ރޭ އެމްޑީޕީއިން ކުރަމުން ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ފުލުހުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލުން

noosbayan

2008ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ބަޣާވާތަކުން ވެރިކަމަށް އެރުއްވުމަށްފަހު ރޭ (10 އޮކްޓޯބަރ 2013 އާދީއްތަ) މެންދަމަށް ވެރިކަމުގެ ހުންނެވުމުގެ މުއްދަތު ހަމަވުމުން އެމަޤާމުގައި ދެން އިތުރަށް ނުހުރެވޭނެކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނިކުމެ އެމަނިކުފާނުން ވަރިކަމުގައި އިތުރަށް ހުންނެވުމަށް ބޭނުންނުވާކަން ފާޅުކޮށް ކުރަމުން ގެންދިޔަ ސުލްހަވެރި އިޙްތިޖާޖުގައި ފުލުހުންގެ ކޮމިޝަނަރ އަބްދުﷲ ރިޔާޒުގެ އަމުރަށް އަނިޔާވެރި ކަމާއިއެކު ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ.

އަދި 9 ނޮވެމްބަރ 2013ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ކެންޑިޑޭޓުން ނިންމާފައިވާ ދުވަހު ދެވަނަ ބުރު ސްޕްރީމް ކޯޓުގެ އަމުރަށް ފަސްކުރުމާއި، 11 ނޮވެމްބަރ 2013 ގައި ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމުކޮށް ރައްޔިތުން ތަމްސީލުކުރާ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކޮށްފައި ހުންނަންޖެހޭކަމަށް ޤަބޫލުކޮށް ސުލްހަވެރިކަމާއިއެކު އިހުތިޖާޖުކުރުން އެއީ ކޮންމެރައްޔިތަކު ކުރަން ޖެހޭނެ ކަމެއްކަމަށް މިޕާޓީން ދެކެމެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެންމެހައި ކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައި ވީހިނދު ރައްޔިތުންގެ މިފަދަ ބޮޑު ޙައްޤަކަށް އަރައިގަތުމަކީ ދިވެހިރާއްޖޭގައި އަށަގަންނަމުން އަންނަ ޑިމޮކްރަސީއަށް ލިބުނު ހުރަހެއްކަމުގައިވެސް ދެކެމެވެ.

ޕޮލިސް ކޮމިޝަނަރ ކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު ގެ އަމުރަށް ފުލުހުން މިފަރާތައް ރޭގައި ހައްޔަރުކޮށްފައިވަނީ އެފަރާތައް ސުލްޙަވެރިކަމާއެކު އިހްތިޖާޖު ކުރަމުން ދަނިކޮށް އެއްވެސް ސަބަބަކާނުލައި ފުލުހުންގެ ޔުނިފޯމުގެ ނާޖާއިޒު ބާރުގެ ބޭނުންކޮށްގެން ޣައިރު ޤާނޫނީ ހައްޔަރަކުންނެވެ.

ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒު މިފަދައިން އެއްވެސް ހަމައެއް އުސޫލެއް ނެތް ގޮތަށް އަމަލުކުރައްވަމުން ގެންދަވަނީ އޭނާއަކީ ބަޣާވާތުގެ ބައިވެރިއަކަށް ވާތީއާއި ، ކުރިން ވެސް ރައްޔިތުންނަށް ޖިސްމާނީ އަނިޔާކުރައްވާފައިވާ ބޭފުޅަކަށްވާތީއެވެ. ޤާނޫނާ މުޅިން ޙިލާފުވެފައިވާ މިފަދަ ބޭފުޅަކު އިސްވެހުންނަވައިގެން އިންސާނީ ހައްޤުތަކަށް އަރައިގަނެ ޤާނޫނާ ޚިލާފަށް އެފަރާތްތައް ހައްޔަރުކުރި ކުރުމަށް އިންސާފު ހޯދައިދިނުމަށްޓަކައި މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްއިން މިމައްސަލަ ބައްލަވައިދެއްވުމަށް ގޮވައިލަމެވެ.

11 ނޮވެމްބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް