކަން ތަކުރާރުވިޔަ ނުދިނުންކަމަށެވެ. އަދި އެސަބަބަށްޓަކައި ރައީސް ނަޝީދު ހޮވަން މަޖުބޫރުކަމަށާއި ދާން އުޅޭ އަސްލު މަންޒިލް ނޯޅޭ ކަމުގައި މޫސާ ރަމީޒު ވިދާޅުވިއެވެ.

މިއަދު އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމްތައް ރައީސް ނަޝީދާއި ހަވާލުކޮށްދެއްވީ ޕާޓީގެ ޗެއަރޕަރސަން މޫސާ މަނިކުއެވެ.